ދިވެހިން މިއަޅާ ޢާންމު ބުރުގާ އަޅަން ނުޖެހޭނެކަމަށް ބުނަނީ ޤްރައާނަށްވުރެ މަތިން އައި ބައަކުތޯ؟ ސުވާލުކުރަން ޖެހޭ ހިސާބަށް މި ކަމުގެ ބަހުސް މިހާރު މިވަނީ ހޫނުވެފައެވެ. އެހެންކަމުން ނޫރު ސޫރަތުގެ 31 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވާ ބަސްފުޅު ކިޔައިލުން ރަނގަޅުވާނެއެވެ.
"އަދި މުއްމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކައުތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފައުޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފައުޅު ނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް އެކަނބަލުންގެ ކަރުވަޅުމަތީގައި އަޅައި ނިވާކުރާހުށިކަމެވެ."

އަނހެނާގެ އައުރައަކީ ކޮބައިކަން ބަޔާން ކުރެއްވެވުމަށްފަހު އައުރަ ކަޝްފުކުރުން ހުއްދަވެގެންވަނީ ހަމައެކަނި ކޮންބައެއްގެ ކުރިމަތީގައިކަންވެސް ވަނީ ބަޔާންކުރައްވަވައިފައެވެ.
"..އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަން ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ ޢައުރަތައް ނުއެނގޭވަރުގެ ކުޑަ ކުައްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފައުޅު ނުކުރާހުށިކަމެވެ!."
ކީރިތި ޤްރްއާނުން މިހައި ސާފުކޮށް އެނގެން އޮތް މައްސަލައެއްގައި ދިވެހިން މިއަޅާ އާދައިގެ ބުރުގާ އެޅުމަކީ ކުރަން ނުޖެހޭނެ ކަމެއް ކަމަށް ބުނުމަކީ މި އާޔަތަށް ގޮންޖެހުން ކަމުގައި ނުވާނީ ކިހިނަކުންތޯއެވެ؟ އަސްލަކީ ކޮންމެހެން ބުރުގާ އެޅުމެއް ނޫނެވެ. ޢައުރައިން ނިވާކުރަން ޖެހޭ ސަރަހައްދު ނިވާކުރުމެވެ. ދިވެހި ބަހުގައި ޢާންމު ގުރުގާ އެޅުން ކިޔަނީ ނިވައިކުރަން ޖެހޭ ސަރަހައްދު ނިވައި ކުރުމަށެވެ. ބުރުގާ ނުއަޅައި އެހެން ގޮތަކުން ނަމަވެސް (ފޮތި އޮޅައިގެން ނަމަވެސް) ނިވާކުރަން ޖެހޭ ސަރަހައްދު ނިވާ ނުކޮށް މިއާޔަތުގައި ﷲ ތަޢާލާ އަންގަވާފައިވާ މަގުން ހެދުން އެޅި ކަމަކަށް ނުވާނެއެވެ. ކިތަންމެ އަގު ބޮޑު ފޭރާމަކުން ހެދުން ލީ ނަމަވެސް މެއެވެ.
އަންހެނުން ހިނގާއިރު އަޑު ގޮއްވަމުން ހިނގުންވެސް ﷲ ތަޢާލާ ވަނީ ހަމަ މިއާޔަތުގައި މަނާ ކުރައްވަވައިފައެވެ. ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި މިހާރު އަންހެނުން އަރައިއުޅޭ ފުންނާބުގައި ކަށިލީ ފައިވާނަށް އަރައި "ޓަކްޓަކް" ލައްވަމުން ހިނގުން ވެސް ހިމެނޭނީ އަޑު ލައްވަމުން ހިނގުން ކަމުގައެވެ.
"..އަދި އެކަނބަލުންގެ (ގަހަނާ އާއި) ޒީނަތުގެ ތެރެއިން ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ މުއްމިނުންނޭވެ! ތިއަބައިމީހުން އެންމެން ﷲ އަށް ތައުބާވާށެވެ! (އެއީ) ތިއަބައިމީހުން ދިންނަވައި ނަޞީބު ލިބިގަތުމަށްޓަކައެވެ.