އަޅުކަން ކުރުމާ ޢާއިލީ ޒިންމާ އަދާކުރުން އިތުރު ނުކުރާ މީހަކަށް ހުކުރު ދުވަހުން ލިބޭނެ އެއްވެސް ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އަޅުކަން ކުރުމާ ޢާއިލީ ޒިންމާ އަދާކުރުން އިތުރު ނުކުރާ މީހަކަށް ހުކުރު ދުވަހުން ލިބޭނެ އެއްވެސް ފައިދާއެއް ނެތް!

މުސްލިމް ޤައުމުތަކުގައި ހުކުރު ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ފާހަގަކުރާކަން އެއީ ލިބިފައިވާ ވަރަށް ބޮޑު ނިޢްމަތެކެވެ. ވިސްނައިލަންވީ ކަމަކީ އެދުވަސް ބަންދު ދުވަހަކަށް ހަދަނީ މުހިންމު ސަބަބުތަކެއް ހުރުމުން ކަމެވެ. އެއްވެސް ހާލެއްގައި ހުކުރު ދުވަސް ބަންދުކުރަނީ ނިދައި އަރާމުކޮށް ކުޅިވަރުކުޅޭކަށް ނޫނެވެ. ޙަޤީޤަތަށް ބަލައިފިނަމަ ހުކުރު ދުވަހަކީ މުސްލިމުންނަށް އިތުރަށް ބުރަ ބޮޑުވާ ދުވަހެކެވެ. އެދުވަހުގެ ހަޤީޤީ ފައިދާ ޙާޞިލުކުރަން ބޭނުންނަމައެވެ. 

ހުކުރު ދުވަހަކީ ފަހްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހެވެ. ހުކުރު ދުވަސް ބަންދު ދުވަހަކަށް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ވީހައި ގިނައިން އަޅުކަން ކުރުމެވެ. ހުކުރު ދުވަހަކީ  ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ މައްޗަށް ޞަލަވާތް ކިޔެވުން ވީހައި ގިނަކުރަން ޖެހޭ ދުވަހެވެ. 

ހުކުރު ދުވަސް ބަނދު ދުވަހަކަށް ހެދުމުގެ ބޭނުމަކީ އެދުވަހު ކުރަން ޖެހޭ އަޅުކަންތައް ކުރުމާއިއެކު އަނބިދަރިންނާއިއެކު ވީހައި ގިނަ ވަގުތު ހޭދަކުރުމެވެ. ގާތް ތިމާގެ މީހުންނާއިއެކު ވަގުތު ހޭދަކުރުމަށެވެ. މައިން ބަފައިން ދިރިއުޅެނީ ވަކިން ކަމަށްވާނަމަ އެމީހުންނަށް ޒިޔާރަތްކޮށް ޙާލުބަލައި ހެދުމަށެވެ. ވީހައި ކުރިން ހުކުރަށް ގޮސް ހުކުރު ނަމާދުގައި ބައިވެރިވުމަށެވެ. މިމަޤްޞަދުތައް ޙާޞިލް ނުކުރާނަމަ ހުކުރު ދުވަސް ބަންދުކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. 

ހުކުރު ދުވަހަކީ ވަރަށް ގިނަ ޚާއްޞަ ކަންތައްތަކެއް ހިނގާފައިވާ ދުވަހެކެވެ. އާދަމްގެފާނު އުފެއްދެވި ދުވަހެވެ. އާދަމްގެފަނު ފުރާނަ އެޅުއްވެވި ދުވަހެވެ. އަދި އާދަމްގެފާނުގެ ފުރާނަފުޅު ހިއްޕެވިވެސް ދުވަހެވެ. ޤިޔާމަތްވުމަށް ތާޅަފިލި ފުންމަވައިލެއްވެވޭނެ ވެސް ދުވަހެވެ. އަދި ބައެއް އިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ހުކުރު ދުވަހަކީ އާދަމްގެފާނު އުޑުން ބިމަށް ފޮނުއްވެވުނުވެސް ދުވަހެވެ. އެހެންކަމުން ހުކުރު ދުވަހު ހިނގާފައިވާ މިފަދަ މުހިންމު ކަންކަމަށް ވިސްނައިފިނަމަ އެމީހެއްގެ ހިތުގައި ބިރުވެރިކަންވެސް އުފެދޭނެއެވެ. އަދި ތަޤްވާވެރިކަންވެސް އިތުރުވާނެއެވެ. 

މިހާރަކަށް ހުކުރު ދުވަސް މިވަނީ ކުޅިވަރުކުޅެ، ރައްޓެހިންނާއިއެކު މަޖާކުރާ ދުވަހަކަށް ހަދައިފައެވެ. ޙައްޤް ތެދކެވެ. އެގޮތަށް ހުކުރު ދުވަސް ފާހަގަކުރާ މީހަކަށް ހުކުރު ދުވަހުގެ އެއްވެސް އުފަލެއް ނުލިބޭނެއެވެ. މިބުނީ ހުކުރު ދުވަހުގެ ސަބަބުން ލިބެންހުރި އުޚްރަވީ އެއްވެސް ފައިދާއެއް ނުލިބޭނެ ވާހަކައެވެ. މިކަންކަން ވިސްނޭނީ ތަޤްވާވެރިންނަށެވެ. ހުކުރު ދުވަހުގެ ހަޤީޤީ ފައިދާ ޙާޞިލުކުރަން ބޭނުންވާ މީހުންނަށެވެ. އެކަމަށް އެދިގެން މަސައްކަތްކުރާ މީހުންނަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން