މިއަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބު އޭޕްރިލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެމަޖިލީހުގެ އެކި ދާއިރާތަކަށް ވާދަ ކުރެއްވުމަށް މިހާރުވެސް އެތައް ބަޔަކު ވަނީ ފޯމު ހުށަހަޅާފައެވެ. މިހާރު އޮތް ގޮތުން އިންތިހާބުގައި ވާދަ ކުރައްވާނީ 360 ފިރިހެން ކެންޑިޑޭޓުންނާއި 35 އަންހެން ކެންޑިޑޭޓުންނެވެ.
އޭގެ ތެރެއިން އެއް ބޭކަނބަލަކީ މއ. ދަނޑިކޮށީ އިރުމަތީގެ އައިމިނަތު ޝިރުނާ އެވެ. އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުން ޝިރުނާ ވާދަ ކުރައްވަން ގަސްދު ކޮށްފައިވަނީ މައްޗަންގޯޅީ އުތުރު ދާއިރާ އަށެވެ.
"މިއަދުނޫހަށް" ދިން ޚާއްސަ ބަސްދިީގަތުމެއްގައި ޝިރުނާ ބުނީ އަމިއްލަ ގޮތުން ވާދަ ކުރައްވަން އޭނާ ނިންމީ، އޭނާއަކީ އެއްވެސް އިރަކު ޕާޓީ ފިކުރު ގެންގުޅޭ ބޭފުޅަކަށް ނުވެފައި، އަމިއްލަ ކެންޑިޑޭޓަކަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ގަބޫލު ކުރާތީއެވެ.
"އަޅުގަނޑަކީ އެއްވެސް އިރަކު ޕާޓީ ފިކުރު ގެންގުޅޭ މީހެއް ނޫން. އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންގެ މަޖިލިސް އޭގެ ހަގީގީ މާނައިގާ ތަމްސީލު ކުރެވޭނީ އަމިއްލަ ކެންޑިޑޭޓަކަށް. ޕާޓީގެ ފިކުރު ހުންނަންޏާ ވޯޓާއި ކައިރިކޮށްފަ އެކަނި ރައްޔިތުމީހާގެ ހާލުބަލާލަނީ. ގިނައިރު އުޅެންޖެހެނީ ޕާޓީ ޕުރޮމޯޓުކުރަން. އެހެންކަމުން އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑަށް ރައްޔިތުންގެ ކަންކަން ގާތުން ބެލޭނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރާނަމަ. އަދި ނަޒާޙަތްތެރި މަޖިލިހެއް ވެސް ގާއިމް ކުރެވޭނެ އެއިރުން" ޝިރުނާ ބުންޏެވެ.
މައްޗަންގޮޅި އުތުރު ދާއިރާ ކުރިއެރުވުމަށް ޝިރުނާގެ ވަރަށް ފޮނި އުންމީދުތަކެއް ވެއެވެ. ނަރުހެއްގެ ހައިސިއްޔަތުން 17 އަހަރު ޤައުމަށް ޚިދުމަތް ކޮށްދެއްވާފައިވާ ޝިރުނާ ވިދާޅުވިގޮތުގައި އޭނާގެ ކެމްޕޭނު ހަރަކާތުގައި ރައްޔިތުންގެ ކައިރިޔަށް ވަޑައިގެންނެވިއިރު، ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް ލިބެމުން ދިޔައީ ބޯހިޔާވަހިޔާވަހިކަމާ ވަޒީފާ ލިބުމުގައި ހުރި ދަތިކަމުގެ ޝަކުވާއެވެ. އެހެންކަމުން މިކަންކަމަށް ޙައްލެއް ގެނެސް ދެއްވުމަށް މަސައްކަތް ކުރެއްވުމުގެ އިތުރުން ދީނީ ކަންކަމަށް ރައްޔިތުން އިތުރަށް ހޭލުންތެރި ކުރުވާނެ ކަމަށާއި ސިއްޙީ ދާއިރާ ވެސް އިތުރަށް ކުރިއަރުވަން މަސައްކަތް ކުރައްވާނެކަމަށް ޝިރުނާ ބުންޏެވެ. ބަލިމީހާގެ މައުލޫމާތު އެގޭނެ ކަހަލަ ނިޒާމެއް ޤާއިމުކުރުމާއި، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޚާއްސަ ސިއްޙީ ޚިދުމަތްތަކެއް ތަޢާރަފް ކުރުމާއި ނަފްސާނީ ބަލިތަކުގެ މައްސަލަތައް ޙައްލު ކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށް ވެސް ޝިރުނާ ބުންޏެވެ.

"އަޅުގަނޑު މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަ ކުރި ކަމުގައިވިޔަސް، ހޮވިއްޖެނަމަ ފިކުރު ހުރީ ހަމައެކަނި އަޅުގަނޑުގެ ދާއިރާއަށް އެކަނި މަންފާ ލިބޭނެހެން މަސައްކަތް ކުރާކަށް ނޫން. މަޖިލީހުގައި އަޅުގަނޑު ކުރާނެ މަސައްކަތްތަކުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އަޅުގަނޑުގެ ފަރާތުން އެހީތަކެއްލިބި، ރައްޔިތުންގެ ދިރިއުޅުން ލުއި ފަސޭހަ ކޮށްދިނުން، މިއީ އަޅުގަނޑުގެ އެންމެ ބޮޑު އުންމީދަކީ" ޝިރުނާ ބުންޏެވެ
އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުން ވާދަ ކުރާއިރު، މަޖިލިސް މެމްބަރެއްގެ ގޮތުގައި ހޮވިއްޖެނަމަ ސިޔާސީ ޕާޓީއަކާއި ގުޅުމުގެ ވިސްނުމެއް ގެންގުޅެންތޯ ސުވާލު ކުރުމުން ޝިރުނާ ބުނީ، އެފަދަ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އެއްވެސް ސިޔާސީ ޕާޓީއަކާއި ނުގުޅޭނެކަމުގެ 100% ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.
މަޖިލިހަށް ހޮވުމަށްފަހު ވެސް ރައްޔިތުންނަށް ނުގެއްލޭނެ ކަމަށާއި، ހޮވިއްޖެނަމަ ދާއިމީގޮތެއްގަ ދާއިރާގެ ރައްޔިތުންގެ ހާލުބައްލަވާ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ހައްލު ހޯއްދަވައި ދެއްވާނެކަމަށް ޝިރުނާ ބުންޏެވެ.