ރުޅި އައުމުން ބޭއަދަބީ، ނުބައި ބަސްތައް ބޭނުންކުރުމަކީ މުނާފިޤްކަމުގެ 4 ވަނަ އަލާމާތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ރުޅި އައުމުން ބޭއަދަބީ، ނުބައި ބަސްތައް ބޭނުންކުރުމަކީ މުނާފިޤްކަމުގެ 4 ވަނަ އަލާމާތް!

މުނާފިޤުންގެ ކިބައިން ފައުޅުކަން ބޮޑު ގޮތެއްގައި 4 އަލާމާތެއް ފެންނާނެއެވެ. އެއީ ވާހަކަ ދައްކައިފިނަމަ ދޮގު ހެދުމާއި، އަމާނާތެއް ހަވާލުކޮށްފިނަމަ ޚިޔާނާތްތެރިވުމާއި އަދި ވައުދެއް ވެއްޖެ ނަމަ ނުފުއްދުމުގެ އިތުރުން ރުޅި އަތުވެއްޖެނަމަ ބޭއަދަބީ، ނުބައި ބަސްތައް ބޭނުންކުރުމެވެ. 

މިހާރަކަށް އައިސް މީސްމީޑިއާގައި މީހުންނާއި ދިމާއަށް އެމީހަކީ މުނާފިޤެއް ކަމަށް ބުނެ ވަރަށް ހަޑިހުތުރުބަހުރުވައިން އެބަ ލިޔެހަދައެވެ. ހަޤީޤަތަކީ އެގޮތަށް އެކަން ކުރަނީ "ފައްކާ" މުނާފިޤުން ކަމެވެ. އެހެނީ އެމީހާ އެ އަމަލުކުރަނީ މުނާފިޤް ކަމުގެ 4 ވަނަ ސިފައަށެވެ. އެމީހަކަށް އެހުރެވެނީ މުނާފިޤުންގެ ތެރޭގައެވެ.   

ކިތަންމެ ވަރަކަށް ރުޅި އައި ނަމަވެސް މަލާމާތް ކުރުމާއި ފުރައްސާރަކުރުމާއި ހަޑިހުތުރު ބަހުރުވަ ބޭނުން ކުރުމުން ވެއްޓިގެން އެދަނީ ޚުދު އެމީހާގެ ދަރަޖައެވެ. ޚިޔާލު ތަފާތު ވުމަކީ ރުޅި އަންނަން ޖެހޭ ސަބަބެއްވެސް ނޫނެވެ. ކަމެއްގައި ޚިޔާލުތަފާތުވެއްޖެނަމަ އޮތީ އެމީހެއްގެ ޚިޔާލު ނުވަތަ ވިސްނުން މޮޅުކަން ދެއްކުމަށް އެކަމުގެ ހެކި ދެއްކުމެވެ. އެއިރުން މީސްތަކުން އެކަމަށް ވިސްނައި ރަނގަޅީ ކާކުގެ ޚިޔާލެއް ކަމާއިމެދު ގޮތެއް ނިންމާނެއެވެ! ތިމާއަމިއްލައަށް މިއީ އެންމެ މޮޅު ގޮތް ކަމަށް ކިތަންމެ ބާރަށް ބުނި ނަމަވެސް މީސްތަކުން އެކަން ބަލައި ނުގަންނަނަމަ އެބަހުގެ އެއްވެސް ބާރެއް ނެތެވެ. 

މީސްމީޑިއާގައި ތިމާއަކީ ކާކުކަން ނުއެނގޭ ގޮތަށް ފޮރުވިގެން ތިބުމަކީ ވަރަށް ފިނޑި މީހުންގެ ސިފައެކެވެ. އެކަމުން އެނގެނީ އެމީހާއަކީ އެހެން މީހުންނާއި ކުރިމަތިލާން ކެރޭ ވަރަށްވުރެވެސް ދަށު ދަރަޖައިގެ މީހެއް ކަމެވެ. ޙައްޤު ބަސް ބުނަން ބޭނުން މީހާ ފިލައި، ފޮރުވެން ޖެހޭ ސަބަބެއް ނުއޮންނާނެއެވެ. ވީމާ އިސްލާމް ދީނުގެ ކަމެއްގައި ނަމަވެސް އަދި އެހެން ކަމެއްގައި ނަމަވެސް ޙައްޤު ބަސް ބުނާ މީހާ އެކަން ކުރަންވާނީ އެބަސް އެބުނީ ކާކުކަން އެނގޭނެ ގޮތަށެވެ. ޙައްޤު ބަސް ބުނުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.

މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން