އަމިއްލައަށް ކިތަންމެ ގިނަ ނަމާދު ކުރިނަމަވެސް ދަރިން ލައްވައި 5 ނަމާދު ހަމައަށް ނުކުރުވުމަކީ ސަލާމަތް ނުވެވިދާނެ ވަރަށް ބިރުހުރިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
އަމިއްލައަށް ކިތަންމެ ގިނަ ނަމާދު ކުރިނަމަވެސް ދަރިން ލައްވައި 5 ނަމާދު ހަމައަށް ނުކުރުވުމަކީ ސަލާމަތް ނުވެވިދާނެ ވަރަށް ބިރުހުރިކަމެއް!

ބައެއް މައިން ބަފައިންނަށް ހީވެފައި އޮންނަނީ އެމީހުން 5 ނަމާދުކޮށް، ކީރިތި ޤްރްއާން ކިޔަވާލައި އުޅުމުން އެމީހުންނަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް ނިމުނީ ކަމަށެވެ. އެތިބީ ސުވަރުގެ ދެވިފައި ކަމަށެވެ. ނަމަވެސް ކަމުގެ ހަޤީޤަތް ވަރަށް ތަފާތެވެ.

އައްތަޙްރީމް ސޫރަތުގެ (66ވަނަ ސޫރަތް) 6 ވަނަ ޢާޔަތަށް ބައްލަވާށެވެ! "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި، ތިއަބައިމީހުންގެ އަހްލްވެރިން ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިން ކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވަވާ އަމުރުފުޅަކަށް ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުފުޅު ކުރައްވަވާ ކަންތައް އެބޭކަލުން ކުރައްވާނެތެވެ."

މީސްތަކުންނޭވެ! ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި، ތިއަބައިމީހުންގެ އަހްލްވެރިން ނަރަކައިން ސަލާމަތްކުރާށެވެ!" މިއޮތް އަމުރުފުޅުގެ ވަރުގަދަކަމަށް ވިސްނާށެވެ! " މީސްތަކުންނޭވެ!" އޮތުމުން އަމުރުފުޅު ކުރައްވަވާފައި މިވަނީ މުސްލިމުންނަށް އެކަންޏެއް ވެސް ނޫނެވެ. އެންމެހައި މީސްތަކުންނަށެވެ. ވިދިގެން އަމުރުފުޅު ކުރައްވަވާފައި އެވަނީ ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި، ތިއަބައިމީހުންގެ އަހްލްވެރިން ނަރަކައިން ސަލާމަތްކުރުމަށެވެ. އަހްލުވެރިންނަކީ އަނބިދަރިންނެވެ.

އަދިވެސް އިތުރަށް ވިސްނައިލާށެވެ! ގަދަ އަމުރުން އަމުރުފުޅު ކުރައްވަވާފައި އެވަނީ އަނބިދަރިން ނަރަކައިން ސަލާމަތްކުރުމަށެވެ. ސަލާމަތްކުރަން މަސައްކަތް ކުރުމަކަށް ވެސް ނޫނެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި މިހައި ވަރުގަދައަށް މިކަމަށް އަމުރުފުޅު ކުރައްވަވާފައި އޮތުމުން އެކަމުގައި މައިން ބަފައިންގެ، ޚާއްޞަކޮށް ބައްޕައިންގެ ޒިންމާގެ ބޮޑުކަން އެނގިގެންދެއެވެ.

މުސްލިމުން ނަރަކައިން ސަލާމަތްވުމަށް އެންމެ ބޮޑަށް ގަދައަޅައި ކުރަންޖެހޭ ކަމަކީ ނަމާދުކުރުމެވެ. ނަމާދުކުރުވުމަކީ ފަރުޟު 5 ނަމާދު ހަމައަށް ކުރުވުމެވެ! ކޮންމެ ގޮތަކުން ނަމަވެސް ދަރިން ވެސް 5 ނަމާދު ހަމައަށް ކުރާކަން ކަށަވަރުކުރަންޖެހޭނެއެވެ.

ވީއިރު ދަރިން ލައްވައި ނަމާދު ނުކުރުވައި މައިންބަފައިންނަށް ސަލާމަތް ވެވޭނީ ކިހިނަކުން ހެއްޔެވެ؟ ދަރިން ތިމާމެންގެ ބެލެނިވެރިކަމުގައި ތިބޭއިރު ގަދަކަމުން ނަމަވެސް ނަމާދުކުރުވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. އެއީ ދަރިފުޅު ކުރަން ބޭނުންވުމުން ކުރާ ކަމެއްގެ ގޮތުގައި ދޫކޮށްލައިފިނަމަ މައިން ބަފައިން، ޚާއްޞަކޮށް ބައްޕައިން ދާނީ ފާފަވެރިވަމުންކަން މިޢާޔަތުން އެކަނިވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެނީ އެ ޒިންމާ ނުއުފުލައިފިނަމަ އެކަން ވާނީ ކަނޑައެޅިގެން ﷲ ތަޢާލާގެ އަމުރުފުޅަކަށް ނުކިޔަމަންތެރިވުން ކަމަށް ކަމުގައި ވާތީއެވެ. އެކަމުގެ ޒިންމާ ޤިޔާމަތް ދުވަހު އުފުލަން ނުޖެހޭނެ ކަމަށް ހީނުކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިދަރުސަށް ބަލާއިރު ރާއްޖޭގެ ބެލެނިވެރިން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ. ސްކޫލުން ބުނާހައި ގަޑިތަކެއްގައި ސްކޫލަށް ގެންދިއުމަކުން މި މައްސަލަ ހައްލެއް ނުވެއެވެ. ދަރިންލައްވައި ކޮންމެ ގޮތަކުން ނަމަވެސް ނަމާދުކުރުވަން އެބަޖެހެއެވެ. 10 އަހަރު ފުރުމުން 5 ނަމާދު ހަމައަށް ކުރާކަން ކަށަވަރުކުރުމަކީ މައިން ބަފައިން ކޮންމެ ގޮތަކުން ނަމަވެސް ކުރަންޖެހޭނެ ކަމެކެވެ. އެކަން ނުކުރެވޭނަމަ އުސްތާޛް އެ ވިދާޅުވާ ފަދައިން ﷲ ތައާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވުމުގެ މައްސަލަތައް ކުރިމަތިވާނެ ކަމަށް ޤަބޫލުކުރަން ޖެހެއެވެ.

މިއަދު އޮންލައިން