ރާއްޖޭގެ ދަރަނީގެ މިންވަރު އިތުރުވުމުގެ ސަބަބުން ދަރަނި އަދާކުރުމުގައި ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށް އައިއެމްއެފުން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ އައިއެމްއެފްގެ ވަފުދުން މިއަހަރު ޜާއްޖެއަށް ކުރި ޒިޔާރަތަށްފަހު ނެރުނު ބަޔާނުގައެވެ.
ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ ދަރަންޏާއި ދައުލަތުން ގެރެންޓީދީފައިވާ ދަރަނީގެ މިންވަރު އިތުރުވުމުގެ ސަބަބުން ދެމެހެއްޓެނިވި ފިސްކަލް ސިޔާސަތުތައް ބައްޓަންކުރުމުގައި ކުރިމަތިވެދާނެ ހިރާސްތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި މެދުރާސްތާއަށް ލަފާކުރެވޭގޮތުގައި، ދައުލަތުގެ ދަރަނި މައްޗަށް ދިއުމަށްފަހު މިހާރު ހުރި މިންވަރަށް އަނބުރާ އަންނާނެކަމަށް ބެލެވޭ ކަމަށާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދައުލަތުގެ ދަރަނީގެ ކަންކަން (ދައުލަތުން ގެރެންޓީދީފައިވާ ދަރަނިތައް ހިމެނޭގޮތަށް) ބެލެހެއްޓުމަށް ކުރެވޭ މަސައްކަތްތައް ކުރިއަށްވުރެ އިތުރުވުމާއި ދަރަންޏާ ގުޅޭ މަޢުލޫމާތު ޝާއިޢުކުރަން ފެށިފައިވާތީ އެކަންކަމަށް މިވަފުދުން މަރުހަބާކިޔާ ކަމަށެވެ.
ކުރުމުއްދަތުގައި ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރިމަތި ވެދާނެ ހިރާސްތަކެއް އެބަހުރިކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. "ބައިނަލްއަޤްވާމީ މަޝްރަހުގައި ހިގަމުންދާ ކަންތައްތަކުން ކުރިމަތިވާ ހިރާސްތަކަށް އަލިއަޅުވާލާއިރު، ވިޔަފާރި އާއި ސިޔާސަތުތަކުގެ ކަށަވަރުކަން ނެތުން ހިމެނެއެވެ. މީގެ އިތުރުން، ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދާއި ޗައިނާގެ އިގްތިސާދު ކުރިއަރާ މިންވަރު މަޑުޖެހުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ހީނަރުކަމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އަދި، މިކަމުގެ ސަބަބުން އެކްސްޓާނަލް ހާލަތު އިތުރަށް ދަށްވުމުގެ ފުރުސަތު އެބައޮތެވެ. ދުނިޔޭގެ މާލީ ސިޔާސަތުތައް ހަނިކުރުމުގެ ސަބަބުން ލޯނުގެ އަގުތައް މަތިވުން އެކަށީގެންވެއެވެ. ދުރުރާސްތާގައި، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖެ އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ."
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އާރޓިކަލް IVގެ ދަށުން 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ވަފުދުގެ މަސައްކަތް ނިންމުމަށްފަހު ނެރުނު ނޫސް ބަޔާން:
|
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ވަފުދުގެ މަސައްކަތް ނިމުމުން ނެރޭ ނޫސް ބަޔާންތަކުގައި އެކުލެވެނީ އައިއެމްއެފްގެ ވަފުދުތައް ޒިޔާރަތްކުރާ ޤައުމެއްގެ އިގްތިސާދީ ޙާލަތާ ގުޅޭ ގޮތުން ހޯދާ ހޯދުންތަކަށް ބިނާކޮށް ހުށަހަޅާ ބަޔާންތަކެކެވެ. މިބަޔާނުގައިވާ ކަންކަމަކީ އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން ފާހަގަކޮށްފައިވާ ކަންކަން ނޫންކަމާއި، މިއީ ވަފުދުގެ މެންބަރުންގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ނެރާ ނޫސްބަޔާނެއް ކަމުގައި ދަންނަވަމެވެ. އަދި މިވަފުދުގެ މެންބަރުންގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވޭ ރިޕޯޓެއް،އައިއެމްއެފްގެމެނޭޖްމަންޓުގެ ހުއްދައާއިއެކު، އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުގައި މަޝްވަރާކޮށް ގޮތެއް ކަނޑައެޅުމަށް ހުށަހެޅޭނެއެވެ. |
· ގައުމީ އުފެއްދުންތެރިކަން 2019 އަދި 2020 ވަނަ އަހަރު ކުރިއަރާނެކަމަށް ލަފާކުރެވޭ މިންވަރު 2018 ވަނަ އަހަރަށް ވުރެ ކުޑަ މިންވަރަކަށް ދަށްވެދާނެކަމަށް އައިއެމްއެފްގެ ވަފުދުން ލަފާކުރެއެވެ.އެގޮތުން ގައުމީ އުފެއްދުންތެރިކަން 2019 ވަނަ އަހަރު 6.5 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާ ކުރެވޭއިރު، 2020 ވަނަ އަހަރު ހުންނާނެކަމަށް ލަފާ ކުރެވެނީ 6.0 އިންސައްތަައިގައެވެ.
· ފިސްކަލް އަދި އެކްސްޓާނަލް ސެކްޓާގެ އިމްބެލެންސާއި ގުޅިގެން އިތުރު ހިރާސްތަކާއި ކުރިމަތިލާންޖެހިދާނެ ކަމަށް ބެލެވޭއިރު، މިކަމުގެ ސަބަބުން މެދު އަދި ދިގު ރާސްތާގެ އިގްތިސާދީ ތަސައްވުރަށް ގޮންޖެހުންތަކެއް ހުރިކަމަށް ލަފާކުރެވެއެވެ. އެކްސްޓާނަލް ހާލަތު ނުރަނގަޅު ވަމުންދާއިރު އިގްތިސާދުގެ ވިލުންވެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހެއެވެ.
· ފިސްކަލް އަދި އެކްސްޓާނަލް ސެކްޓާގެހާލަތާއި ގުޅިގެން އިގްތިސާދަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ކުޑަ ކުރުމަށްޓަކައި ސަރުކާރުގެ މާލީސިޔާސަތުތައް އިތުރަށް ހަރުދަނާކުރަންޖެހޭކަމަށް އައިއެމްއެފްގެ ވަފުދުން ދެކެއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއަރުވާ މެދު ރާސްތާގެ އިގްތިސާދީ ތަސައްވުރު ރަނގަޅުވުން ބިނާވެގެންދާނީ ރާއްޖޭގެ އިގްތިސާދުގައި ވާދަވެރިކަން ފުޅާކޮށް، އަމިއްލަ ފަރާތްތަކުގެ ވިޔަފާރި ކުރިއެރުމަށް ބޭނުންވާއިންވެސްޓްމަންޓްތަކަށްފަހި މާހައުލެއް ބިނާކޮށްގެންނެވެ.
އައިއެމްއެފްގެ އާޓިކަލް IV ގެ މަޝްވަރާތައް ބޭއްވުމަށްޓަކައި އައިއެމްއެފްގެ ވަފުދެއް ފެބުރުވަރީ 20 އިން މާރިޗު 5 އަށް މާލެއަށްޒިޔާރަތްކުރެއްވިއެވެ. މިވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ މރ.ފިލިޕް ކަރަމް އެވެ. ތިރީގައި މިވާ ބަޔާނަކީ ވަފުދުގެ މަސައްކަތްތައް ނިންމަވާލެއްވުމަށްފަހުމރ. ފިލިޕް ކަރަމް ނެރުއްވި ބަޔާނެވެ:
"އުމްރާނީ ތަރައްގީއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގެދޮރު އިމާރާތްކުރުމަށް ކުރެވޭ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން 2019 ވަނަ އަހަރު އިގްތިސާދު އިތުރަށް ކުރިއެރުމަށް މަގުފަހިވާނެކަމަށް ބެލެވެއެވެ.އިގްތިސާދީ ކުރިއެރުމަށް ދިމާވާ ބޮޑެތި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި،ދިގު ރާސްތާގެ ދެމެހެއްޓެނިވި އިގްތިސާދީ ތަސައްވުރެއް އޮތުން މުހިންމެވެ.ހަމަ މިއާއެކު، އިގްތިސާދު ފުޅާވަމުން ދާއިރު ކުރިމަތިވާ ގޮންޖެހުންތައް ވިސްނުންތެރިކަމާއެކު މެނޭޖްކުރެވެން ޖެހެއެވެ. މަތިވަމުންދާ ފިސްކަލް އަދި ކަރަންޓް އެކައުންޓް ޑެފިސިޓާއި އިތުރުވަމުންދާބޭރުގެ އަދި ދައުލަތުގެ ޖުމްލަ ދަރަނީގެ ސަބަބުން އިގްތިސާދަށް ނޭދެވޭ ލޮޅުންތަކެއް އައުމުގެ ފުރުސަތު ބޮޑެވެ.
"ކުރުމުއްދަތުގައި ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރިމަތި ވެދާނެ ހިރާސްތަކެއް އެބަހުއްޓެވެ. ބައިނަލްއަޤްވާމީ މަޝްރަހުގައި ހިގަމުންދާ ކަންތައްތަކުން ކުރިމަތިވާ ހިރާސްތަކަށް އަލިއަޅުވާލާއިރު، ވިޔަފާރި އާއި ސިޔާސަތުތަކުގެ ކަށަވަރުކަން ނެތުން ހިމެނެއެވެ. މީގެ އިތުރުން، ތަރައްގީވެފައިވާ ގައުމުތަކުގެ އިގްތިސާދާއި ޗައިނާގެ އިގްތިސާދު ކުރިއަރާ މިންވަރު މަޑުޖެހުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ހީނަރުކަމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އަދި، މިކަމުގެ ސަބަބުން އެކްސްޓާނަލް ހާލަތު އިތުރަށް ދަށްވުމުގެ ފުރުސަތު އެބައޮތެވެ. ދުނިޔޭގެ މާލީ ސިޔާސަތުތައް ހަނިކުރުމުގެ ސަބަބުން ލޯނުގެ އަގުތައް މަތިވުން އެކަށީގެންވެއެވެ. ދުރުރާސްތާގައި، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ރާއްޖެ އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.
"ރާއްޖޭގެ ދަރަނީގެ މިންވަރު އިތުރުވުމުގެ ސަބަބުން ދަރަނި އަދާކުރުމުގައި ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ދައުލަތުގެ ދަރަންޏާއި ދައުލަތުން ގެރެންޓީދީފައިވާ ދަރަނީގެ މިންވަރު އިތުރުވުމުގެ ސަބަބުން ދެމެހެއްޓެނިވި ފިސްކަލް ސިޔާސަތުތައް ބައްޓަންކުރުމުގައި ކުރިމަތިވެދާނެ ހިރާސްތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މެދުރާސްތާއަށް ލަފާކުރެވޭގޮތުގައި، ދައުލަތުގެ ދަރަނި މައްޗަށް ދިއުމަށްފަހު މިހާރު ހުރި މިންވަރަށް އަނބުރާ އަންނާނެކަމަށް ބެލެވެއެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދައުލަތުގެ ދަރަނީގެ ކަންކަން (ދައުލަތުން ގެރެންޓީދީފައިވާ ދަރަނިތައް ހިމެނޭގޮތަށް)ބެލެހެއްޓުމަށް ކުރެވޭ މަސައްކަތްތައް ކުރިއަށްވުރެ އިތުރުވުމާއި ދަރަންޏާ ގުޅޭ މަޢުލޫމާތު ޝާއިޢުކުރަން ފެށިފައިވާތީ އެކަންކަމަށް މިވަފުދުން މަރުހަބާކިޔަމެވެ.
"އެތެރޭގެ ދަރަނިން ފައިނޭންސްކުރުމަށް ކުރިމަތިވާ ހުރަސްތަކުގެ މައިގަނޑު ސަބަބަކީ ދައުލަތުން އިޝޫކުރެވޭ ސެކިއުރިޓީސްގެ ބޮޑު ބައެއް ކުރުމުއްދަތުގެ ސެކިއުރިޓީސްއަށް ބަރޯސާވެފައިވުމެވެ. ބޭރުގެ ދަރަންޏަށް ބަލާއިރު، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން މިއަންނަ އަހަރު ފެށޭނެއެވެ. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އިތުރުކޮށް ރައްކާތެރިކަމާއެކު ބަލަހައްޓާ އަދިއެކަށީގެންވާ ރިޒާވެއް ގާއިމްކުރުމަކީ މާލީ ދަތިތައް ހައްލުކުރުމަށް މުހިންމު ކަންތައްތަކެވެ.
"ފިސްކަލް އަދި އެކްސްޓާނަލް ސެކްޓާއަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށާއި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީ ގެނައުމަށް އެކަށީގެންވާގޮތެއްގައި ސިޔާސަތުތައްހަރުދަނާ ކުރުން މުހިންމެވެ. މިގޮތުން، ކުރިން އަންދާޒާކުރެވިފައިވާ މިންވަރަށްވުރެ ކުރުރާސްތާގައި ފިސްކަލް ޑެފިސިޓް ކުޑަކޮށް، މަނިޓަރީ ސިޔާސަތު އިތުރަށް ހަނިކުރުމަކީ މި ވަގުތު އިގްތިސާދީ ހާލަތު އޮތްގޮތަށް ރިއާޔަތްކޮށް އެންމެ އެކަށޭނެ ބަދަލެވެ. މި ކަމުގެ ސަބަބުން، އެކްސްޓާނަލް ޕްރެޝާ ކުޑަކުރެވި އެތެރޭގެ އިގްތިސާދީ އުފެއްދުންތެރިކަމާއި ލިބޭ އާމްދަނީއާ އެއްގޮތްވާ ގޮތުގެ މަތިން ތަރައްގީ ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
"މި އަސާސްތަކުގެ މައްޗަށް ބިނާކޮށް، އައިއެމްއެފް ވަފުދުގެ ބޭފުޅުންނާއި ކަމާގުޅޭ މުއައްސަސާތަކާ ދެމެދު މަޝްވަރާކުރެވިފައިވަނީ ފިސްކަލް ރިޒާވެއް ގާއިމްކުރުމާއި، ސަރުކާރުގެ މާލީ އަދި ދަރަނީގެ ކަންކަން ބެލެހެއްޓުމާއި ގަވާނަންސް ހަރުދަނާކުރުމާ އަދި ތަރައްގީގެނެވޭނެ އާ ކަންތައްތަކުގައި އިންވެސްޓްކުރުމާ ގުޅޭ ސިޔާސަތުތަކާ ބެހޭގޮތުންނެވެ.
"ޕަބްލިކް އިންވެސްޓްމަންޓްގެ ކަންކަން ބެލެހެއްޓުމުގައާއި އަހަރީ ބަޖެޓްތަކުގެ ސައްހަކަން ކަށަވަރުކުރުމުގާ އަދި މެދުރާސްތާގެ ފިސްކަލް އަދި ދަރަނި ބެލެހެއްޓުމުގެ ސްޓްރެޓަޖީތަކަށްއަހަރީ ބަޖެޓްތަކުގައި ރިއާޔަތްކޮށް ހިމެނުމުގައި އެދެވޭ ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރެވެއެވެ. މި ބަދަލުތަކަކީ،ސަރުކާރުގެ ހިދްމަތްތަކުގެ ފެންވަރު ރަނގަޅުވެއަދި އިންވެސްޓްމަންޓްތަކާއި ދަރަނި ބެލެހެއްޓުމުގެ ކަންކަން އިތުރަށް ރަނގަޅު ކޮށްދޭނެ ކަންކަމެވެ. އެގޮތުން، 2019 ވަނަ އަހަރުގެ ބަޖެޓު މެދުވެރިކޮށް ގައުމީ ތަރައްގީގެ ސްޓްރެޓެޖީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރުގެ ހަރަދުގެ ކަންކަން ގެންދިއުމަށް ފުރުސަތު ފަހިކޮށްދެއެވެ.
"އާ ސަރުކާރުން ހުށަހަޅާފައިވާ ކަންތައްތައް ތަންފީޒުކުރުމުގައި، ބަޖެޓުގައި ހުރި ދަތިތަކަށް ސަމާލުވާންޖެހެއެވެ. މިގޮތުން، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ފިސްކަލް ސިޔާސަތުތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުރުރާސްތާގައި ދިމާވާނެ ގޮންޖެހުންތައް ހައްލުކުރުމަށް ބަޖެޓުގައި ހުރި ދަތިތައް ފާހަގަކޮށްލެވެއެވެ. އެހެންވުމާއެކު، ސަރުކާރުން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ޓެކްސް ނިޒާމު ހަރުދަނާކުރުމާއި، ސަބްސިޑީއާ ސިއްހީ ދާއިރާ ހިމެނޭގޮތަށް ސަރުކާރުން ކުރާ ހޭދަ ހިފެހެއްޓެނިވި މިންވަރެއްގައި ދެމެހެއްޓުމަށް ހުށަހަޅާފައިވާ ކަންކަމަކީ އައިއެމްއެފްގެ ވަފުދުން ބަލައިގަންނަ ކަންކަމެވެ.
"މަނިޓަރީ ސިޔާސަތުގެ ފްރޭމްވޯކް ޒަމާނީ ކުރުމަށާއި އަދި އެ ސިޔާސަތުގެ މަންފާ އިގްތިސާދުގެ އެހެނިހެން ދާއިރާތަކަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެކުލަވާލައިފައިވާ ސްޓްރެޓީޖިކް ޕްލޭނަށް އައިއެމްއެފްގެ ވަފުދުން މަރުހަބާ ކިޔަމެވެ. ދިވެހި ރުފިޔާގެލިކުއިޑިޓީ އާއި ރުފިޔާގެ އެކްސްޗޭންޖް ރޭޓްދެމެހެއްޓުމަށް ހިފެހެއްޓިފައިވާ މަނިޓަރީ ސިޔާސަތެއް ހިންގުމަކީ ކުރެވިދާނެކަމެކެވެ.
"ޔޫއެސް ޑޮލަރަށް ޕެގްކޮށްފައިވާ އެކްސްޗޭންޖް ރޭޓް ނިޒާމުގެ ސަބަބުން ރާއްޖެއަށް ފައިދާކޮށްފައިވެއެވެ. އަދި މިއީ ރާއްޖެއަށް މިހާރަށް އެންމެ އެކަށީގެންވާ ނިޒާމެވެ. އެހެންނަމެވެސް، އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް އެކްސްޗޭންޖް ރޭޓް މެނޭޖްކުރަމުން ގެންދިއުން އެދެވިގެންވެއެވެ. އެގޮތުން، އެކްސްޗޭންޖެ ރޭޓް އެއްމިންވަރެއްގައި ހިފެހެއްޓުމަށާއި ފޮރިންރިޒާވް އިތުރުކުރުމަށާއި އަދި ބޭރުން ކުރިމަތިވާ ލޮޅުންތަކަށް ވިލުންވެރި އެކްސްޗޭންޖް ރޭޓް ނިޒާމެއް ހިންގުމަށް އެމްއެމްއޭއިން އެކަށައަޅާފައިވާ ޕްލޭނަށް އައިއެމްއެފްގެ ވަފުދުން މަރުހަބާ ކިޔަމެވެ.
"އާ ސަރުކާރުން އެކުލަވާލަމުންދާ ނޭޝަނަލް ޑިވެލޮޕްމަންޓް ސްރެޓެޖީގައި ރާއްޖެއަށް ދިމާވެފައިވާ ގަވާނަންސްއާއި ގުޅުން ހުރި ބޮޑެތި ގޮންޖެހުންތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކަށް ރަނގަޅަށް ބަލާފައިވެއެވެ. ސަރުކާރާއި މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް އަދި ކޮރަޕްޝަން މަދުކުރުމަށް ކުރެވޭ މިފަދަ ކަންތައްތަކަށް އައިއެމްއެފްގެ ވަފުދުން އަބަދުވެސް މަރުހަބާ ކިޔަމެވެ.
"އިގްތިސާދުގައި ވާދަވެރިކަން އިތުރުކޮށް އިންވެސްޓްމެންޓުތަކަށް ފަހި މާހައުލެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތަކީ މެދުރާސްތާގައި އިގްތިސާދު ކުރިއަރާ އަދި ވަޒީފާތައް އިތުރުވުމަށް ކޮންމެހެން ބޭނުންތެރިކަމެކެވެ. އެހެންކަމުން، ވިޔަފާރި މާހައުލު މިހާރަށްވުރެ ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިންވެސްޓްމަންޓާއި ގުޅޭ ގާނޫނާއި ގަވާއިދުތައް މުރާޖައާ ކުރުމާއި ފައިނޭންސް ހޯދުމަށް ފަހިމަގެއް، ޚާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ފައިނޭންސް ލިބޭނެ ވަސީލަތެއް ނެތް ފަރާތްތަކަށް އެމަގުފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް މި ވަފުދުން މަރަހުބާ ކިޔަމެވެ
"ސަރުކާރުގެ އިސްލާހީ މަސައްކަތްތަކަށް ބޭނުންތެރި ސިޔާސަތުތައް ކަނޑައެޅުމާއި އިގްތިސާދީ ދިރާސާތައް ކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށްޓަކައި އެހީތެރިކަން ދިނުމަށް އައިއެމްއެފް އިންތިބީ ތައްޔާރަށެވެ.މިގޮތުން، މަނިޓަރީ އަދި ފިސްކަލް ސިޔާސަތުތައް އެކަށައެޅުމާއި، ޓެކްސްގެ ނިޒާމް އިސްލާހުކުރުމުގެ އިތުރުން ރެވެނިއު އެޑްމިނިސްޓްރޭޝަންގެ މަސައްކަތް ހަރުދަނާ ކުރުމާއި ރާއްޖޭގެ މާލީ އިދާރާތައް ސުޕަވައިޒްކުރުމާއިއިގްތިސާދީ ތަފާސް ހިސާބުތައް އެކުލަވާލުމުގެ މަސައްކަތް ވެސް އިތުރަށް ކުރިއެރުވުމަށް އައިއެމްއެފްގެ ފަރާތުން އެހީ ލިބިގެންދާނެއެވެ.
އައިއެމްއެފްގެ ވަފުދު ވަނީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އާއި، އެމްއެމްއޭ ގެ ގަވަރުނަރު އަހްމަދު ނަސީރު އާއި، ދައުލަތުގެ ވަޒީރުންނާ ސަރުކާރުގެ އިސް ބޭފުޅުންނާއި، ދައުލަތުގެ ބަންޑާރަ ނައިބާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އައިއެމްއެފްގެ ވަފުދުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއާ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނާއި،ބޭންކުތަކާއި، އަމިއްލަ ވިޔަފާރިވެރިންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އަދި މަދަނީ ޖަމިއްޔާތަކާ ވެސް ވަނީބައްދަލުކުރައްވާފައެވެ. މިގޮތުން ކުރެވުނު ބައެއް މަޝްވަރާތަކުގައި ވޯލްޑް ބޭންކް އަދި އޭޝިއަން ޑެވެލޮޕްމަންޓް ބޭންކުގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން ދެއްވާފައިވާ އެއްބާރުލުމާއި މެހެމާންދާރީ ފާހަގަކޮށް މިދަނޑިވަޅުގައި މިފަރާތްތަކަށް ޝުކުރު އަދާކުރަމެވެ.
މިވަފުދުން ތައްޔާރުކުރާ ރިޕޯޓް، އައިއެމްއެފްގެ މެނޭޖްމެންޓުގެ ހުއްދައާއިއެކު، އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ އެޕްރިލް މަހުއެވެ.