ކައިވެންޏަށް ދަރަނިވެރިވާ މީހުންނަށް ދުވަހަކުވެސް ދަރަނިން ސަލާމަތް ނުވެވުން ކައިރި!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ކައިވެންޏަށް ދަރަނިވެރިވާ މީހުންނަށް ދުވަހަކުވެސް ދަރަނިން ސަލާމަތް ނުވެވުން ކައިރި!: މުފްތީ މެންކް

ކައިވެނީގެ ހަފްލާއެއް ބާއްވަން ނަމަވެސް ޗުއްޓީއަކަށް ދިއުމަށް ނަމަވެސް އަދި ދިރި އުޅުމުގެ ހުރިހާ ކަމެއްގައިވެސް އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކަށް އަބަދުވެސް ބެލެނީ އެހެން މީހުންނަށް ލިބިފައިވާ ނިޢްމަތްތަކަށެވެ. އެހެން މީހުން ކަންކަން ކުރާ ފެންވަރަށެވެ. ކޮންމެ ގޮތަކުން ނަމަވެސް ބޭނުންވަނީ މިވެނި ކަމެއް މިވެނި މީހަކު ކުރި ފެންވަރުގައި ކުރުމަށެވެ. 

މިކަންކަން މެދުވެރި މިވަނީ އީމާންކަން ކުޑަވުމުންނެވެ. އެހެނީ ތިމާއަށް ﷲ ތަޢާލާ ދެއްވަވާފައި މިންވަރަކީ ތިމާއަށް އެންމެ ޙައްޤު މިންވަރު ކަމަށް ޤަބޫލު ކުރެވޭނަމަ މި މައްސަލތަކެއް ނުނުކުންނާނެއެވެ. މީގެ މާނައަކީ އިތުރު ކުރިއެރުން ހޯދަން މަސައްކަތް ނުކުރުމެއް ނޫނެވެ. އެކަމަށް އަބަދުވެސް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ. 

މިސާލަކަށް ކައިވެންޏަކާއި ހަމައަށް ދެވުނުއިރު އެކަމަށް ޚަރަދުކުރަން އަތުގައި ހުރީ 2000 ޑޮލަރު ކަމަށްވެދާނެއެވެ. އެހެންކަމަށްވާނަމަ 200000 ޑޮލަރު އަތުގައި ހުރި މީހާ ކައިވެނީގެ ހަފްލާ ބާއްވާ ފެންވަރުގައި އެކަމެއް ނުކުރެވޭނެއެވެ. ބައެއް މީހުން ދެން މިކުރާ ކަމަކީ ދަރަނިވެރިވުމެވެ. ކައިވެންޏަކަށް ދަރަނިވެރިވުމަކީ ދުމަފިރިއަކަށް ކުރެވޭނެ އެންމެ ގޯސް އެއް ކަންތަކެވެ. އެހެނީ ކައިވެންޏަށް ދަރަނިވެރިވެއްޖެ ނަމަ އެ ދެމަފިރިންގެ ހަޔާތް އެފަށަނީ ބޮޑު ތަކުލީފަކާއިއެކުގައެވެ. 

ދެމަފިރިންނަށް އަބަދުވެސް އުޅެން ޖެހޭނީ އެ ދަރަނިން ސަލާމަތް ނުވެވިގެންނެވެ. އެހެންކަމަށްވެއްޖެނަމަ ކައިވެންޏަށްފަހު އަމިއްލައަށް ކުރަން ބޭނުންވާ ކަންކަންވެސް އޮންނާނީ ނުކުރެވިފައެވެ. ފެނިފައިވާ ގިނަ ކަންކަމަށް ބަލާއިރު މިފަދައިން ދަރަނިވެރިވާ މީހުންނަށް މުޅި އުމުރުގައިވެސް އުޅެންޖެހިފައިވަނީ ކޮންމެވެސް ދަރަންޏަކުން ސަލާމަތް ނުވެވިގެންނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ކޮންމެ މީހަކު ވެސް ދުނިޔޭގައި އުޅެމުން މިގެންދަނީ ﷲ ތަޢާލާ މިންވަރު ކުރެއްވެވި ޕެކޭޖެއްގައެވެ. ޕެކޭޖް ބޮޑުކޮށް ފެންވަރު މަތިކުރަން މަސައްކަތް ކުރަންވާނެއެވެ. ނަމަވެސް އަބަދުވެސް ދިރިއުޅުމުގެ ކަންކަން ބަހައްޓަން ޖެހޭނީ އެވަގުިތަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ ޕެކޭޖުގެ ތެރޭގައެވެ. 

އެހެން މިސާލެއްވެސް ބުނެފާނެއެވެ. ރައްޓެހި ކުއްޖާ ޗުއްޓީގައި ހަވާއީއަށް ދާތީ ކޮންމެހެން އެންމެން ހަވާއީއަށް ދާކަށް ނުޖެހެއެވެ. އޭނާ ހަވާއީއަށް އެދަނީ އޭނާގެ އެފަދަ ތަނަވަސްކަމެއް ހުރުމުންނެވެ. ތިމާ އަތުގައި ހުރި ތަނަވަސްކަމުން ދެވެން އޮތީ ކައިރީ އަވަށަކަށް ނަމަ އެ އަވަށަކަށް ގޮސްލާށެވެ. ދަރަނިވެރިވެގެން ޗުއްޓީ ހޭދަކުރުމަށްވުރެ ލިބޭ ހިތްހަމަ ޖެހުން މާބޮޑުވާނެއެވެ.   

ބައްދަލުވާ ބައެއް މީހުން ބުނާ ގޮތުން އެމީހުން އުޅެނީ ކައި ބޮއި ރީތި ފޭރާންވެސް ލައިގެންނެވެ. ނަމަވެސް ހިތްހަމަ ނުޖެހެނީ އެހެން މީހުންނަށް ލިބިފައިވާ ވަރުގެ ތަނަވަސްކަން ނުލިބޭތީއެވެ. ﷲ ގަންދީ ބުނަމެވެ. މިމޭރުމުން ވިސްނާމީހަކަށް ދުވަހަކުވެސް ހިތްހަމަ ޖެހުމެއް ނުލިބޭނެއެވެ. ހިތްހަމަ ޖެހުން ލިބޭނީ ތިމާއަށް ﷲ ތަޢާލާ މިންވަރު ކުރެއްވެވި ނިޢްމަތްތަކަށް ޝުކުރުވެރިވެގެންނެވެ. 

ފިރިން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ތިމާ އެދޭހައި ކަމެއް ކޮށްދިނުމުގެ ތަނަވަސްކަން ނުލިބިދާނެއެވެ. ވިސްނާށެވެ. އޭނާއަށްވެސް ކުރެވޭނީ މަސައްކަތެވެ. ލިބޭނީ ﷲ ތަޢާލާ ދެއްވެވި ވަރަކަށެވެ! 

އެންމެ މުހިންމު ކަމަކީ ނިޢްމަތަށް ޝުކުރުވެރި ނުވާނަމަ ދެއްވެވި ނިޢްމަތްތައް ވެސް ގެއްލިދާނެ ކަމަށް ބިރުގަތުމެވެ. ޝުކުރު ވެރިނުވާ މީހުންގެ އަމަލުތަކުގައި ބަރަކާތް ނުލައްވަވާނެކަމަށް ބުނެވޭ ބުނުމަށް ބިރުވެތިވާށެވެ! ނިޢްމަތްތައް އިތުރުކުރަން އެދޭނަމަ ޝުކުރުކުރާ މީހަކަށް ވާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން