ކޮރަޕްޝަން ހުއްޓުވޭނީ ބޮޑެތި ވަގުން ފުރަތަމަ ހައްޔަރުކޮށް ފިޔަވަޅު އަޅައިގެން ކަމަށާއި މިސަރުކާރުން ކޮރަޕްޝަން ހުއްޓުވަން މަސައްކަތްކުރަނީ މިއުޞޫލުން ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ރޮޒައިނާ މިއަދު ވިދާޅުވީ އޮފީހަކުން ފަންސުރެއް ވަގަށް ނެގި ނަމަވެސް އެއީ ވެސް ހަމަ މައްސަލައެއް ކަމަށާއި ނަމަވެސް މިލިއަން މިލިއަނުން ވައްކަން ކުރާ ބޮޑެތި ވަގުންގެ މައްސަލަތައް ނުބަލައި މިނިވަންކަމުގައި ބެއިތިއްބުމަށްފަހު ކުދިކުދި އަދަދުން ކުށްކުރާ މީހުންނަށް އެކަނި އަދަބުދީގެން ކޮރަޕްޝަނާއި ވައްކަން ނުހުއްޓުވޭނެ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވިން ކަމަށާއި ނަމަވެސް ރައީސް ޔާމީނުގެ ރިޔާސީ ކޮމިޝަނަކުން މައްސަލަ ބަލަމުން ގެންދާ ކަމަށްބުނެ މަޖިލީހަށް ބަލައި ނުގަތީ ކަމަށެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރު ނިމިގެން ދިއައިރުވެސް އެ ރިޔާސީ ކޮމިޝަނުން އެއްވެސް ކަމެއް ބަލައި ފިޔަވަޅު އެޅިފައި ނެތް ކަމަށެވެ.
މަޖިލީހުގައި މިއަދު ވާހަކަދެއްކެވި ގިނަ މެންބަރުން ވަނީ މާލީ ތަނަވަސްކަމުގެ ގޮތުން ވަރަށް ޢާދައިގެ ފެންވަރުގެ މީހެއްގެ ގޮތުގައި މަޖިލީހަށް ވަންނަ މެންބަރުން މަޖިލީހުގައި ކުޑަ ދުވަސްކޮޅެއް ހޭދަކޮށްލާއިރަށް އިންތިހާއަށް މުއްސަނދިވެ އެންމެ އަގުބޮޑު ފްލެޓްތައް ގަނެ ވިޔަފާރިތައް ފަށައި ސަފާރީތައް ހޯދައި ސަފާރީތައް އިތުރުކޮށް އަދި އަގުބޮޑު ވެހިކަލްތައް ގަނެ އިންތިހާއަށް ތަނަވަސްކަމުގައި އުޅެމުން ގެންދާކަން ފާހަގަކުރައްވައިފައެވެ.