ރައީސް ޔާމީނުގެ ސަރުކާރުން ފްލެޓް ދިން ކަމުގެ ލިޔުން ހަވާލުކޮށްފައިވާ މީހުންގެ ތެރެއިން ޝަރުޠު ހަމަ ނުވާ މީހުންނަށް މިއަހަރު ސަރުކާރުން އަޅަން ފަށާ 4000 ފްލެޓްގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހައުސިންގ މިނިސްޓަރ ޢާޠިފާ ޝުކޫރު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޢާޠިފާ ވަނީ ލިބުނު ޕޮއިންޓުގެ އަދަދުވެސް ނުއެނގޭ ގޮތަށް އެތައް ބައަކަށް ފްލެޓް ލިބޭނެ ކަމުގެ ލިޔުން ދޫކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ފްލެޓައް ލިބޭނެ ކަމުގެ ލިޔުން ހަވާލުކޮށްފައިވާ ގިނަބައަކަށް ލިޔުން ހަވާލުކުރުމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރިކަންވެސް ފާހަގަކުރައްވައިފައެވެ.
ހިޔާ މަޝްރޫއުގެ ދަށުން މިހާރު އިމާރާތް ކުރެވިފައިވަނީ 7000 ފްލެޓެވެ. މިއަހަރު އިމާރާތް ކުރަން ފަށަނީ 4000 ފްލެޓެވެ. ދެ އަދަދު އެއްކުރުމުން ހަމަވަނީ 11000 ފްލެޓެވެ. އެހެންކަމުން މިއީ ފްލެޓަށް އެދިގެން ތިބި މީހުންނަށް އެކުގައި ފްލެޓް ދޫކުރެވޭނެ އަދަދަކަށް ނުވާއިރު އުފެދޭ ސުވާލަކީ ފްލެޓް ލިބުން ހައްޤު ގިނަ ބައަކަށް ފްލެޓް ނުލިބި ތައްބައި ޝަރުޠު ހަމަނުވި ނަމަވެސް ޑރ. މުޢިއްޒު ލިޔުމެއް ދެއްވާފައިވުމަކީ ފްލެޓް ލިބެން ޖެހޭނެ ސަބަބެއްތޯއެވެ؟ އެ މީހުންނަށް ވެސް ފްލެޓް ލިބެން ޖެހޭނީ ފޯމަށް ޕައިންޓް ދެވި އެ ޕޮއިންޓްތަކަށް ބަލައިގެން ތަރުތީބުން ނޫންތޯއެވެ؟ އެގޮތަށް އެކަން ނުކޮށް އިންޞާފުން ކަންކަން ކުރެވުނު ކަމަށްވެދާނެތޯއެވެ؟
މިސުވާލުތައް އުފެދެނީ ދުވަހަކު މާލޭގައި ދިރި ނުއުލޭ މީހުންވެސް ކުއްލިއަކަށް ދަފްތަރުގައި ޖެހި ޑރ. މުޢިއްޒު ވިދާޅުވާ "ހިޔުމަން އެރަރ"ގެ ދަށުން ފްލެޓް ލިބިފައިވާތީއެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ޢާއިލާތަށް ފްލެޓްތައް ލިބިފައިވާތީއެވެ. މިގޮތުން ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޚަލީލުގެ ޢާއިލާއަށް 7 ފްލެޓް ލިބިފައިވާކަން ވެސް ވަނީ ހާމަވެފައެވެ.
ހުޅުމާލެއިން އެންމެ ފަހުން ދޫކުރި 600 އަށްވުރެ ގިނަ ފްލެޓް ދޫކުރުމުގައިވެސް ހިޔުމަން އެރަރ މިނިސްޓަރު ޑރ. މުޢިއްޒު ވަނީ ޝަރުޠު ހަމަ ނުވާ އެތައް ބައަކަށް ފްލެޓް ދޫކުރައްވައިފައެވެ. އެގޮތަށް އެކަންކަން ކޮށްފައިވާކަން ޕީޕީއެމްގެ ޖަލްސާތަކުގައި ވަނީ އިއުލާނުވެސް ކޮށްފައެވެ.
މިނިސްޓަރު ޢާޠިފާ ވިދާޅުވީ 7000 ފްލެޓް ލިބޭނެ މީހުން ކަނޑައަޅަމުން ގެންދަނީ އެކަމަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ ޚާއްޞަ ކޮމިޓީން ކަމަށާއި އެ ކޮމިޓީން ނިންމާ ނިންމުންތަކަށް މިނިސްޓްރީން އިޙް ތިރާމް ކުރާ ކަމަށެވެ.