ދަމުނަމާދާއި ފަތިސް ނަމާދަށް ނުހޭލެވޭނަމަ އޮތީ ތިމާގެ ފާފަތަކުގެ ގިނަކަމާ ބޮޑުކަމަށް ވިސްނައި ބިރުވެތިވުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ދަމުނަމާދާއި ފަތިސް ނަމާދަށް ނުހޭލެވޭނަމަ އޮތީ ތިމާގެ ފާފަތަކުގެ ގިނަކަމާ ބޮޑުކަމަށް ވިސްނައި ބިރުވެތިވުމެވެ!

ރޭގަނޑުގެ ހަޔާތަށް ބަލައިފިނަމަ ރޭގަނޑުގައި ދެބައެއް ވެއެވެ. އެއީ ރޫޙާނީ ބައަކާއި އުފަލާއި މަޖާ ކުރުމުގެ ބައެވެ. ރޭގަނޑުގެ ވަގުތުތައް އުފާކުރުމާއި މަޖާ ކުރުމުގައި ހޭދަކުރާ މީހުން ޢާންމުކޮށް ނިދާނީ ﷲ ތަޢާލާއަށް އަޅުކަންކޮށް ދުޢާކުރަން މުސްލިމުން އެމީހުންގެ އަރާމު ނިދި ދޫކޮށް ނިދީން ހޭލާވަގުތު ގާތްވެފައިވަނިކޮށެވެ!

ދީނީ ބައެއް ޢިލްމުވެރިން ބަޔާން ކުރައްވަވާ ގޮތުގައި ދަމުނަމާދު ކުރަން ވަގުތު އޮއްވައި، ޚާއްޞަކޮށް ފަތިސް ނަމާދަށް ނުހޭލެވެނީ އެމީހަކަށް ކުރެވިފައިވާ ފާފަތައް ގިނަވެ އަދި ފާފަތައް ބޮޑެތިކަމުންނެވެ. އެފަދަ މީހުން ނިދުމުން ވެސް އެމީހުންގެ މައްޗަށް ޝައިޠާނާ ބާރު ހިންގަނީއެވެ. ހޭލިއަ ނުދެނީއެވެ. މިއީ ވަރަށް ބޮޑު ބިރުވެރިކަމެކެވެ. ނުރައްކައުތެރި ޙާލަތެކެވެ. 

މީހެއްގެ ތަޤްވާވެރިކަން އިތުވުމުން ފަތިސް ނަމާދަށް ނުހޭލައި ނިދާފައި އޮންނަން އެމީހަކަށް އުނދަގޫވެސް ވާނެއެވެ. އަދި ފަތިސް ނަމާދަށް ޢާންމުކޮށް ހޭލަން ފެށުމުން ދަމު ނަމާދަށް ވަގުތު އޮއްވައިވެސް ހޭލެވެން ފަށާނެއެވެ. މިއީ ހަމަ ގިނަބައަކަށް ކުރެވިފައިވާ ތަޖުރިބާއެވެ! 

ދަމުނަމާދުގެ މަތިވެރިކަމާއި ދަމުނަމާދުކުރާ އަޅުންނަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރު ވަރަށް ރަނގަޅަށް އެނގެން އޮތް ނަމަވެސް ގިނަބައަކު ދެކޭ ގޮތުގައި ފަރުޟު 5 ނަމާދު ކުރުމުން އެ ނިމުނީއެވެ. އެއީ ހަމަ މޮޔަ ވިސްނުމެކެވެ. ފަރުޟު 5 ނަމާދަކީ ދަރަންޏެކެވެ. 5 ނަމާދުކުރުމުން އެކުރެވޭ ކަމަކީ ދަރަނި އަދާކުރުމެވެ. އިތުރަށް ކުރިއަށް ދިއުމުގެ މަގު ފަހިވެގްންދާނީ ސުންނަތް ނަމާދުތައް ކުރުން އިތުރު ކުރިވަރަކުންނެވެ. ޚާއްޞަކޮށް ދަމުނަމާދުކުރުމުންނެވެ. ޤިޔާމަތް ދުވަހު ތިމަން ރަސޫލާ (ޞޢވ) އާއި އެންމެ އަރިއަހުގައި ވުމަށް އެދޭނަމަ ސަޖިދަކުރުން ގިނަ ކުރުމަށް ބަޔާންކުރައްވަވާފައި އެވަނީ މި ސަބަބަށްޓަކައެވެ. ސަޖިދަ ކުރުން ގިނަ ކުރެވޭނީ ސުންނަތް ނަމާދުތައް ކުރުން ގިނަކުރި ވަރަކުންނެވެ.  

ނިކަން ވިސްނައިބަލާށެވެ! ޞަޙާބީންގެ ތެރެއިންވެސް އެންމެ މަތިވެރިކަން ލިބިވަޑައިގަތީ އެކަމަށް އެދިވަޑައިގެން ވީހައި ގިނައިން، މަސައްކަތް ކުރެވި ބޭކަލުންނަށެވެ. ވީހައި ގިނައިން ސުންނަތް ނަމާދުތައް ކުރައްވައި އުޅުއްވެވި ބޭކަލުންނަށެވެ. ވީހައި ގިނަ އަޅުކަން ކުރެއްވި ބޭކަލުންނަށެވެ! ވީމާ އަހަރެމެންނަށް ވެސް އޮންނާނީ ހަމަ އެގޮތެވެ! 

ސުންނަތް ނަމާދުކުރުން ގިނަ ނުކުރެވޭނަމަ ފާހަގަ ކުރެވޭ އެންމެ ބޮޑު އެއްކަމަކީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮތް ގުޅުން ކުޑަކަމެވެ. އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ފުރިހަމަ ލޯބި އޮތް ނަމަ އެމީހަކާއި ﷲ ތަޢާލާ އާއި ވީހައި ބޮޑަށް ގުޅުން ބަދަހިކުރަން އެމީހަކު މަސައްކަތް ކުރާނެއެވެ. އެކަންކަމަށް ގަދައަޅައި މަސައްކަތް ނުކުރެވޭނަމަ އެހިސާބުން އެއޮތީ ގިނަ މައްސަލަތަކެއް ފެންމަތިވެފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން