ބަލިހާލުގައި އުޅުމަށްފަހު މަރުވާ ބައެއް މީހުންނަށް ޝަހާދަތް ނުކީގެން ނުވަތަ ކިޔަން އުނދަގުވެގެން އުޅޭތަން ފެނުމަކީ ޢާންމުކަމެކެވެ. މިކަމާއި ގުޅިގެން ދުނިޔޭގައި މިހާރު ތިއްބެވި ދީނީ އިލްމުވެރިންގެ ތެރެއިން އެންމެ އިސް އެއް ބޭފުޅަކު ކަމުގައި މުފްތީ އިސްމާޢީލް މެންކް ވިދާޅުވަނީ "މަރުމަތީގައި ޝަހާދަތް ކިޔުމަކީ ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށް ޤަބޫލު ނުކުރުމަށެވެ. ދުލުން ބޭރުވާނީ ހިތުގައި އޮންނަ އެއްޗެއް ކަމަށްވާތީ ކަމަށެވެ."
މުފްތީ އިސްމާޢީލް މެންކުގެ މި ބަސްފުޅުންވެސް އެނގެނީ އެމީހެއްގެ ހިތުގައި ޝަހާދަތް ނެތް ނަމަ ދުނިޔޭގައި އުޅޭއިރު ޝަހާދަތުގެ ދެކަލިމަ ކިޔައިލެވޭހައި ފަސޭހައިން މަރުމަތީގައި ކިޔައި ނުލެވޭނެކަމެވެ. ދެން ބަލައިލަންވީ ހިތުގައި ޝަހާދަތް އޮތުމުގެ މާނައަށެވެ.
މީހަކު ޝަހާދަތް ދަސްކޮށްފައިވާނަމަ އެމީހެއްގެ ހިތުގައި ޝަހާދަތް އޮންނާނެއެވެ. ނަމަވެސް މިތަނުގައި މާނަކުރައްވާފައި އެވަނީ އެމީހެއްގެ ހިތުގައި ޝަހާދަތަށް ލޯބި އޮތުމަށެވެ. ޝަހާދަތަށް ލޯބި އޮތުމަކީ އެމީހަކު ދުނިޔޭގައި އުޅުނު އިރު ޝަހާދަތަށް އަމަލުކުރުމެވެ. ޝަހާދަތަށް އަމަލުކުރުމަކީ ﷲ ތަޢާލާގެ އެންގެވުންތަކަށް ފުރިހަމަ ގޮތުގައި އަމަލުކުރުމާއިއެކު ރަސޫލް (ޞޢވ)ގެ ސުންނަތަށް އަމަލުކުރުމެވެ. ﷲ ތަޢާލާ އަށާއި ރަސޫލް (ޞޢވ) އަށް ލޯބިކުރުމަކީވެސް ހަމަ އެއީއެވެ.
އެމީހެއްގެ މަރުމަތީގައި، އެމީހެއްގެ އެންމެ ފަހުބަހަކަށް ޝަހާދަތް ކީއްޖެ ނަމަ ކޮންމެވެސް ދުވަހަކުން އެމީހަކަށް ސުވަރުގެ ދެއްވަވާނެ ކަމުގެ އުންމީދު އެބައޮތެވެ. އެހެންކަމުން މަރުމަތީގައި ޝަހާދަތް ކިޔަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އެވަގުތު ކައިރީގައި ތިބި ބައަކުވެސް އެކަން ކުރުވޭތޯ މަސައްކަތް ވެސް ކުރަންވާނެއެވެ. ދުނިޔޭގައި ދުވަސްތައް ހޭދަކުރާއިރު ގަދައަޅައި މަސައްކަތް ކުރަންވީ މަރުމަތި އަމާންކޮށް ދެއްވަވައިތޯއެވެ! ފަސޭހައިން މަރު ގެންދަވާ މީހަކު ކަމުގައި ލައްވަވައި ދެއްވަވާތޯއެވެ! އެންމެ ފަހު ބަހަކަށް ޝަހާދަތް ދުލުން ކިޔޭ މީހަކު ކަމުގައި ލައްވަވައި ދެއްވަވާތޯއެވެ!
މަރުމަތި އަމާން ކޮށްދެއްވެވުން އެދި ދުޢާކުރުމަކީވެސް މުހިންމު ކަމެކެވެ.
|
للَّهُمَّ أَعِنِّي عَلَى غَمَرَاتِ الْمَوْتُ وَسَكَرَاتِ الْمَوْتِ |
|
"O Allah, at this (time) of severity of death help me". (Tirmidhi) |
– އިސްލާމީ ތިލަފަތުގެ ދަރުސަކުން