ނަމާދުކުރާށާ ކީރިތި ޤްރުއާން ކިޔަވާލަން އެނގުމަކުން ނުފުދޭނެއެވެ. އެއީ އަދި އިސްލާމް ދީނުގެ ހުރިހާ ކަމެއް އެނގި ދަސްވީއެއް ނޫނެވެ. އިތުރަށް ދަސްކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އިސްލާމް ދީނުގައި އެބަހުއްޓެވެ. އެކަންކަން ދަސްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ދަރުސްތައް އަޑުއަހައިގެންނާއި ދީނީ ޞައްޙަ ލިޔުންތައް ކިޔައިގެންނާއި ދީނީ ޢިލްމުވެރިންނާއި ސުވާލުކޮށްގެންވެސް ދަސްކުރަންވާނެއެވެ.
މީސްތަކުންނަށް އުނގަންނައިދިނުމަކީ ޢިލްމުވެރިންގެ މަސްއޫލިއްޔަތެކެވެ. އުނގެނިފައިވާ ޢިލްމުން ޒަކާތް ދައްކަން ޖެހޭނެއެވެ. ޢިލްމުން ޒަކާތް ދެއްކުމަކީ އެހެން މީހުންނަށް އުނގަންނައިދީ ދަސްކޮށް ދިނުމެވެ. މިއީ ޢިލްމުވެރިން އުފުލަންޖެހޭނެ، ޢިލްމުވެރިންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. މަސްއޫލިއްޔަތެކެވެ.
ދަސްކޮށްދޭންޖެހޭނީ އިސްލާމް ދީނުގައި އެކަމެއް ބަޔާންވެގެންވާ ގޮތަށެވެ. ﷲ އާއި ރަސޫލް (ޞޢވ) ދީނުގެ ކަމެއް ބަޔާން ކުރެއްވެވުމުން އެހިސާބުން އެކަމުގައި ސިއްކަ ޖެހުނީއެވެ. އެއަށް އުނި އިތުރެއް ނުގެނެވޭނެއެވެ. އަމަލުކުރަންޖެހޭނީ އެކަން އޮތް ގޮތަކަށެވެ. ވީމާ އެގޮތް ދަސްކުރުމަކީވެސް އަދި ދަސްކޮށް ދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
އިސްލާމް ދީނަށް ޚިދުމަތް ކުރުމަށްޓަކައި ތަފާތު ބަސްތައް ދަސްކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެކަމުގައި އެމީހާގެ ނިޔަތް ވަރަށް މުހިންމުވާން ޖެހޭނެއެވެ. ވީމާ އިލްމު އުނގެނުމަށާއި ޢިލްމު ހޯދުމުގެ މަސައްކަތަށް ވަގުތުކޮޅެއް ދޭން އެބަޖެހެއެވެ. މިކަމުގައި ޞަހާބީން އަމަލުކުރެއްވެވި ގޮތަށް އަމަލުކުރަން މސައްކަތްކުރަން ޖެހޭނެއެވެ.
ޞަހާބީންގެ ތެރެއިން ތަނަވަސްކަން ލިބިވަޑައިގެންފައިވާ ބޭކަލުން އެބޭކަލުންނަށް ލިބިވަޑައިގެންފައިވާ މީސްތަކުންނަށް އުނގަންނަވައި ދެއްވުމުގެ އިތުރުން އެބޭކަލުންގެ ތަނަވަސްކަމުން ޢިލްމުވެރިންނަށް އުޖޫރަ ދެއްވައިގެން ޢިލްމު ފަތުރުއްވަވާފައި އެބަހުޓެވެ. އެބޭކަލުންނަށް ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމުގެ ބޭނުން ކުރެއްވެވީ ﷲ ތަޢާލާގެ ދީން މީސްތަކުންނަށް އުނގަންނަވައި ދެއްވުމަށެވެ. ވީމާ ތަނަވަސްކަމުގެ އަހުލުވެރިން މިއަދުވެސް އެކަން ކުރެއްވެވުމަކީ ވަރަށް މަތިވެރިކަމެކެވެ. ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ވީމާ އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަންޖެހޭނެއެވެ. (މީހަކަށް ލިބިފައިވާ ޢިލްމުގެ ބޭނުން ހިފި ގޮތަކާއިމެދު ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެއެވެ. ޖަވާބުދާރީވެސް ވާންޖެހޭނެއެވެ.)
ބަދުރު ހަނގުރާމައިގައި ހައްޔަރުވި އަސީރުންގެ ތެރެއިން އިލްމުވެރިންނަށް ފިދުޔައެއް ކަމުގައި ރަސޫލް (ޞޢވ) ކަނޑައެޅުއްވެވީ މީސްތަކުންނަށް ލިޔަން ކިޔަން ދަސްކޮށް ދިނުން ފަދަ ކަންކަމެވެ. މިކަމުން ވެސް އެނގިގެން ދަނީ މީސްތަކުންނަށް އިލްމް އުނގަންނައި ދިނުމުގެ މުހިންމު ކަމެވެ. އެކަމަށް އިސްލާމް ދީނުގައި ދެވިފައިވާ ޤަދަރާއި މަތިވެރިކަމެވެ.
--ހުކުރުވިލޭރޭގެ ޢިޝާ ނަމާދަށްފަހު ބަންޑާރަ މިސްކިތުގަ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ދެއްވި ދަރުސުން ﷲ