ލޯބިވެރިޔާ އެދޭ ގޮތަށް އަމަލު ނުކޮށް ލޯބިވެރިޔާގެ ލޯބިވެރިޔާގެ ލޯބި ލިބުމަށް އުންމީދުކުރުމަކީ މޮޔަކަމެއްކަމަށައި އެއީ ނުކުރެވޭނެ ކަމެއްކަން އެންމެންވެސް ޤަބޫލުކުރެއެވެ. އެހެންވެ އަބަދުވެސް ފޭރާންލުމާއި އެހެނިހެނަ ކަންކަންވެސް ކުރާނީ ލޯބިވެރިޔާ އެންމެ ރުހޭނެ ގޮތް ބަލައިގެން އެގޮތަށެވެ. ޖަހާނީ ވެސް ލޯބިވެރިޔާއަށް އެންމެ މީރުވަސްދުވާ ސެންޓެވެ. އެންމެ ކުޑަމިނުން އަރާނީވެސް ލޯބިވެރިޔާ އެންމެ ރުހޭ ޒާތުގެ ފައިވާނަށެވެ. މިއީ ހަމަ ދުނިޔޭގެ އެންމެން ޤަބޫލުކުރާ ކަންކަމެވެ. ހަމަ އެންމެންހެން އަމަލުކުރާ ގޮތެވެ.
މިހިސާބުން ހަޤީޤީ މައުޟޫއަށް ޖެހިލަމާ ހެއްޔެވެ؟ "ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ނުލިބިގެން ނުވަތަ ހޯދޭނެ ގޮތްތަކާއި ބެހޭ ގޮތުން ވަރަށް ގިނަ ބައަކު ސުވާލުކުރެއެވެ. މިފަދަ މީހުން މިސުވާލު ފުރަތަމަ ކުރަންޖެހޭނީ އަމިއްލަ ނަފްސާއިއެވެ. އެސުވާލަކީ ﷲ ތަޢާލާ ތިމާއަށް ކުރަން އެނެގެވިކަންކަން ކިހައިވަރަކަށް ކުރެވޭ ކަމާއިމެދުގައެވެ. އަދާކުރަން އެންގެވި ފަރުޟުތައް ކިހައި ވަރަކަށް އަދާކުރެވޭތޯއެވެ؟ ދުވަސް ފަށަނީ ފަތިސް ނަމާދުންތޯއެވެ؟ ފަރުޟު 5 ނަމާދު ކުރަންތޯއެވެ؟ އަނބިދަރިންނަށް ހެޔޮކޮށް ހިތަމުތޯއެވެ؟ މައިންބަފައިންނަށް ހެޔޮކޮށް ހިތަމުތޯއެވެ؟ އެންމެ ކުޑަމިނުން މީހުންނާއި މުޢާމަލާތުކޮށް ވާހަކަ ދައްކައި އުޅެނީ ﷲ ތަޢާލާ އެންގެވި ގޮތަށްތޯއެވެ؟
އެއަށްފަހު އަމިއްލަ ނަފުށާއި ދެވަނައަށް ކުރަންޖެހޭ ސުވާލަކީ ތިމާ މިހުންނަނީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމުން ދުރުހެލިވެގެންތޯއެވެ؟ ﷲ ތަޢާލާ އަހަރެންނަށް ކުރުން ޙަރާމް ކުރައްވަވާފައިވާ ކަންކަން އަހަރެމެންނަށް ވަރަށް ސާފެވެ! ވީމާ މި ދެ ސުވާލަށް ފުރިހަމައަށް ޖަވާބު ދެވިއްޖެ މީހާއަށް އެއްވެސް ކަންބޮޑުވުމެއް ނެތެވެ. އެމީހާ އެހެރީ ސީދާ މަގުގައެވެ. އެފަދަ މީހުންނަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ދާނީ އިތުރުވަމުންނެވެ!
ރަނގަޅަށް ވިސްނާށެވެ! އިބިލީސް ކުރާނީ އެންމެ 2 މަސައްތަކެވެ. އެއީ ފަރުޟު ކަންކަން ކުރިއަ ނުދިނުމާއި ނަހީކުރެއްވެވި ކަންކަމަށް އަރައިގަނެ އެކަންކަން ކުރުވަން ކުރާ މަސައްކަތްތަކެވެ. ވީމާ އަބަދުވެސް ތިބެން ޖެހޭނީ މި ދެ ކަންތަކަށް ވަރަށް ބޮޑަށް ހޭލުންތެރިވެ ފަރުވާތެރިވެގެންނެވެ. ހަމަހޭގައި ހުރެ އެންމެ ފަރުޟެއް ވެސް ނުއެޅުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. ހަމަ އެޢާއިއެކު ފާފައަކަށް އަރައި ނުގަތުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ! އެގޮތުގައި ސާބިތުވެ ހުންނަ މީހާއަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އަބަދުވެސް ޑާނީ ލިބެމުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން