މިއީ އެމެރިކާގައި ހިނގައި ދިއަ ކަމެކެވެ. މުސްލިމް ޒުވާން އިމާމަކު ލިފްޓަކަށް އަރައިވަޑައިގެންނެވިއެވެ. ވަކި ހިސާބަކުން ދެބައިކުޅަ އެއްބައި ބަރަހަނާކަންމަތީ ހުރި ޒުވާން އަންހެނަކު ލިފްޓަށް އެރިއެވެ. އިމާމް އިސްދަށަށް ޖެއްސެވި ގޮތަށް އޭނާއަށް ނުވެސް ބެއްލެވިއެވެ.
އަންހެން މީހާ ލިފްޓަށް އެރީ އިމާމް އަށްވުރެ މަތީ ފަންގިފިލާއަކަށް ދިއުމަށެވެ. ނަމަވެސް އިމާމެ ލިފްޓުން ފޭބި ފަންގިފިލާއަށް އޭނާވެސް ފޭބީއެވެ. އަދި އިމާމް ޢާއި ސުވާލުކުރަން ފެށިއެވެ. "އަހަރެންނަށް ބަލައިވެސް ނުލީ އަހަރެންގެ ސިފަ ހުތުރުކަމުން ހެއްޔެވެ؟ އަހަރެންގެ ސިފަ ހަމަ އެހައި ބިރުވެރީ ހެއްޔެވެ؟"
ސަބަބަކަށްވީ މިއީ އޭނާގެ މުޅި ހަޔާތުގައިވެސް މި ގޮތަށް ކުރިމަތިވި ފުރަތަމަ ފަހަރުކަމަށްވުމުންނެވެ. މިއީ އޭނާއަށް ފިރިހެނެއްގެ ސަމާލުކަން ނުލިބުނު ފުރަތަމަ ފަހަރެވެ. ޚާއްޞަކޮށް މިހައި އެކަހެރިކޮށް ބައްދަލުވެވި ފިރިހެނެއްގެ ބެލުން ނުލިބުނު ފުރަތަމަ ފަހަރެވެ. އެކަން އޭނާއަށް ޙަޖަމް ނުކުރެވުނީއެވެ.
ސުވާލުތައް ކުރަން ފެށުމުން އިމާމް ވިދާޅުވިއެވެ. "ތިއަ ބުނާ އެއްވެސް ކަމެއް ނުވެއެވެ. ނަމަވެސް އަހަރެންނަކީ މުސްލިމެކެވެ. އަހަރެންގެ އަންބަކުވެސް އެބައިނެވެ. އަހަރެން އިތުރު އަންހެނެއް ބޭނުމެއް ނޫނެވެ. ފާހިޝް އަމަލެއްވެސް ކުރާކަށް ބޭނުމެއް ނޫނެވެ. ވީއިރު ކަލެއަށް ބަލައިގެން އަހަރެންނަށްވެސް ކަލެއަށްވެސް އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެހެން ނޫން ނަމަވެސް އިސްލާމް ދީނުގައި އަންހެނުންނަށް ވަނީ ވަރަށް މަތިވެރި މަޤާމެކެވެ. ތިއަ ގޮތަށް ހެދުން އަޅައިގެން ފެންނަހައި ފިރިހެނަކަށް ހަށިގަނޑުގެ ބައިތައް ދައްކައި ހެދުމަކީ މުސްލިމް އަންހެނުން ކުރާނެ ކަމެއް ނޫނެވެ. އެކަނބަލުންގެ ޝަރަފާ އިއްޒަތާއި ކަރާމާތުގެ އަގު އެއަށްވުރެ މާބޮޑެވެ. މުސްލިމް އަންހެނުން ނިވާވެގެން އެތިބެނީ އެ ސަބަބަށްޓަކައެވެ."
އެހިސާބުން އެ އަންހެނާއަށް ކުރި އަސަރު މުޅިން ތަފާތުވެގެން ދިއައެވެ. އަދި އިމާމްގެ ފޯނު ނަމްބަރަށް އެދުމުން އޭނާ ޢާއި މުޢާމަލާތުކުރާނެ ބައަކު ހަމަޖައްސަވައި ފޯނު ނަމްބަރުތައް ދެއްވިއެވެ. ނަތީޖާއަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އަންހެން މީހާ އިސްލާމް ދީން ޤަބޫލުކުރީއެވެ. އެއަށްފަހު އޭނާ ބުނެފައިވަނީ އޭނާގެ މަޤާމާއި އަގު އޭނާއަށް އަންގައިދިނީ އިސްލާމް ދީން ކަމަށެވެ.
އަދިވެސް އޭނާ ބުނެފައިވެއެވެ. މީގެ ކުރިން ގެއިން ބޭރަށް ނުކުންނަ ނަމަ މަދުވެގެން 30 މިނިޓްއިރު މޫނުބަލާ ލޯގަނޑު ކުރިމަތީގައި އިނދެ ޒީނަތްތެރިވާންޖެހެއެވެ. ނަމަވެސް އިސްލާމްވުމަށްފަހު ކަޅު ހެދުމެއް ލައިގެން ނުކުމެގެން މިދަނީއެވެ. އިސްލާމް ދީން މިވަނީ އަހަރެން މިނިވަންކޮށްދީފައެވެ.
- މުފްތީ މެންކްގެ ދަރުސަކުން