ދަރިންނަށް މިސްކިތުގެ އަދަބުތައް ދަސްކޮށްދީ ބެލެނިވެރިން ނަމޫނާ ދައްކަންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ދަރިންނަށް މިސްކިތުގެ އަދަބުތައް ދަސްކޮށްދީ ބެލެނިވެރިން ނަމޫނާ ދައްކަންޖެހޭ!

މިދިއަ ހުކުރު ދުވަހު އިސްލާމީ މަރުކަޒަށް ހުކުރަށް ދިއަ މީހެކެވެ. ދިއައީ 15 ވަރަކަށް އަހަރުގެ ދަރިފުޅެއްވެސް ގޮވައިގެންނެވެ. ވަގުތަކީ 12.30 ހައި އިރެވެ. މިސްކިތް އޮތީ ފުރި ބާރުވެފައެވެ. ދެފަރާތު އަރިމަތި ވެސް އޮތީ ފުދޭވަރަކަށް ބޮޑަށް ފުރިފައެވެ. 

އެމީހަކު ދަރިފުޅާއިވެސް އެކު މީސްތަކުންގެ ކޮނޑުތައް މަތިން ގިރާކުރަމުންނާއި ދޭތެރެ ދޭތެރެތަކުން ދެމެމުން އައިސް މިސްކިތުގެ ދެވަނަ ދޮރުން މިސްކިތަށް ވަނެވެ. އަދި މިސްކިތްތެރޭގައިވެސް އެފަދަ ގޮތަކަށް ކުރިއަށް ގޮސް ކުރިން 3 ވަނަ ސަފުގެ ދެ ދިމާއެއްގައި ދެ ސަފު ދޭތެރޭ މެދުގައި އިށީނެވެ. 

ހުކުރު ނިމި ސަލާމް ދިނުމާއިއެކު ފުންމައިގެން ތެދުވެ މިސްކިތަށް ވަން ފަދައިން ކޮނޑުތައް މަތިން ނުކުމެގެން ދިއައީއެވެ. 

ސުވާލަކީ އެހައި ފަހުން ވަދެ ގަދަކަމުން އެހައި ކުރިއަށް އެރީ ކޮން ކަމެއް ޙާޞިލުކުރަންބާވައެވެ! ދީނީ އިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި މިސްކިތުގެ ކުރީ ސަފުތަކުން ޖާގަ ހޯދުމަކީ ކުރިއާލައި މިސްކިތަށް ގޮސްގެން ކުރަންޖެހޭ ކަމެކެވެ. ފަހުން އަރައި އެހެން މީހުންނަށް އުނދަގޫކޮށް ގަދަކަމުން ޖާގަ ހޯދި ނަމަވެސް އެމީހާއަކީ ކުރިން މިސްކިތަށް ދިއަ މީހަކަށް ނުވާނެއެވެ. ކުރީ ސަފުތަކުން ޖާގަ ހޯދުމަކީ މަތިވެރި ކަމެކެވެ. ނަމަވެސް ޖާގަ ހޯދަން ބޭނުންނަމަ އޮތީ ކުރިއާލައި މިސްކިތަށް ގޮސް ޖާގަ ހޯދުމެވެ.

ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި މިފަދަ ކަންކަމުގައި އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަމަކީ ދަރިންނަށް ދަސްކޮށްދެވޭ ނުބައި ކަންތައްތަކެވެ. މިސްކިތުގެ އަދަބުތައް ދަސްކޮށް ދިނުމުގެ ބަދަލުގައި މިސްކިތުގެ އަދަބުތަކާއި ޚިލާފަށް ދަރިން ތަރުބިއްޔަތުކުރެވޭ ކަމެވެ. މިސްކިތުގެ އަދަބުތައް ދަރިންނަށް ދަސްކޮށް ދިނުމަކީ ބެލެނިވެރިންގެ މަސްއޫލިއްޔަތެކެވެ. ޒިންމާއެކެވެ. އަދި އެކަމުގައި ނަމޫނާ ދެއްކުމަކީ ބެލެނިވެރިންނަށް ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން މިފަދަ ކަންކަމަށް ބެލެނިވެރިން ހޭލުންތެރިވާން އެބަޖެހެއެވެ. ނޫންނަމަ އެމީހަކީ ޒިންމާދާރު ބެލެނިވެރިއަކަށް ނުވެވޭނެއެވެ!

މިއަދު އޮންލައިން