ސުވަރުގެ ވައްދަވާއިރު އެމީހެއްގެ މަޤާމް އެމީހަކަށް އެނގޭނެ! - އެމީހެއްގެ މަޤާމަށް ދެވޭއިރު ލިބެން ޖެހޭ ހުރިހާ ނިޢްމަތްތަކެއް ހުންނާނީ ފުރިހަމަވެފަ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ސުވަރުގެ ވައްދަވާއިރު އެމީހެއްގެ މަޤާމް އެމީހަކަށް އެނގޭނެ! - އެމީހެއްގެ މަޤާމަށް ދެވޭއިރު ލިބެން ޖެހޭ ހުރިހާ ނިޢްމަތްތަކެއް ހުންނާނީ ފުރިހަމަވެފަ!: ބިލާލް އައްސަދު

ސުވަރުގެވަންތަވެރިން ސުވަރުގެ ވަނުމަށް ޖަމާވެފައި ތިބޭނެއެވެ. އެކަކަށްވުރެ އަވަހަށް ވަންނަން އަނެކަކު މަސައްކަތްކުރާނެއެވެ. ނަމަވެސް އަދި އެހައި ފަސޭހައަކުން ނުވަދެވޭނެއެވެ! އެގޮތަށް ތިބޭއިރު މީސްތަކުން ތިބޭނީ އުފަލުން ފޮޅިފައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ފަތާއިމެދު ފަޚުރުވެރިވެ ވާހަކަދައްކާނެއެވެ. އެއިރު އެއްވެސް މީހެއްގެ ފަތުގައި އެމީހަކަށް ކުރެވުނު އެއްވެސް ފާފައެއްގެ ވާހަކަ ލިޔެވިފައެއް ނުވާނެއެވެ. ﷲ ތަޢާލާ ވާނީ އެކަންކަން އެމީހެއްގެ ފަތުން ފުއްސަވައިލައްވަވައިފައެވެ. ފެންނަން ހުންނާނީ ހަމައެކަނި އެމީހަކު ކުޅަ ހެޔޮ އަމަލުތަކެވެ. 

އެވަގުތުގައި ސުވަރުގޭގެ "ވައިން" ތަށްޓެއް ކޮންމެ މީހަކަށް ވެސް ދެވޭނެއެވެ. އެއަށް އިނގުރު އެއްކުރެވިފައިވާނެއެވެ. މި ބުއިން ދެވެނީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި ތަކްލީފްތަކުން ލިބިފައިވާ ވަރުބަލިކަން ފިލުވައިލުމަށް "ވެލްކަމް ޑްރިންކެއް"ގެ ގޮތުގައެވެ.

ސުވަރުގޭގެ ދޮރުކޮޅު ހުޅުވޭނީ އަހަރެމެންގެ މަތިވެރި ޞާޙިބާ މުޙައްމަދު (ޞޢވ) ވަޑައިގެން ދޮރުކޮޅުގައި ޓަކި ޖެއްސެވުމުންނެވެ. އިތުރު މާތް ނަބިއްޔާ (ޞޢވ) ވަޑައިގެން އެކަމަށް އެދިވަޑައިގަތުމުންނެވެ. އެތެރެއިން އެއީ ކޮންބޭކަލެއްތޯ ސުވާލުކުރެއްވެވުމުން "މިއީ މުޙައްމަދު (ޞޢވ)" ކަމަށް ވިދާޅުވެ ޖަވާބު ދެއްވެވުމުންނެވެ. 

ރަސޫލް (ޞޢވ) އަރިހުގައި ސުވަރުގެ ވައްދަވާނީ މީސްތަކުން ކުރެ އެންމެ މާތްވެގެންވާ މީހުންނެވެ. ދުނިޔޭގައި ހުރިއިރު ރަސޫލް (ޞޢވ)ގެ އެންމެ އަރިއަހުގައި ވުމަށް އެންމެ ބޮޑަށް ގަދައަޅައި މަސައްކަތްކުރި މީހުންނެވެ. ނިކަން ވިސްނައިލަބަލާށެވެ! އެ ހުރިހާ އެންމެން ސުވަރުގޭގައި ވާނީ ރަސޫލް (ޞޢވ)ގެ އެންމެ އަރިއަހުގައެވެ. ދުނިޔޭގައި އެކަމަށް މަސައްކަތް ނުކޮށް ހިތަށް އެރިހައި ގޮތަކަށް ތިއަ އުޅޭއިރު މިމަތިވެރި ޝަރަފާއި ދަރަޖައަކީ ހަމަ ކޮންމެ މީހަކަށްވެސް ޙާޞިލުކުރުމުގެ ފުރުޞަތު އޮތްކަމެއް ކަމާއިމެދު ވިސްނައިވެސް ނުލަމެއް ނޫން ހެއްޔެވެ؟ 

ކޮންމެއަކަސް ރަސޫލް (ޞޢވ) ގެ އަރިއަހުގައި ސުވަރުގެ ވައްދަވާ އެންމެން ވައްދަވައި ނިމުން އެތައް ކިލޯމީޓަރެއްގެ ބޮޑުމިނުގައި ހުޅުވިފައި ހުންނަ ބޮޑެތި ދޮރުކޮޅުތައް ކައިރިއަށް މީސްތަކުން ޖަމާވެ އެކަކަށްވުރެ ކުރިން އަނެކަކު ވަންނަން މަސައްކަތް ކުރާނެއެވެ. ނަމަވެސް ވައްދަވާނީ ފަހަރަކު މީހެކެވެ. ވަދެވޭނީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ނަމުން ގޮވައިލެއްވެވުމުންނެވެ. ގޮވައިލެއްވޭނީ އެމީހާއަށް ވެސް އެންމެ ރީތި އެމީހާގެ ފުރިހަމަ ނަމުންނެވެ. 

ސުވަރުގެ ވަދެވުމާއިއެކު ސުވަރުގޭގެ މަލާއިކަތުން ކޮންމެ މީހަކަށްވެސް މަރުހަބާ ވިދާޅުވެ ސަލާމް ގޮވައިލައްވާނެތެވެ. އެންމެ ޚާއްޞަ ކަމަކީ ސުވަރުގެ ވަދެވޭއިރު ކޮންމެ މީހަކަށްވެސް އެމީހާގެ މަޤާމް އެނގޭނެތެވެ. އަމިއްލަ ގެ އެނގޭފަދައިންނެވެ. ވީމާ އެއްވެސް ދެ މީހެއްގެ މެދުގައި އެމީހެއްގެ މަޤާމާއިމެދު އެއްވެސް މައްސަލައެއް ނުޖެހޭނެތެވެ! އެމީހެއްގެ މަޤާމަށް އެމީހަކަށް ދެވޭއިރު އެމީހަކަށް ލިބެންވާ ހުރިހާ ނިޢްމަތްތަކެއް އެ މަޤާމުގައި ހުންނާނީ ފުރިހަމަވެފައެވެ. އެއްވެސް ނިޢްމަތެއް ލިބުން ލަސްވެގެން އިންތިޒާރު ކުރާކަށް ނުޖެހޭނެތެވެ. 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން