ދިވެހިރާއްޖޭގެ ދީފާޢީ ބާރުތަކުގެ ތެރެއަށް ހައްދުފަހަނައަޅާފައިވާ މީހުންވަދެ، އެ ބާރުތައް ހައިޖެކްކޮށްފައިވާކަމަށް، ދިވެހިރާއްޖޭގެ ކުރީގެ ރައީސަކު ބޭރުގެ އެކިއެކި މީޑިއަމްތަކުގައި، ޚާއްޞަކޮށް ބޭރުގެ މީޑިއާތަކަށް ބަސްދީގަތުން ދެއްވައި، ދިވެހިރާއްޖޭގެ ދިފާޢީ ބާރުތައް (ސިފައިންނާއި ފުލުސް) ބަދުނާމުކޮށް، ބޮޑެތި އިލްޒާމުތައް އަޅުއްވާފައިވާ އިރު، އަދިވެސް ދީފާޢީ ބާރު އޮތީ، ސުކޫތުގައެވެ.
ދިފާޢީ ބާރުން، މިއީ ދޮގެއްކަން، ދިވެހިރައްޔިތުންނާއި، ބޭރުގެ މީޑިއާތަކަށް ކަށަވަރުކޮށްދެއްވަން ނުޖެހޭތޯއެވެ؟ މިއަޅުވަމުންދާ ބޮޑެތި އިލްޒާމުތަކަށް ނޫސް ބަޔާން ގަނޑެއްވެސް ނެރެލައްވަން ނުވަނީތޯއެވެ؟ އަދި އެ އިލްޒާމު އަޅުވައި، މުޅި ދިފާޢީ ބާރުގެ އިތުބާރާއި ޤަދަރު ބައިނަލްއަޤުވާމީ މީޑިއާގައި ވައްޓާލަމުންދާ ފަރާތްތަކާ މެދު ފިޔަވަޅެއް، ސުވާލެއްވެސް ކޮށްލައްވަން ނުވަނީތޯއެވެ؟
ހައްދުފަހަނައަޅާފައިވާ ބައަކު ދިފާޢީ ވުޒާރާއަށް "އިންފިލްޓްރޭޓް"ވެފައި ވާނަމަ، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު އެކަމާ ކަންބޮޑުވަމެވެ. އަދި ކުރީގެ ރައީސް އެ އަޅުއްވާ އިލްޒާމުތަކަކީ ތެދެއްނަމަ، އެކަން ރައްޔިތުންނަށް ސާފުކޮށްދެއްވަންވެސް ދިފާޢީ ބާރުތަކުގެ ކިބައިން އަދަބުވެރިކަމާއެކު އެދެމެވެ. އަދި އެއީ ދޮގެއްނަމަ، އެކަމާމެދު އެކަށީގެންވާ ފިޔަވަޅު އެޅުއްވުމަށްވެސް އިލްތިމާސް ކުރަމެވެ.
--ޝައިޚް ޝަފީޢް ޢަބްދުﷲ