ހދ. ނެއްލައިދޫއަކީވެސް ބިމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެއް ކަމަށާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ނެތުމުން ގޮންޖެހުންތައް ދިމާވާކަމަށާއި، ކުނި މެނޭޖްކުރުމުގައި އުނދަގޫތައް ކުރިމަތިވާކަމުގައި ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވައިފިއެވެ.
މިކަންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢާއި ހިއްޞާކުރީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި، ރަށުގެ ކުރިއެރުމަށްހުރި ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ.

އެގޮތުން ކައުންސިލް މެންބަރުން ވަނީ މިހާރު އޮތް ބަނދަރުގައި ހުރި މައްސަލަތައް ހިއްޞާ ކުރައްވައި އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެ ރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކޮށްދެއްވުމަށާއި، ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އިތުރު ވަޞީލަތްތަކާއި ޑޮކްޓަރުން ބޭނުންވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިފައެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނެއްލައިދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއިއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެކަމަށްވެސް ވިދާޅުވިއެވެ.