ފުރަތަމަ ޒަމްޒަމް ވަޅުގެ ތާރީޚަށް ބަލައިލަމާ ހެއްޔެވެ؟ އިބްރާހީމްގެފާނު، ލޯބިވާ ހާޖަރު އާއި ތުއްޕުޅު އިސްމާޢީލްގެފާނު އެތަނަށް ދޫކޮށް ލެއްވެވީ އެއްވެސް ގަހެއް ރުކެއް ނެތް ހަނަފަސް ސަހަރާއެއްގެ ގޮތުގައި އޮތް ބިމަކަށެވެ. އެންމެ ކުޑަމިނުން ބޯނެ ފެންފޮދެއް ލިބޭނެ ގޮތެއްވެސް ނެތް ބިމަކަށެވެ. އެތަނުގައި އެއްވެސް މީހަކުވެސް ނެތިއެވެ.
ދެން ކަންތައް ވެގެން ދިއަ ގޮތަށް ވިސްނާށެވެ! އެއީ ﷲ ތަޢާލާގެ އަމުރުފުޅަށް އިބްރާހީމްގެފާނު ކުރެއްވެވިކަމެއްކަން އެނގިވަޑައިގަތުމުން ހާޖަރު އެއްވެސް ސުވާލެއް ނުކުރައްވަވައެވެ. ހަމައެކަނި ވިދާޅުވީ އެހެންކަމަށްވާނަމަ ﷲ ތަޢާލާ ތިމަންމެން 2 މައިކަނބަލުންނަށް ރައްކައުތެރިކަން ދެއްވަވާނެ ކަމަށެވެ. ﷲ ތަޢާލާއަށް އިތުބާރު ކުރުމާއި ވަކީލް ކުރުމުގައި މިއަށްވުރެ ފުރިހަމަ ވަކިން ފުރިހަމަ ނަމޫނާއެއް ދެއްކިދާނެ ހެއްޔެވެ؟ ހަނަފަސް ސަހަރާއެއްގެ މެދުގައި އެއްވެސް މީހަކުވެސް ނެތް ބިމެއްގައި ދެމައިކަނބަލުން ގިނިކަންޏާ ތިއްބަވަން އެއްވެސް ޖެހިލުންވެވަޑައިގަތުމެއް ނެތި އަދި އިތުރަށް "އުފް" ވިދާޅު ނުވެ އެއްބަސްވެވަޑައިގަތުމުން ހާޖަރުގެ ހިތްޕުޅުގައި ﷲ ތަޢާލާއަށް އޮތް އިތުބާރު ހާމަ ނުވޭހެއްޔެވެ؟
ދެން ބަލައިލަންވީ އިބްރާހީމްގެ ފާނު އަމަލު ކުރެއްވެވި ގޮތަށެވެ. އަނބިކަނބަލުން ހާޖަރް އާއި އިސްމާޢީލް ފެނިވަޑައިނުގަންނަވާ ހިސާބަށް ވަޑައިގަތުމަށްފަހު ކަޢުބާއަށް (އެއިރު ގެފުޅެއް ނެތް) ކުރިމަތިލައްވަވައި ދުޢާ ކުރެއްވެވީ އެ ބިމުގައި ބަރަކާތް ލައްވަވައި ދެއްވެވުމަށެވެ.
ދެން އިތުރު ޒަމްޒަމްވަޅުކޮޅެއް ނުލިބޭނެއެވެ. ނަމަވެސް ހާޖަރުގެ ހުރި ފަދަ ކިޔަމަންތެރިކަމާއި ތަޤްވާވެރިކަން ލިބިގަނެ އަދި އެމިންވަރަށް ﷲ ތަޢާލާ އަށް އިތުބާރު ކުރެވިއްޖެނަމަ އެމީހަކަށްޓަކައި ހަމަ އެފަދަ ނިޢްމަތްތައް މިންވަރު ކުރައްވަވާނެކަން އެއި އެއްވެސް ޝައްކެއް ހުރި ކަމެއް ނޫނެވެ. އެ ބޮޑު މުޞީބާތުން ހާޖަރް އާއި އިސްމާޢީލްގެފާނެ ސަލާމަތް ކުރައްވަވައި ނިޢްމަތްތައް ތަނަވަސްކޮށްދެއްވެވި ގޮތާއިމެދު ނިކަން ވިސްނައި ފިކުރުކޮށްލަބަލާށެވެ.
މިވާހަކައިން ދީނީ ޢިލްމުވެރިން ވަރަށް ގިނައިން މިސާލުޖައްސަވައެވެ. އެއީ ހަމަ އެ ހާދިސާއިން ޙާޞިލުކުރަން ޖެހޭ ޢިބްރަތްތައް ގިނަކަމުންނެވެ. ވިސްނައި ފިކުރުކުރުން ލިބޭނެ ފައިދާތައް ވެސް ގިނަކަމުންނެވެ.
ދެމައިކަނބަލުން އެވަގުތާއި ހަމައަށް ގިނިކަންޏާ ތިއްބެވި ބިމުގައި މީހުން ދިރިއުޅެން ފަށައި މައްކާ އާބާދުވެގެން ދިއަ ގޮތާއިމެދު ނިކަން ވިސްނައި ފިކުރުކޮށްލަބަލާށެވެ! މިއަދުވެސް ވޮޑިގެންވަނީ ހަމަ އެދުވަހުވެސް ވޮޑިގެންވީ ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ތަޢާލާއެވެ. ބަދަލު އައިސްގެން މިއުޅެނީ ހަމަ މީސްތަކުންގެ ޢަޤީދާއަށެވެ. މީސްތަކުންގެ ހިތަށެވެ. މީސްތަކުންގެ އަމަލުތަކަށެވެ.
ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ކޮންމެ ކަމެއް ބޭނުންވި ނަމަވެސް އެކަމަކަށް އެކަލާނގެ ޙަޟްރަތުން އެދުމަށެވެ. ކޮންމެ ކަމެއް ފަށައިގަންނަމުންވެސް އެކަލާނގެ ހަޟްރަތުން ވާގިއެދުމަށެވެ. ނަމަވެސް އެކަން ޤަބޫލުކުރެވެނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ކަމާއިމެދު ސުވާލު އުފެދެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން