ވަޅިހެރުމަށްފަހު އިރާދަކުރެއްވި ގޮތް ކަމަށް ބުނާ މީޙުންގެ ގައަށް ވަޅިހަރާފަ އިރާދް ކުރެއްވި ގޮތް ކަމަށް ބުނުމުން ޤަބޫލެއް ނުކުރާނެ: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ވަޅިހެރުމަށްފަހު އިރާދަކުރެއްވި ގޮތް ކަމަށް ބުނާ މީޙުންގެ ގައަށް ވަޅިހަރާފަ އިރާދް ކުރެއްވި ގޮތް ކަމަށް ބުނުމުން ޤަބޫލެއް ނުކުރާނެ: ޝައިޚް އިލްޔާސް

އެއްވެސް ނުބައިކަމެއް ކުރުމަށްފަހު އެއީ އިރާދަކުރެއްވިގޮތް ކަމަކަށް ނުބުނެވޭނެއެވެ. އެހެނީ އެ ނުބައިކަން ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ﷲ ތަޢާލާ ކޮންމެ މީހަކަށްވެސް ދެއްވަވާފައިވާތީއެވެ. އަދި އެކަން މީސްތަކުންނަށް އަންގަވާފައިވެސް ވާތީއެވެ. ހަމަ އެއާއިއެކު އެއްވެސް ހެޔޮކަމެއް ކުރުމަށްފަހު އެއީ އިރާދަފުޅުން ވީކަމެއް ކަމަކަށް ނުބުނާނެއެވެ. ބުނާނީ ތިމަންނާ އަމިއްލައަށް ކުރިކަމެއް ކަމަށެވެ. ވީއިރު ކޮންމެ ނުބައި ކަމެއް ކޮށްފައި އެކަނި އެކަން ޤަޟާޤަދަރާއި މަތިކުރަނީ ކީއްވެގެން ހެއްޔެވެ؟ 

ވީމާ ތިމާއަށް ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ﷲ ތަޢާލާ ދެއްވަވާފައިވާ އެއްވެސް ކަމެއް ކުރުމަށްފަހު އިރާދަފުޅާއި ހަވާލުކުރުމުގެ ހައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އެކަމުގެ ދަލީލަކީ އެމީހާ އެ އަމަލުކުރާނެކަމަށް ﷲ ތަޢާލާ ލިޔުއްވަވާފައިވާކަން އެއްވެސް މީހަކަށް ނުއެނގޭނެތީއެވެ. ލިޔުއްވަވާފައި ވަނިކޮށް ފެނިފައި ނުވާނެތީއެވެ. ވީއިރު ތިމާ މިވެނިކަމެއް ކުރީ ﷲ ތިމާ އެކަން ކުރަން ލިޔުއްވަވާފައިވާތީ ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟

(ޢުމަރުގެފާނުގެ ވެރިކަމުގައި ވައްކަންކޮށްގެން ގެންދެވުނު މިވެނި މީހަކު އޭނާއަށް އެކަން ކުރެވުނީ އިރާދަފުޅުގައި އެކަން ކުރެވެން އޮތުމުން ކަމަށް ދެންނެވުމުން އޭނާއަށް ދެ އަދަބު ދެއްވެވިއެވެ. އެއީ ވައްކަން ކުރި ކަމުގެ އަދަބާއި ދޮގު ހެދިކަމުގެ އަދަބެވެ! ދޮގު ހެދިކަމުގެ އަދަބު ދެއްވެވީ ތަޤްދީރުގައިވާ ގޮތް އޭނާއަށް ނުއެނގޭނެތީއެވެ.) 

ތިމާގެ އިޚްތިޔާރުން ބޭރުން ހިނގާ އެއްވެސް ކަމަކަށް އެއްވެސް މީހަކަށް ޒިންމާވާކަށް ނުޖެހޭނެއެވެ. މިސާލަކަށް ޤްދްރަތީ ބައްޔަކުން ބަލިވުން ފަދަ ކަންކަމުގައެވެ. ނަމަވެސް އެމީހާގެ އަމިއްލަ އިޚްތިޔާރުގައި ކުރާ ކޮންމެ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނެއެވެ. 

ގައުބުރިއެއް މައްޗަށް އެއްލައިފިނަމަ ވެއްޓޭނެއެވެ. މީހަކު މަތިން ފުންމައިލި ނަމަވެސް ވެއްޓޭނެއެވެ. ނުވެއްޓި ދޭތެރެ މެދަކު ހަމައެކަކަށްވެސް ނުހުރެވޭނެއެވެ. މިކަމުގައި އިންސާނާގެ ވެއްޓުން ތަފާތެވެ. ގައުބުރިއަކަށް އެއްވެސް އިޚްތިޔާރެއް ނެތެވެ. ނަމަވެސް އިންސާނާއަށް ފުންމައި ނުލުމުގެ އިޚްތިޔާރު އޮތުމުންނެވެ.

މީހުންގެ ގައަށް ވަޅިހަރައި އަނިޔާކުރުމަށްފަހު އެއީ އިރާދަފުޅުން މެދުވެރިވި ކަމެއް ކަމަށް ބުނާ މީހުން އެބުނަނީވެސް ކަނޑައެޅިގެން ދޮގެކެވެ. އެއީ ބުނެވިގެންވާނެ ބަހެއް ނޫނެވެ. އެހެނީ އެމީހާ މިވެނި މީހެއްގެ ގައަށް ވަޅިހަރާނެކަން މިންވަރުފުޅުގައިވާކަން އޭނާއަށް އެނގުނީ ކިހިނެއްޔެވެ؟ ނުހެރުމުގެ އިޚްތިޔާރާއި ހެރުމުގެ އިޚްތިޔާރު ދެއްވެވުމުން ހެރުމުގެ އިޚްތިޔާރުގެ ބޭނުން ހިފައި ހެރީ ނޫންހެއްޔެވެ؟ އެހެން ބުނާ މީހާގެ ގައަށް ވަޅި ހެރުމުން އެއީ އިރާދަކުރެއްވި ގޮތް ކަމަށް ބުނުމުން ޤަބޫލެއް ނުކުރާނެއެވެ. ވީއިރު ވަޅި ހެރުން ފަދަ އަމަލުތައް ކުރުމަށްފަހު އިރާދަފުޅާއި ހަވާލުކުރެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ! 

މިރޭގެ މަޣްރިބް ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ދެއްވި ދަރުސުން

މިއަދު އޮންލައިން