އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުން އަބަދުވެސް އުޅެއެވެ. މިދުވަސްކޮޅު ތަންކޮޅެއް ގިނަވެގެން އުޅޭކަމަށް ފާހަގަކުރެވިގެން މިއުޅެނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރެވެން އޮތުމުންނެވެ. އަދި އެގޮތަށް އެކަން ކުރީމާ ޕޮކެޓްމަނީވެސް ލިބޭތީ އެވެ!
މުސްލިމުން މާޔޫސް ނުވާށެވެ! އިސްލާމް ދީނަށް ފުރައްސާރަކުރުން ފެށުނީ މިއަދަކު ނޫނެވެ. އެ ޤައުމެއްގެ މީހުން ފުރައްސާރަ ނުކުރާ ނަބީބޭކަލެއް އަދި ރަސޫލުބޭކަލެއްވެސް އުޅުއްވަވާފައެއް ނުވެއެވެ. އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ ކަންކަން އެންމެ ބޮޑުވެފައި އޮތީ ރަސޫލް (ޞޢވ)ގެ ހަޔާތްޕުޅުގައެވެ. މުނާފިޤުންނާއި މުޝްރިކުންގެ މަސައްކަތަކަށް އެއިރު ވެފައި އޮތީ އިސްލާމް ދީނަށް ފުރައްސާރަކުރުމާއި ޖެއްސުން ކުރުމެވެ. އެކަމުން ކުރެވުނީ ކޮން ކަމެއް ހެޔެވެ؟ އިސްލާމް ދީން ދިރި ކުރިއަރައިގެން ދިއުން ހުއްޓުވުނު ހެއްޔެވެ؟ ނުހުއްޓުވުނެއް ނޫންހެއްޔެވެ؟ އައީ ކުރިއަރައިގެން ނޫން ހެއްޔެވެ؟
ޠާއިފްގެ ޙާދިސާއަށް ބަލާށެވެ! ރަސޫލް (ޞޢވ) ޠާއިފަށް ފުރަތަމަ ވަޑައިގެންނެވި ދުވަސް އިތުރު އެކަލޭގެފާނު ސިފަކުރައްވަވާފައިވަނީ އުހުދު ހަނގުރާމައަށްވުރެ ކަންބޮޑުވެވަޑައިގެންނެވި ދުވަހެއްގެ ގޮތުގައެވެ. މޮޔައިންނާއި ކުޑަކުދިން ފައުކުރުވައި ގައު އުކައި ހަށިކޮޅުން ލޭފޮދު އޮހޮރުވީ ކޮންފަދަ އަނިޔާވެރި ގޮތަކަށް ހެއްޔެވެ؟ ހަމަ އެ ޠާއިފްގެ ރައްޔިތުން ފަހުން އިސްލާމް ދީން ޤަބޫލުކުރި ގޮތް ޢިބްރަތަކަށް ނުވޭހެއްޔެވެ؟ މިއަދުވެސް ޠާއިފްގެ ރައްޔިތުންނަކީ މުސްލިމުންނަށް ނަމޫނާ ބައެކެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރައްސާރަކުރުމުގައި ހައްދުފަހަނައަޅައި ދިއަ ކިތައް މީހުން އިސްލާމް ވެއްޖެ ހެއްޔެވެ؟ އަދި އެފަދަ ކަންކަމުގެ ސަބަބުން ކޮންމެ ދުވަހަކު އިސްލާމްވަމުން ދަނީ ކިހައި ބައިވަރު މުސްލިމުންހެއްޔެވެ.
އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުން އެކަން ކުރަނީ ނުއެނގިތިބެއެވެ. އެނގުމުން އެމީހުން އެދަނީ އިސްލާމްވަމުންނެވެ. މިއީ ބަހުސްކުރަން ޖެހިފައިވާ ކަމެއް ނޫނެވެ! ފެންނަން އޮތް ހަޤީޤަތެކެވެ. ކޮންމެ ދުވަހަކުހެން ފެންނަމުންދާ ޙަޤީޤަތެކެވެ. ވީމާ ފުރައްސާރަކުރާ މީހުން އެކަން ކުރަނީ ނުއެނގޭތީ ކަމަށްވުރެ އިތުރަށް ބަހެއް ބުނާކަށް ނެތީމެވެ. އެހެނީ މާދަމާ އެމީހުން އިސްލާމްވުމުން މަރްޙަބާ ކިޔަން ޖެހޭނެތީއެވެ.
އިސްލާމް ދީނަށް ފުރައްސާރަކުރުން ގިނަ ޤައުމުތަކުގައި އުފެދިގެން އަންނަނީ ސިޔާސީ ކަމެއްގެ ތެރެއިންނެވެ. އެކަން ވެފައި އޮންނަނީ މުސްލިމުން އިތުރުވުން ހުއްޓުވާނެ ކަމަށް ވައުދުވީމާ އެޤައުމުތަކުގައި އަޣްލަބިއްޔަތު އޮންނަ އެހެން ދީންތަކުގެ މީހުންގެ ތާއީދު ލިބޭނެ ކަމަށް ބަލައިގެން ކުރާ ކަމަކަށެވެ. ނަމަވެސް ހަޤީޤަތުގައި ވަމުން އަންނަނީ މުޅިން ތަފާތު ގޮތެކެވެ.
އިސްލާމުންނަކީ އެހެން ދީންތަކުގެ މީހުންނަށް ފުރައްސާރަކޮށް ކާޓޫނުކުރަހައި އުޅޭ ބައެއް ނޫނެވެ! ދެން މިވާގޮތަކީ އިސްލާމް ދީނާއި ދެކޮޅަށް އެފަދަ ކަންކަން ކުރީމާ އެއީ ކީއްވެގެން ކުރާ ކަމެއް ކަމާއިމެދު ގިނަ ބައަކު ވިސްނަން ފަށައެވެ. އިސްލާމް ދީން ދަސްކުރަން ފަށައެވެ. މައްސަލައަކީ ކޮބައިކަން އޮޅުން ފިލުވަން ފަށައެވެ. އެ މަސައްކަތުގެ ތެރެއިން އެމީހުންނަށް އިސްލާމް ދީނުގެ ޙަޤީޤަތް އެނގުމުން އެމީހުން އިސްލާމްވަނީއެވެ.
ވީމާ ބައަކު އިސްލާމް ދީނަށް ފުރައްސާރަކުރާތީ ކަންބޮޑުވެ ޒުވާބު ކުރުމެއް ނެތެވެ. މުސްލިމުންނަށް ވީތީ ރިވެތި ގޮތުގައި ރައްދު ދިނުން މަތީގައި ދެމިތިބޭށެވެ! މަސައްކަތް ކުރަންވީ އިސްލާމް ދީން މަތިވެރި ކުރުމަށެވެ. އިސްލާމް ދީނުގެ ޙަޤީޤަތް ވީހައި ބޮޑަށް ހާމަކުރުމަށެވެ. ވީހައި ގިނަގިނައިން ﷲ ތަޢާލާ މަތިވެރިކުރާށެވެ! އިސްލާމް ދީނުގެ މަތިވެރިކަން އަނގައިދޭށެވެ! ހިތުގައި އިސްލާމް ދީނަށް އޮތް ލޯބި ހާމަކުރަމުން ގެންދާށެވެ!
މުސްލިމުން ބަލަންވީ ކީރިތި ޤްރުއާނަށެވެ. ކައު އިތުރު ޞާޙިބާ މުޙައްމަދު (ޞޢވ) އަކީ މީސްތަކުން ކުރެ އެންމެ މަތިވެރި ޞާޙިބާ ކަމުގައި ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ. އަދި އިތުރު ޞާޙިބާ (ޞޢވ) އަށް ކުރާ ކޮންމެ ފުރައްސާރައަކީ އެކަން ކުރާ މީހަކު އަމިއްލައަށް އެމީހަކަށް ލިބިގަންނަ ފުރައްސާރައެއް ކަމަށް ވެސް ވަނީ ވަޙީ ކުރައްވަވައިފައެވެ. ވީމާ ބައަކު ކުރާ ފުރައްސާރައަކުން ރަސޫލް (ޞޢވ)ގެ ދަރަޖަފުޅަށް އަންނާނެ އެއްވެސް އުނިކަމެއް ނެތެވެ.
ކިތަންމެ އާދައިގެ ކަމެއްގައި ޓްވީޓެއް ކުރިނަމަވެސް "އިން ޝާ ﷲ" "އަލްޙަމްދުލިﷲ" ފަދަ ބަސްތައް ބޭނުންކުރުން ގިނަކުރާށެވެ! ހުރިހާ ކަމެއްގައިވެސް ﷲ ތަޢާލާ އާއި ތިމާ އާއި އޮތް ގުޅުން ހާމަކުރާށެވެ! ބައަކު ކުރާ ފުރައްސާރައަކުން އަހަރެމެންގެ ޢަޤީދާ ގުޑުވައި ނުލެވޭނެކަން ދުނިޔެއަށް ދައްކުވާށެވެ! އެއީ ހަމަ ކޮންމެ މުސްލިމަކަށްވެސް ކުރެވޭނެ، ކުރަންޖެހޭނެ ކަންކަމެވެ.
- މުފްތީ މެންކުގެ ދަރުސަކުން