ކުރިއަށް އޮތް ދެއަހަރު ތެރޭގައި ރާއްޖެ އާއި ސައުދިޢަރަބިޔާ ގުޅިގެން ޢަމަލީ ގޮތުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ބެހޭ އެއްބަސްވުމެއްގައި ދެޤައުމުން މިއަދު ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސައޫދީ އަރަބިޔާގެ ސަރުކާރުގެ އިސްނެންގެވުމުގެމަތިން ބުދަ ދުވަހު ރާއްޖެ ވަޑައިގެންނެވި އެޤައުމުގެ އިސް ވަފުދުގައި ހިމެނިވަޑައިގަންނަވާ ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓަރގެ ނާއިބު ޑރ. ޢަބްދުﷲ މުޙައްމަދު އަލް ސާމިލް އެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ސައުދީ ވަފުދުގެ މި ދަތުރުފުޅުގެ އަމާޒަކީ ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، މިސްކިތްތައް އެޅުމާއި މަރާމާތު ކުރުމާއި، ހަރުކަށި ފިކުރުތަކުން ރާއްޖޭގެ މުޖްތަމަޢު ސަލާމަތް ކުރުމާއި، ދީނަށް ހުރި ތަފާތު ގޮންޖެހުން ތަކަށް ހައްލު ހޯދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށެވެ.
މިވަފްދު ފުރާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 3 މާރޗް ގައެވެ.
ޑރ. ޢަބްދުﷲ މުޙައްމަދު އަލް ސާމިލްގެ ޚާޢްޞަ ދަރުސެއް މިރޭގެ މަޣްރިބް ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.