ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ އިތުރުކަން ބޮޑު އަޅުކަމުގެ ތެރޭގައި ހިމެނޭ ރޭއަޅުކަން ކުރުމަށްވުރެ އެހެން މީހަކަށް ނުވަތަ ބައަކަށް އިސްލާމް ދީނުގެ ކަމެއް އުނގަންނައި ދިނުމުގެ ފައިދާ މާބޮޑެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ ރޭއަޅުކަން ނަމަވެސް އެމީހަކު އަމިއްލައަށް ކުރާ އަޅުކަމެއް އެ ހިސާބުން ކުރެވި ނިމޭތީއެވެ. ނަމަވެސް މީހަކަށް ނުވަތަ ބައަކަށް ދީނުގެ ކަމެއް އުނގަންނައިދީފިނަމަ އެކަން ދިރިހުންނާނެތީއެވެ. އެއީ ފެތުރިގެންދާނެ ކަމެކެވެ. އެކަން ދާނީ އެކެއްގެ ކިބައިނަ އަނެކަކަށް ވާރުތަކުރަމުންނެވެ. އެކަން މީސްތަކުނަގެ ތެރޭގައި ވާރުތަވަމުންދާއިރު ހަމަ ކޮންމެ މީހެއްގެ ސަބަބުން އެ ޢިލްމު އުނގަންނައިދިން މީހާއަށް ބައި އެޅި އެކަމުގެ ސަވާބު ލިބޭނެއެވެ.
މީހަކު މަރުވުމަށްފަހު އެމީހަކަށް ފައިދާކުރާނެ 3 ކަމެއްވާއިރު އެއިގެ ތެރެއިން އެއް ކަމަކީ މީސްތަކުންނަށް ފައިދާކުރާނެ ޢިލްމެއް ދޫކޮށްފައި ދިއުމެވެ. އެއީ މީސްތަކުންނަށް ހެޔޮ ކަމެއް ކުރަން ނުވަތަ ކަމެއް ކުރާނެ ހެޔޮ ގޮތް ދަސްކޮށްދިނުމެވެ.
(ހެޔޮ ކަމުގެ ގޮތުގައި ދަސްކޮށްދެވެނީ އިސްލާމްދީނުގައި ބަޔާންވެގެންވާ ކަންކަމެވެ. އިތުރަށް ކަމެއް އުފައްދައިފި ނަމަ އެކަމެއް ވާނީ ބިދުޢާ އަކަށެވެ. އެއީ ފާފަވެރިވާނެ ކަމެކެވެ. މިސާލަކަށް ބަލާނަމަ މިވެނި އަދަދަކަށް މިވެނި އެއްޗެއް އެސްއެމްއެސް ކުރުން މިވެނި ފައިދާއެއް ލިބޭނެ ކަމަށް ބުނުން ފަދަ.)
ތިމާއަށް ނުއެނގޭ ކަންކަން ޢިލްމުވެރިންގެ ގާތުން އަހައި އޮޅުންފިލުވުމަކީ ލަދުވެތިކަމެއް ނޫނެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެއަށްވުރެ މާލަދުވެތިކަން ބޮޑީ ނުއެނގި ހުރެ ނުބައިކޮށް ކަންތައްތައް ކުރުމެވެ. އިންސާނުންނަށް ބުއްދި ދެއްވަވައި އެ ނިޢްމަތުން އިންސާނުން މަތިވެރިކުރެއްވެވީ ޢިލްމް އުނގެނި ކަންކަން ރަނގަޅުގޮތުގައި ކުރަން ދަސްކުރުމަށެވެ. ރަނގަޅު ގޮތުގައި އަމަލުކުރުމަށެވެ. އިންސާނާ ބަދަލުވެގެންދަނީ ޢިލްމުގެ ސަބަބުންނެވެ.
--ހުކުރުވިލޭރޭގެ ޢިޝާ ނަމާދަށްފަހު ބަންޑާރަ މިސްކިތުގަ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ދެއްވި ދަރުސުން