ތިމާ ތިމާއަށްޓަކައި އަދާކުރަންޖެހޭ ވާޖިބު އަދާނުކޮށް މީސްތަކުންގެ ލޯބި ހޯދަން މަސައްކަތްކުރުމުން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ތިމާ ތިމާއަށްޓަކައި އަދާކުރަންޖެހޭ ވާޖިބު އަދާނުކޮށް މީސްތަކުންގެ ލޯބި ހޯދަން މަސައްކަތްކުރުމުން ކުރާނެ ފައިދާއެއް ނެތް!

މިހާރަށް ބަލައިފިނަމަ ވަރަށް ގިނަ މީހުންނަކީ މީސްތަކުންގެ ލޯބި ހޯދަން ގަދައަޅައި މަސައްކަތްކުރާ މީހުންނެވެ. ތަފާތު ޖަމާއަތްތައް ހަދައިގެންނާއި އެކިއެކި ގޮތްގޮތުންނެވެ. "ތިމަންމެންނަކީ އެއްވެސް އަމިއްލަ އެދުމެއް ނެތި މީސްތަކުންނަށްޓަކައި މަސައްކަތް ކުރާ ބައެއް" ކަމަށްވެސް އެފަދަ މީހުން ބުނެއުޅެއެވެ. 

އަހަރެންގެ ސުވާލަކީ މީސްތަކުންނަށްޓަކައި ކަމެއް ކުރަން ނުކުތުމުގެ ކުރިން ތިމާ އަދާކުރަންޖެހޭ ވާޖިބުތަކެއް އެބަހުރި ނޫންހައްޔެވެ؟ ތިމާއަށްޓަކައި ތިމާ ކުރަންޖެހޭ ކަންކަން ނުކޮށް ހުންނަ މީހާ އެހެން މީހުންނަށްޓަކައި ކަންކަން ކޮށްދޭނެ ކަމަށް ޤަބޫލުކުރަން އެހައި ފަސޭހައެއް ނޫނެވެ! އެއްވެސް ޙާލެއްގައި މިބުނަނީ ތިމާގެ ގެބުރިބުރިއަށް އެޅުމުގެ ވާހަކައެއް ނޫނެވެ. އަދި އުދުހޭނެ ޖެޓެއް ގަންނަ ވާހަކައެއްވެސް ނޫނެވެ. އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ﷲ ތަޢާލާ ފަރުޟުކުރައްވަވާފައިވާ ކަންކަން ނުކޮށް ހުރެގެންވާނެ އެއްވެސް ގޮތެއް ނެތެވެ! އެއީ ކޮންމެ މީހަކުވެސް ހަމަ އެމީހަކަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންތައްތަކެވެ. 

ތިމާއަށްޓަކައި ތިމާ ކުރަން ޖެހޭ ކަންކަން ނުކުރާ މީހާ އެހެން މީހުންނަށްޓަކައި ކަންކަން ކުރާ ވާހަކަ ދެއްކީމާ އެކަމުން އަހަރެންނަށް އެނގެނީ އެމީހާގެ ވަރަށް ބޮޑު އަމިއްލަ އެދުމެއް އެބައޮތްކަމެވެ. އެމީހަކު އެއުޅެނީ މީސްތަކުންގެ ބޭނުން ހިފައި ކޮންމެވެސް ކަންތައްތަކެއް ލިބިގަންނަން ކަމެވެ. އެއީ މާލީ މަންފާއަކަށްވެސް ވެދާނެއެވެ. ނޫން ނަމަ ސިޔާސީ މަންފާއަކަށްވެސް ވެދާނެއެވެ. 

ޙަޤީޤަތަކީ މީސްތަކުންގެ ލޯބި ހޯދަން މަސައްކަތް ކުރަން ނުޖެހޭނެ ކަމެވެ. އެމީހާގެ އަމަލުތަކުން އެހެން މީހުންނަށް ފައިދާ ކުރާނަމަ އެހެން މީހުންގެ ލޯބި ދާނީ އެމީހަކަށް ލިބެމުންކަމެވެ. އެހެން މީހުންގެ ލޯބި ހޯދަން މަސައްކަތް ކުރާ މީހާ މަރުވާއިރު ވެސް އޮންނާނީ އެކަމުގެ މަޤްޞަދު ޙާޞިލު ނުކުރެވިފައެވެ. ނަމަވެސް ކުރިން ބުނިފަދައިން އިޚްލާޞްތެރިކަމާއިއެކު ހެޔޮ އަމަލުތައް ކުރާނަމަ އެމީހަކަށް މީސްތަކުންގެ ލޯބި ހުންނާނީ އަބަދުވެސް ލިބިލިބިއެވެ. 

މީސްތަކުންނަށް ކަންކަން ކޮށްދީގެން ރީތި ނަން ހޯދި ކިތަންމެ މީހަކު ދުނިޔޭގައި އުޅެ ނިމި ހިނގައްޖެއެވެ. އެފަދަ ބައެއް މީހުންގެ ވާހަކަތައް ފޮތްތަކުގައި ލިޔެވިފައިވެސް އެބަހުއްޓެވެ. އެފަދަ މީހުންގެ ހަޔާތުގެ މައްޗަށް ފިލްމްތައްވެސް ކުޅެފައި އެބަހުއްޓެވެ. ސުވާލަކީ އެމީހާ އެމީހާއަށްޓަކައި އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކޮށް ހުރިނަމަ އެމީހަކަށް އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ކައްވަޅުގައި އަޒާބު ނުލިބޭނީ ހެއްޔެވެ؟ ނޫންނަމަ ޤިޔާމަތް ދުވަހު ނަރަކައަށް ނުވަދެ ފަރު ޖެއްސޭނެ ހެއްޔެވެ؟

އެމީހަކަށްޓަކައި އަދާކުރަންޖެހޭ ވާޖިބުތަކަކީ ކޮބައިތޯ ސުވާލުކޮށްފާނެއެވެ. އެމީހަކަށްޓަކައި އެމީހަކު އަދާކުރަންޖެހޭ ވާޖިބު ތަކަކީ އިންސާނާ މިދުނިޔޭގައި ލެއްވެވި މަޤްޞަދު ޙާޞިލުކުރަން މަސައްކަތް ކުރުމެވެ. ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވުމާއިއެކު ފަރުޟު ކުރެއްވެވި އެންމެހައި ކަންކަން ކުރުމެވެ. އިންސީންނާއި ޖިންނީން ދުނިޔޭގައި ލެއްވެވީ އެކަން ކުރުމަށެވެ. އެކަން ކުރަންވީ ހަމަ އެމީހަކަށްޓަކައެވެ. އެމީހަކު ނަރަކައިން ސަލާމަތްވުމަށެވެ. އެމީހަކު ސުވަރުގެ ވަނުމަށެވެ. އެކަން ނުކުރުމުން ހުރިހާ ދެރައެއްވެސް ލިބޭނީ ހަމަ އެމީހަކަށެވެ. 

ވިމާ އެންމެންވެސް ގަދައަޅައި މަސައްކަތް ކުރަންވީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހާޞިލުކުރުމަށެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙާޞިލުކުރަން މަސައްކަތް ކުރެވިއްޖެނަމަ އެމީހަކަށް މީސްތަކުންގެ ލޯބިވެސް ޙާޞިލުކުރެވޭނެއެވެ. ހުރިހާ ނިޢްމަތްތަކެއްވެސް ޙާޞިލުކުރެވޭނެއެވެ. އެމީހަކު ވާނީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިއަކަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން