"އަބަދުވެސް ވުޟޫމަތީގައި ދެމިހުރުމަކީ ސިހުރު ޖެހުމުން ދުރުކޮށްދޭ ކަމެކެވެ." ޝައިޚް އާދަމް ޝަމީމް
ޝައިޚް އާދަމް ޝަމީމްގެ މި ބަސްފުޅުން އެނގިގެންދަނީ އެމީހަކަށް ވެވުނުވަރަކުން ވީހައި ގިނައިރު ވުޟޫމަތީގައި ދެމިހުރުމުގެ މުހިންމު ކަމެވެ. އަދި އެކަމަކުން ސިހުރު ޖެހުމުން ދުރުކޮށްދޭނެ ކަމެއް ކަމެއް ކަމެވެ.
ހަމައެއާއިއެކު ގިނަގިނައިން ވުޟޫ ކުރުމަކީ މަތިވެރި އަޅުކަމެކެވެ. ވުޟޫ ކުރެވޭ ގުނަވަންތައް ޤިޔާމަތް ދުވަހު ހުންނާނީ ﷲ ތަޢާލާގެ ނޫރުފުޅުން ދިއްލިފައެވެ. އެއްވެސް އަލިކަމެއް ނުލިބި އޮންނަ ޤިޔާމަތް ދުވަހު ޞިރާޠުމަގު ހުރަސްކުރަން އެ ގުނަވަންތައް އަލިކޮށްދޭނެއެވެ.
ޤިޔާމަތް ދުވަހު ރަސޫލް (ޞޢވ) އަށް މިއުންމަތުގެ މީހުން ވަކިކުރައްވަން އެނގިވަޑައިގަންނަވާނެ އެއް ސަބަބަކަށް ވެސް ވުޟޫ ކުރާ ގުނަވަންތައް ދިއްލިފައި ހުރުން ވެގެންދެއެވެ. ވީމާ އެންމެ ފުރިހަމައަށް ވުޟޫ ކުރުމުގެ މުހިންމުކަން މިކަމުންވެސް އެނގިގެންދެއެވެ.

ނަމާދަށް ބަންގި ގޮވުމާއި ޤަމަތް ދިނުމާއި ދެމެދު ލިބޭ ވަގުތުކޮޅު ކުޑަކަމުން ކިތަންމެ އަވަސް އަރައިގެން ވުޟޫ ކުރި ނަމަވެސް ގުނަވަންތަކުގައި ފުރިހަމައަށް ފެންޖައްސާށެވެ. ނަމާދުގެ ޞައްޙަކަން ވަނީ ވުޟޫކުރުމުގެ ޞައްޙަކަމާއި ގުޅިލާމެހިފައި ކަމަށްވާތީއެވެ.