ﷲ އަންގަވާފައިވާ ގޮތަށް ވިޔަފާރިވެރިއަކު 4 ކަމެއް ބަދަލުކުރުމުން ވިޔަފާރިން ލިބުނު ފައިދާ 4 ގުނައަށް އިތުރުވި 4 ކަމެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
ﷲ އަންގަވާފައިވާ ގޮތަށް ވިޔަފާރިވެރިއަކު 4 ކަމެއް ބަދަލުކުރުމުން ވިޔަފާރިން ލިބުނު ފައިދާ 4 ގުނައަށް އިތުރުވި 4 ކަމެއްގެ ވާހަކަ!

މިލިއަނަރުން ފެންވަރުގެ ވިޔަފާރިވެރިއަކު ދީނީ އިމާމަކަށް ދެންނެވިއެވެ. ވަރަށް ޢާދައިގެ ގޮތަކަށް ފެށި ވިޔަފާރީގެ ކުރިއެރުން މިހާރު މިވަނީ މުޅިންހެން ހުއްޓިފައެވެ. ވިޔަފާރި ދަނީ ފުޅައުވަމުންނެވެ. ނަމަވެސް ލިބޭ ނަފާ އިތުރެއް ނުވެއެވެ. މިކަމަށް ހައްލެއް ފެންނާނެ މަގެއް ހޯދަން ލަފައެއް ދެއްވިދާނެތޯއެވެ! 

ޖަވާބުގައި އިމާމް އެދިވަޑައިގަތީ އޭނާގެ އޮފީހުގައި 2، 3 ގަޑިއިރު މަޑުކޮށްލެއްވުމުގެ ފުރުޞަތަކަށެވެ. ރަނގަޅު ދުވަހެއް ބަލައި ވިޔަފާރިވެރިޔާ އެ ފުރުޞަތު ދިނުމުން އޭނާގެ އޮފީހުގައި މަޑުކުރައްވައިގެން އިންނެވުމަށްފަހު އިމާމް ވިދާޅުވިއެވެ. 

"ކޮންމެ އިންސާނަކަށް ވެސް ﷲ ތަޢާލާ ދެއްވެވީ ދެފައެވެ. ދެފައިން ހިނގާފައި އެއް ފަހަރާ ދެ ދޮރުން ވަނުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ދެދޮރު ޖެހިޖެހިގެން ހުރި ނަމަވެސް އެއްފަހަރާ ދެދޮރުން ވަންނަން އުޅެފިނަމަ މެދުކަނީގައި އަޅައިގެންފައި ވެއްޓޭނީ ފުރަގަހަށެވެ. ވީމާ އެއް ދޮރުން ވަންނަން ޚިޔާލުކުރާށެވެ! އެއިރުން ހުރިހާ ކަމެއްވެސް ﷲ ތަޢާލާގެ އިރާދަފުޅާއިއެކު ރަނގަޅުވެދާނެއެވެ." 

އިމާމްގެ އަރިހުން އިތުރު ތަފްޞީލަށް އެދުމުން ވިދާޅުވެ ދެއްވިއެވެ. 

"ފުރަތަމަ ކަމަކަށް ތިބާގެ އަތުގައި ތަނަވަސްކަން ހުރެމެ ތިބާ އެބަ ދަރަންޏަށް ތަކެތި ނަގަމުއެވެ. އެއީ ކުރަން ރަނގަޅުކަމެއް ނޫނެވެ. އެއްވެސް މީހެއްގެ އަތުން ދަރަންޏަށް އެއްޗެއް ނަގަންވާނީ އެހެން ގޮތެއް ނެތިގެންނެވެ. ދަރަންޏަށް މީހަކު ދޭން ހުރި ނަމަވެސް މެއެވެ. 

ދެވަނަ ކަމަކީ ތިބާ ރިބާގެ މުޢާމަލާތް އެބަކުރަމުއެވެ. އަވަހަށް އެކަން ހުއްޓާލައި އިސްލާމީ ޝަރީޢާ ހުއްދަކުރާ ނިޒާމުގެ ތެރެއިން ކުރިއަށްދާން މަސައްކަތް ކުރާށެވެ! ރިބާއަށް ފައިސާ ހޯދުމާއި ރިބާގެ ފައިސާ ދިނުމަކީ އެންމެ ބޮޑެތި ޙަރާމް ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. 

3 ވަނަ ކަމަކީ އެހީއަށް އެދި އަންނަ މީހުންނަށް ނޫނެކެވެ އެބަ ބުނަމުއެވެ. އެއީ ވަރަށް ނުބައިކަން ބޮޑު ކަމެކެވެ. ދެވެން އޮތް މިންވަރަކުން ކޮންމެ މީހަކަށްވެސް އެހީތެރިވާން ވާނެއެވެ. ނޫންނަމަ ކޮންމެ ވެސް އުޞޫލެއް ހަމަޖައްސައި އެ އުޞޫލުގެ ތެރެއިން އެހީތެރިވާންވާނެއެވެ. 

4 ވަނަ ކަމަކީ މެންދުރު ނަމާދު ވަގުތު ޖެހިދިއަކަން އެނގޭ އެއްވެސް މީހަކު މިއޮފީހަކު ނެތެވެ. 

ހަމަ އެކަނި މި 4 ކަމަށް ބެލި ނަމަވެސް މިކަންކަމަކީ ވަރަށް ނުރައްކައުތެރި ކަންބޮޑު ކަންކަމެވެ. މިކަންކަން ކުރާ މީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަމަށް އުންމީދުކޮށްގެން ނުވާނެއެވެ. ވީމާ އަތުގައި ތަނަވަސްކަން ހުރެ ދަރަނިވެރި ނުވާށެވެ! ރިބާ ހިމެނޭ އެއްވެސް މުޢާމަލާތެއް ނުކުރާށެވެ! ދެވެން އޮތްވަރަކުން ޞަދަޤާތް ކުރާށެވެ! ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ވަގުތު ޖެހުމުން ނަމާދުކުރާށެވެ! އަދި އެހެން މުވައްޒިފުން ލައްވައި ވެސް ނަމާދު ކުރުވާށެވެ! 

މިކަންކަން ކުރުމަށްފަހު އައި ބަދަލެއް ބުނެލަ ދިނިއްޔާ ރަނގަޅެވެ." 

އެދުވަހަށްފަހު ފުރިހަމަ 1 އަހަރު ފުރުނު ދުވަހު ވިޔަފާރިވެރިޔާ އިމާމް އާއި ބައްދަލުކޮށް ދެންނެވިއެވެ. "އިމާމް ވިދާޅުވި ހުރިހާ ކަމެއް ކުރީމެވެ. އައި ބަދަލަކީ ވިޔަފާރީގެ ވޮލިޔުމް ތަންކޮޅެއް ކުޑަވިއެވެ. ނަމަވެސް ލިބުނު ނަފާ 4 ގުނައަށް އިތުރުވިއެވެ. އަޅުގަނޑަށް ލިބުނު ނަފާއިން އިމާމަށްވެސް ކުޑަ ހަދިޔާއެއް ގެނައިމެވެ." 

އިމާމް ވިދާޅުވީ އޭނާ ބޭނުން ނަމަ ހަދިޔާ ކޮންމެވެސް މިސްކިތަކަށް ހަދިޔާ ކުރުމަށެވެ. ނޫން ނަމަ ފަޤީރުންނަށް ޞަދަޤާތްކޮށްލުމަށެވެ. ﷲ ގެ މަގުގައި ސާބިތުވެ ކުރިއަށް ދާން މަސައްކަތް ކުރުމުން އިމާމަށް ފައިދާ ލިބި ނިމުނީ ކަމަށެވެ. 

ދެދޮރުން އެއްފަހަރާ ވަންނަން މަސައްކަތް ނުކުރުމަށް އިމާމް އެ ދެއްވި އިރުޝާދަކީ ހެޔޮ އަމަލުކުރަމުން ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ނުކުރުމެވެ. އެގޮތަށް ކަންކަން ކުރަން އުޅުމުން ލިބޭނީ ގެއްލުން ކަމެވެ. ކުރިއަށް ދާން މަސައްކަތްކުރަންވީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ކަމެވެ. 

"ﷲ ގެ މަގުގައި ސާބިތުވެ ކުރިއަށް ދާން މަސައްކަތް ކުރުމުން އިމާމަށް ފައިދާ ލިބި ނިމުނީ" ކަމަށް އެވިދާޅުވި ބަސްފުޅުގެ މާނައަކީ އިމާމްގެ ނަޞޭޙަތް ޤަބޫލުކޮށް ﷲ ތަޢާލާގެ މަގަށް އޭނާ ބަދަލުވުމުން ޤިޔާމަތް ދުވަހު އިމާމަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ނިޢްމަތް މާބޮޑެވެ! ވީމާ އެކަމަށް މިދުނިޔޭގައި އެއްވެސް އަގެއް ބޭނުމެއް ނޫން ކަމަށެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން