ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންކުރެ އެންމެ މާތް ކުރައްވަވައި އެންމެ މަތިވެރި ދަރަޖައެއް ދެއްވަވާފައިވަނީ އިންސާނުންނަށެވެ. އިންސާނުން އުފައްދަވައި އިންސާނުން ބިންމަތީގައި ލެއްވެވުމުގެ ކުރިން އެކަން މަލާއިކަތް ބޭކަލުންނަށް އެންގެވިއެވެ. ބިމުގައި ޚަލީފާއިންކަމުގައި ބައަކު ލައްވަވަން އުޅުއްވަވާ ކަމުގެ ޚަބަރު މަލާއިކަތްބޭކަލުންނަށް ދެއްވެވިއެވެ.
މީގެ އިތުރުން އިނާސާ އުފައްދަވާފައިވަނީ އެންމެ ފުރިހަމަ ސިފައިގައި ކަމަށްވެސް ވަހީ ކުރައްވަވައިފައިވެއެވެ. މިއީވެސް އިންސާނާއަށް ﷲ ތަޢާލާ ދެއްވަވާފައިވާ މަތިވެރިކަމެކެވެ. މާތްކަމެކެވެ. އިންސާނަކު މަށިން އުފައްދަވާ ކަމާއި އެ އިންސާނާއަށް ފުރާނައެޅުއްވެވީ ﷲ ތަޢާލާގެ ރޫޙްފުޅުން ފުމެލައްވަވައިގެންކަން ވެސް ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ. ހަމަ އެއާއިއެކު އިންސާނާއަށް (އާދަމްގެފާނަށް) ސަޖިދަ ކުރައްވަން މަލާއިކަތް ބޭކަލުންނަށް އެންގެވިއެވެ. މިކަންކަމުންވެސް އެނގިގެންދަނީ ﷲ ތަޢާލާ އިންސާނުންނަށް ދެއްވެވި މަތިވެރިކަންތައްތަކެކެވެ.
މިކަންކަމާއިއެކު އިންސާނާ މަތިވެރި ކުރެއްވެވި ކެއިން ބުއިމަށް ހެޔޮ ތަކެތި ދެއްވެވިކަމާއި ދަތުރުފަތުރުކުރެވޭނެ ގޮތް މިންވަރުފުޅު ކުރެއްވެވިކަންވެސް ވަނީ ބަޔާން ކުރައްވަވައިފައެވެ. ހަމަ އެއާއި ﷲ ތަޢާލާ އުފެއްދެވި ގިނަ އުފެއްދެވުންތަކެއްގެ މައްޗަށް އިންސާނާ މާތް ކުރެއްވެވިކަންވެސް ވަނީ ބަޔާން ކުރައްވަވައިފައެވެ. ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗަކީ ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންނެވެ. އެހެންކްމާއިއެކުވެސް އަންގަވާފައި މިވަނީ މިހުރިހާ ތަކެތީގެ މައްޗަށް ތިމަން ﷲ އިންސާނާ މާތް ކުރެއްވެވި ކަމަށެވެ. މިކަންކަން އެނގިގެންދާ އެތައް އާޔަތެއް ކީރިތި ޤްރްއާނުގައިވެއެވެ.
އިންސާނާ އުފައްދަވައި މާތް ކުރައްވަވައި އިޚްތިޔާރު ދެއްވެވުމުން ދުނިޔޭގައި ހިތުހުރި ގޮތަކަށް އުޅުނު ނަމަވެސް މިއާޔަތްތަކުން އެނގިގެން މިދަނީ އިންސާނުންނަކީ ﷲ ތަޢާލާ އުފައްދަވައި މާތް ކުރެއްވެވި ބައަކުކަމެވެ.
މިހިސާބުން އުފެދޭ ސުވާލަކީ މިފަދަ މަތިވެރި ދަރަޖައެއް ދެއްވަވައި ﷲ ތަޢާލާ އިންސާނުން އުފެއްދެވި ބޭނުންފުޅަކީ ނުވަތަ މަޤްޞަދަކީ ކޮބައިހެއްޔެވެ؟ އެކަން ބިނާވެގެންދާނީ އިންސާނާ އުފެދިގެން އައި ގޮތާއި އުފެއްދެވީ ކޮން ފަރާތަކުންކަން އިންސާނާ ޤަބޫލުކުރާ ގޮތުގެ މައްޗަށެވެ. އިންސާނާ އުފެއްދެވީ ވަކި ފަރާތަކުން ކަމަށް ޤަބޫލުނުކުރާ މީހާ، ހަމަހުރެފައި އުފެދިގެން އައީ ކަމަށް ޤަބޫލުކުރާ މީހާ ވާހަކަ ދައްކާއިރު އިންސާނާ އުފެއްދެވި އެއްވެސް މަޤްޞަދެއް ނުއޮންނާނެއެވެ. އޭނާ ދުނިޔޭގައި އުޅެންވީ ކޮންގޮތަކަށްކަމެއްވެސް އެފަދަ މީހުންނަކަށް ނުވިސްނޭނެއެވެ. ނަމަވެސް އިންސާނާ އުފެއްދެވީ ﷲ ތަޢާލާ ކަމާއި އުފެއްދެވީ ހަމައެކަނި ﷲ ތަޢާލާއަށް އަޅުކަން ކުރަންކަމަށް ޤަބޫލުކުރާ މީހާގެ ކުރިމަތީގައި އިންސާނާ އުފެއްދެވި މަޤްޞަދެއް އޮންނާނެއެވެ. ވީމާ މިކަންކަން ބިނާވެގެން މިދަނީ އިންސާނާއަކީ ކޮންފަރާތަކުން ކޮން ގޮތަށް އުފެއްދެވި މަޚްލޫޤެއްކަން އެމީހަކު ޤަބޫލުކުރާ ގޮތުގެ މައްޗަށެވެ.
އިންސާނުންނަކީ ރާމާމަކުނުގެ ނަޞްލުން އުފެދިގެން އައި ބައެއް ކަމަށް ޤަބޫލުކުރާ ބައަކުވެސް އެބައުޅެއެވެ. މިފަދަ ތަފާތު ގޮތްގޮތަށް ޤަބޫލުކުރާ މީހުންގެ ކުރިމަތީގައި އިންސާނުން އުޅޭކަށް ވަކި ގޮތެއް އަދި ކުރާކަށް ވަކި ކަމެއްވެސް ނުއޮންނާނެއެވެ. އުޅެމުންދާނީ އެފަހަރަކު އެއީ ރަނގަޅު ގޮތް ކަމަށް ޤަބޫލުކުރެވުނު ގޮތަކަށެވެ. ދިރިއުޅުމަށް އެއްވެސް ޚާއްޞަ އަސާސެއް އެމީހުންނަކަށް ނުއޮންނާނެއެވެ. ގޯސް ކަންކަމާއި ރަނގަޅު ކަންކަން ކަނޑއަޅާނީ އެވަގުތަކު ފެންނަ ގޮތަކަށެވެ.
އިސްލާމީ ޝަރީޢަތާއި ޤްރުޢާން މުހިންމުވަނީ މިސަބަބަށްޓަކައެވެ. އިންސާނުން އަމިއްލައަށް އެފަހަރަކު ވިސްނޭ ގޮތަކަށް ކަންކަން ކުރަމުން ގެންދާތީއެވެ. މިސާލަކަށް އެއްޖިންސުން ގުޅުން ހިންގުމާއި އެއްޖިންސުން ކައިވެނިކުރުމަށް ބަލައިލަބަލާށެވެ! މީގެ އަހަރުތަކެއް ކުރިން މުޅި ދުނިޔޭގައި ވެސް އެއީ ހަޑިމުޑުދާރު އަމަލެކެވެ. ޤާނޫނުތަކުގައިވެސް އޮތީ އެކަން އެގޮތަށް ކަނޑައަޅައިފައެވެ. ނަމަވެސް ބައެއް ޤައުމުތަކުގައި މިހާރު މިވަނީ އެކަން ބަދަލުވެފައެވެ. އެއީ ރީތި ކަމަކަށްވެ އިންސާނީ ޙައްޤަކަށް ބަދަލުކޮށްފައެވެ.
އިސްލާމީ ޝަރީއަތުގެ މުހިންމުކަމަކީ އިސްލާމީ ޝަރީއަތުގައި ބަޔާންވެގެންވާ ކަމެއް އެއްވެސް ޒަމާނެއްގައި އެހެން ގޮތަކަށް ބަދަލުނުކުރެވޭނެތީއެވެ. ބާވައިލެއްވެވީންސުރެ ދުނިޔެ ނިމެންދެން އެގޮތުގައި ދެމިއޮންނާނެތީއެވެ!
- މިއަދުގެ ޢަޞްރު ނަމާދަށްފަހު ޝައިޚް ޢަޒްމަތު ޖަމީލް ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސުން