ޖިއާންގެ މަރާއި ގުޅިގެން ދެ ދިވެއްސަކާއެކު ހަ މީހަކަށް ދައުވާ ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 57ސ
ޖިއާންގެ މަރާއި ގުޅިގެން ދެ ދިވެއްސަކާއެކު ހަ މީހަކަށް ދައުވާ ކޮށްފި

ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތްކުރަމުން ދިޔަ މ. ނަލްހިޔާ މަންޒިލްގެ ފަސްވަނަ ފަންގިފިލާއިން ސިމެންތި ބަސްތާއެއް ވެއްޓި އުމުރުން ހަތް އަހަރުގެ ރަވްޝާން ޖިއާން މަރުވި މައްސަލާގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ސުޕަވައިޒަރެއްގެ އިތުރުން އިންޑިއާގެ ހަތަރު މީހެއްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށްފި އެވެ.

ބަންގްލަދޭޝް އަށް ނިސްބަތްވާ ޖިއާންގެ މަރުގެ ދައުވާ އުފުލި ދެ ދިވެހިންނަކީ ޑަބްލިޔު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ހަސަނާއި ސީނިއާ ސައިޓް ސުޕަވައިޒަރު އާދަމް ޝަފީގެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރުވުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. 

ގާނޫނުލް އުގޫބާތުގައި މި އަދަބުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

މި ދެ މީހުންގެ މައްޗަށް މި ދައުވާކޮށްފައި ވަނީ ސަވާޖީއެއް ބޭނުންކޮށްގެން ސިމެންތި ބަސްތާތައް މައްޗަށް ނެގުމުގެ މަސައްކަތްކުރި އިރު، އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކަށް އިހުމާލު ވެފައި ވާތީ އެވެ.

މީގެއިތުރުން ދައުވާ ލިބޭ ބިދޭސީންގެ ތެރެއިން އެކަކަށް، މީހަކު މަރުވުމުގައި ފަރުވާ ކުޑަކުރުމުގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ވެސް ކޮށްފައިވެ އެވެ. އެއީ އަދަބުގެ އަސާސީ މިންގަނޑަކީ ހަ އަހަރަށް ޖަލަށް ލުމެވެ. އެއީ ސިމެންތި ބަސްތާ ނަގަން ބޭނުންކުރި ވިންޗު އޮޕަރޭޓްކުރަން ހުރި މީހާގެ މައްޗަށް ކުރި ދައުވާ އެކެވެ. 

ޕީޖީން ބުނީ މި ދައުވާ ކުރަނީ އޭނާ އަކީ ވިންޗު އޮޕަރޭޓްކުރަން ހަވާލުކޮށްފައިވާ މީހާ ނޫންކަން އެނގި ހުރެ އެ މަސައްކަތް ކޮށްފައި ވާތީ ކަމަށެވެ. އަދި ބައެއް މީހުންގެ މައްޗަށް، މީހަކު މަރުވެދިއުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގައި ބައިވެރިވި ކަމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އެއީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމުގެ އަދަބު އޮތް ކުށެކެވެ.

ޖިއާން އަކީ ރާއްޖޭގައި މަސައްކަތް ކުރި ދެ ބަންގްލަދޭޝް ޑޮކްޓަރަކަށް ލިބިފައިވާ އެންމެ ދޮށީ ކުއްޖާއެވެ. އެކުއްޖާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫ ގައި ފަރުވާ ދެމުން ދަނިކޮށް ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން