ގދ. ފަރެސްމާތޮޑާގައި ރޭ ދަންވަރު ހިންގި މާރާމާރީއެއްގައި ކޯރާޑިއަކުން ޖަހާ ޒުވާނެއްގެ ބޯފަޅާލައިފި އެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެރަށުގެ ކައުންސިލް މެމްބަރު އިބްރާހިމް ސޮބާހު ވިދާޅުވީ ފަރެސް އަދި މާތޮޑާ އަވަށުގެ ދެ ގުރޫޕަކަށް ނިސްބަތްވާ ޒުވާނުންތަކެއްގެ މެދުގައި ހިންގި އެ މާރާމާރީގައި ޒަހަމްވެފައިވަނީ ޝަބާން މުހައްމަދު (21އ.) ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯރާޑީން ބޮލުގައި ޖެހި ޒަހަމް ވުމުން ޝަބާން އެންމެ ފުރަތަމަ ގެންދިޔައީ އެ ރަށު ސިއްހީ މަރުކަޒަށެވެ. ފަހުން ގދ. ތިނަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ މިއަދު ހަވީރު މާލެ ގެނެސްފައިވާ ކަމަށް ވެސް ސޮބާހު ވިދާޅުވި އެވެ.
"ޓެސްޓުތަކުން ދައްކާ ގޮތުގައި ޝަބާންގެ ބޮލުގެ ނާށިގަނޑުގައި ވަނީ ރެނދުލާފައި. އެކަމަކު އޭނާގެ ހާލު މިހާރު ސީރިއަސްއެއް ނޫން،" ކައުންސިލު މެމްބަރު ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން، ފަރެސް އަވަށުގެ ހަތަރު މީހަކު މިރޭ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި އެމީހުން ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ އެ އަތޮޅު ނަޑެއްލާއިންނެވެ.