ހިތްދަތިކަމުގެ ވަގުތުގައިވެސް އެހެން މީހެއްގެ ހިތުގައި ނުޖެއްސުމަކީ ހިތްދަތިކަމުން ސަލާމަތްވެވޭ ސަބަބެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ހިތްދަތިކަމުގެ ވަގުތުގައިވެސް އެހެން މީހެއްގެ ހިތުގައި ނުޖެއްސުމަކީ ހިތްދަތިކަމުން ސަލާމަތްވެވޭ ސަބަބެއް!: މުފްތީ މެންކް

ތިބާއަށް ހިތްދަތިކަމެއް ކުރިމަތިވެ ތަކްލީފެއް އުފުލަން ޖެހިފައިވީނަމަވެސް އެކަމުގެ ރުޅި އާއި ނަފްރަތު އެހެން މީހުންނަށް ނުދައްކާށެވެ! ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކޮންމެ މީހަކީވެސް ހަމަ ބޮޑެތި ތަކްލީފްތަކެއް އުފުލަން ޖެހިފައިވާ މީހެކެވެ. ވީމާ ތިބާގެ ސަބަބުން އެހެން މީހަކަށް އިތުރު ތަކްލީފެއް ނުޖައްސުވާށެވެ! 

ޢާއިލީ ކަމެއްގައިވެސް އަދި މާލީ ކަމެއްގައިވެސް އަދި ވަޒީފާގެ މާހައުލުންވެސް އަދި އެނޫން ސަބަބެއް މެދުވެރިވެގެން ނަމަވެސް ހިތްހަމަ ނުޖެހޭ ކަންތައްތަކެއް މެދުވެރިވެދާނެއެވެ. ހިތްހަމަ ޖެހޭ ކަންކަން މެދުވެރިވުމާއި ހިތްދަތިވާ ކަންކަން މެދުވެރިވުމަކީ ވަކި މީހަކަށް ޚާއްޞަކަމެއް ނޫނެވެ. ކޮންމެ މީހަކަށް ނަމަވެސް މެދުވެރިވެދާނެ ކަމެކެވެ. އަދި ގިނަ ބައަކަށް މެދުވެރިވަމުންދާ ވެސް ކަމެކެވެ. 

ތިމާއަށް ކުރިމަތިވެފައިވާ މައްސަލަތަކެއްގެ ސަބަބުން ހިތްހަމަނުޖެހިފައި ހުންނައިރު މިޒާޖް އެހައި ރަނގަޅު ނުވެދާނެއެވެ. އެފަދަ ހާލަތެއްގައި ހުރި ނަމަވެސް އެހެން މީހަކު ދެރަވާނެ ބަހެއް ނުބުނާށެވެ! އަދި އެފަދަ ކަމެއްވެސް ނުކުރާށެވެ! އެހެނީ އެމީހާއަކީ ތިބާއަށްވުރެ މާބޮޑު ތަކުލީފެއް އުފުލަމުންދާ މީހަކަށްވެސް ވެދާނެއެވެ. 

ހިތްހަމަ ނުޖެހުމުގެ ވަގުތުތަކުގައި އޮތީ ކެތްތެރިވުމެވެ. ކޮންމެ ތަކްލީފަކީވެސް އިމްތިޙާނެކެވެ. ކެތްތެރި ނުވެވިއްޖެނަމަ އިމްތިޙާނުން ފެއިލްވީއެވެ. ކެތްތެރިވެވިއްޖެ ނަމަ ފަހުން ކުރާނެ ފައިދާ މާ ބޮޑުވާނެއެވެ. ވީމާ ނަޞޭޙަތަކީ ތިމާއަށް ލިބިފައިވާ ހިތްދަތިކަމެއްގެ ސަބަބުން ނުވަތަ އުފުލަން ޖެހިފައިވާ ބުރައެއްގެ ސަބަބުން އެހެން އެއްވެސް މީހަކަށް ތަކްލީފް އުފުލަން ނުޖައްސާށެވެ! ޚާއްޞަކޮށް މީހެއްގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރާށެވެ! އަދި ބަހެއްވެސް ނުބުނާށެވެ! އެހެން މީހުންނަށް ތަކްލީފް ނުޖެއްސުވުމަކީވެސް ތަކްލީފްތަކުން ސަލާމަތްވުމަށް މަގުފަހިވާ ސަބަބެކެވެ! 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން