ވަޒީފާއަށް ގަޑި ޖެހުމާއި އިހްމާލުވުމަކީ ފާފައެކެވެ. އެގޮތަށް އަމަލުކުރާ މުވައްޒިފުންނަށް ފުރިހަމަ މުސާރަ ހަލާލެއް ނުވާނެއެވެ. އެހެނީ ތިމާ އާއި ޙަވާލުކުރެވޭ ކޮންމެ މަސްއޫލިއްޔަތަކީ އިސްލާމް ދީނުގައި ޒިންމާއެކެވެ. ކޮންމެ ޒިންމާ އަކާއިމެދުވެސް ސުވާލުކުރެވޭނެއެވެ!
ބައެއް މީހުންނަށް ހީވެފައި އޮންނަނީ 5 ނަމާދު ކުރުމުން ހުރިހާ ކަމެއް ނިމުނީ ކަމަށެވެ. ހުރިހާ ޒިންމާތަކެއް އަދާކުރެވުނީ ކަމަށެވެ. ނަމަވެސް އިސްލާމް ދީނުގައި އެކަންކަން އޮތީ އެގޮތަކަށް ނޫނެވެ. ރަނގަޅެވެ! ނަމާދަކީ އެންމެ ބޮޑު ޒިންމާއެވެ! އެކަން ކޮންމެހެންވެސް ކުރަން ޖެހޭނެއެވެ. ހަމައެއާއިއެކު ދެން އަދާކުރަންޖެހޭ ޒިންމާތައްވެސް އަދާކުރަން ޖެހޭނެއެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ މައިން ބަފައިންނާއި އަނބިދަރިން ބަލަހައްޓަން ޖެހޭނެ މީހެކެވެ. އެކަމުގެ ޒިންމާ އުފުލަންޖެހޭނެއެވެ. ކުރާ އަޅުކަމުގެ ފުރިހަމަ ފައިދާ ލިބެމުންދާނީ ވެސް ޒިންމާ އަދާކުރަމުން ގެންދިއުމުންނެވެ.
ވަޒީފާ އަދާ ކުރުމަކީ ވަރަށް ބޮޑު ޒިންމާއެކެވެ. އެ ޒިންމާ ގުޅިފައިވަނީ ހަމައެކަނި ވަޒީފާ ދިން ފަރާތާއިއެއް ނޫނެވެ! އެވަޒީއެއްގެ ސަބަބުން ޚިދުމަތް ލިބެން ޖެހޭ މީހުންގެވެސް ޙައްޤުތަކެއްވެއެވެ. ގަޑި ޖެހޭނަމަ ޚިދުމަތް ލިބެން ފެށުންލަސްވެއެވެ. ވަޒީފާގެ ވަގުތުގައި ބަރާބަރަށް ޚިދުމަތް ނުދޭނަމަ ޚިދުމަތް ހޯދަން އަންނަ މީޙުންނަށް ދަތިވެއެވެ. އަދި އެކަމުގެ ސަބަބުން ވަޒީފާ ދިން ފަރާތަށްވެސް ގެއްލުންތަކެއް ލިބެއެވެ.
ވަޒީފާ އަދާކުރުމަކީވެސް އެއްގޮތަކުން ބަލައިފިނަމަ ކުރެވޭ ވިޔަފާރިއެކެވެ. ވަޒީފާ ދިން ފަރާތަކީ ކަސްޓަމަރެވެ. ކަސްޓަމަރު މަހުން މަހަށް މުސާރަ ދޭނަމަ އޭނާ އެގެންދަނީ އަގު އަދާކުރަމުންނެވެ. ކަސްޓަމަރު ދިން އަގާއި އެއްވަރަށް ޚިދުމަތް ނުދޭނަމަ ވިޔަފާރި އެއޮތީ ގޯސްވެފައެވެ. މާނައަކީ ވަޒީފާގެ އެއްބަސްވުމުގައިވާ ފަދައިން ޚިދުމަތް ނުދޭނަމަ މުސާރަ ހަލާލް ނުވާނެ ކަމެވެ.
މިވާހަކަތައް މިހެން ބުނުމުން ތިއަ ކަންކަން ބަޔާންކޮށްފައިވަނީ ކޮން ފޮތެއްގައިތޯ ކޮން އާޔަތެއްގައިތޯ ކޮން ހަދީޘްފުޅެއްގައިތޯވެސް ބައެއް މީހުން އެބަ ސުވާލުކުރެއެވެ. މަސައްކަތް ކުރުމުގައި އިޚްލާޞްތެރި ވުމަށާއި މަސައްކަތްކޮށް ނިމުމުން އުޖޫރަދޭން ޖެހޭނެކަން އެނގެން ނެތީހެއްޔެވެ؟ ތިމާކުރަންޖެހޭ ކަންކަމުގައި އިޚްލާޞްތެރި ނުވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެކަން އެނގެން ނެތީހެއްޔެވެ؟ މުޢާހަދާއެއް ކޮށްނަމަ ޙުރުމަތްތެރިކޮށް ހިތުމަށް ނެތީހެއްޔެވެ؟ ވަޒީފާ އާއި ބެހޭ އެއްބަސްވުމަކީ ދެފަރާތް ދެމެދުގައި ކުރެވޭ މުޢާހަދާއަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ވަޒީފާގެ ކޮންމެ އެއްބަސްވުމަކީ ހަމަ އަހުދުނާމާއެކެވެ. ވައުދާއި އަހުދަށް ޚިޔާނާތްތެރިވުމަކީ މުނާފިޤުންގެ ސިފައެއް ކަމަށް އެނގެން ނެތީހެއްޔެވެ؟ ވީއިރު ތިއަ އުޅެނީ ފޮތްތަކުން ކޮންކަމެއް ފެންނަން ނެތިގެން ހެއްޔެވެ؟
ކަންކަން ހިނގާ ގޮތް އެނގޭނީ ވިސްނައި ބެލީމައެވެ. އަހަރެން ވަރަށް ރަނގަޅަށް ދަންނަ މީހަކު އޮފީހަށް ވަރަށް ގިނައިން ސަލާމް ބުނެ އުޅުނެވެ. ބޮލެއްގައި ރިއްސާތީ ނުވަތަ އެނޫންވެސް އެފަދަ ކަމެއް މެދުވެރިވެގެން ކަމަށް ބުނެއެވެ. ދުވަސްކޮޅެއް ފަހުން އެމީހާ ވެގެންދިއައީ އެމީހާ ބުނަމުން ދިއަ ބަލިތައް ޖެހިފައި ހުރި މީހަކަށެވެ. އަބަދު ބޮލުގައިވެސް ރިއްސާ މީހަކަށެވެ. އާދައިގެ ކުޑަކުޑަ ބައްޔެއް ޖެހުނު ނަމަވެސް ބޮޑު ބައްޔަކަށްވެ ގިނަ ދުވަހު ބަލީގައި އުޅެންޖެހޭ މީހަކަށެވެ. "ކަލެއަށް މިހެން މިވަނީ މިވެނިކަމެއް ވެގެން" ކަމަށް މަތިން އާދެއް ނުއިވިދާނެއެވެ. ނަމަވެސް ވިސްނައި ފިކުރުކޮށްފި މީހަކަށް މިފަދަ ކޮންމެ ކަމެއްގައި ޢިބްރަތްތަކެއް ވެއެވެ.
ވީމާ ކޮންމެ މީހަކީވެސް އެމީހަކާއި ޙަވާލުކުރެވިފައިވާ، އެމީހަކު އަދާކުރަންޖެހޭ ހުރިހާ މަސްއޫލިއްޔަތުތަކެއްވެސް ފުރިހަމައަށް އަދާކުރާ މީހަކަށްވުމަށް ނަޞޭޙަތްތެރިވަމެވެ. ލިބޭ މުސާރަ ހަލާލު ކުރުމަށްވެސް ނަޞޭޙަތްތެރިވަމެވެ. އަދި އަނބިދަރިންނަށް ކާން ބޯން ދެވޭ ތަކެތީގެ ހަލާލުކަން ޔަޤީން ކުރުމަށްވެސް ނަޞޭޙަތްތެރިވަމެވެ!
- މުފްތީ މެންކުގެ ދަރުސަކުން