ޤުދްރަތީ ވަސީލަތްތައް އެންމެ ގިނަ ވ. އަތޮޅު ތަރައްޤީކޮށްފިނަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކާންދެވޭނެ!: ޝައިޚް މޫސާ ނިޒާރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ޤުދްރަތީ ވަސީލަތްތައް އެންމެ ގިނަ ވ. އަތޮޅު ތަރައްޤީކޮށްފިނަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކާންދެވޭނެ!: ޝައިޚް މޫސާ ނިޒާރު

ރާއްޖޭގެ އިޤްޠިޞާދަށް ބަލައިފިނަމަ ޤުދްރަތީ ވަސީލަތްތައް އެންމެ ގިނަ އަތޮޅަކީ ވ. އަތޮޅު ކަމަށާއި އެ އަތޮޅު ތަރައްޤީކޮށްފިނަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކާންދެވޭނެ ވަރަށް ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ކެޔޮދޫ ދާއިރާގެ މެންބަރު ޝައިޚް މޫސާ ނިޒާރު ވިދާޅުވެއްޖެއެވެ.

"ވާއުފާ- ފެލިދެ އަތޮޅުގެ މުސްތަޤްބަލުގެ ތަޞައްވުރު"ގެ ނަމުގައި ވ އަތޮޅު ތަރައްޤީކުރުމަށް ޝައިޚް މޫސާ ނިޒާރު ތައްޔާރު ކުރައްވާފައިވާ ތަރައްޤީގެ މަޝްރޫޢް ތަޢާރަފްކުރުމަށް މިއަދު ސްޓެލްކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ޝައިޚް މޫސާ ނިޒާރު ވިދާޅުވީ ރާއްޖޭގެ އިޤްޠިޞާދުގެ އެންމެ ބޮޑު ދެ ސިނާޢަތަކީ މަސްވެރިކަމާއި ފަތުރުވެރިކަން ކަމަށްވާއިރު ވ. އަތޮޅުގެ ސަރަހައްދަކީ އެންމެ މުއްސަނދި އެއް މަސްކަނޑު ކަމަށެވެ.

ހަމަ އެޢާއިއެކު އެންދެމުމަށް ބޭނުންވާ ފަޅުތަކާއި ފިރިތައް އެންމެ ގިނައީ ވ. އަތޮޅުގައި ކަމަށެވެ. އަދި ފަރުމަހުގެ މަސްވެރިކަމަށް ބެލި ނަމަވެސް އެންމެ ރަނގަޅު އެއް ސަރަހައްދަކީ ވ. އަތޮޅު ކަމަށެވެ.

ޝައިޚް މޫސާ ނިޒާރު ވިދާޅުވީ ފަތުރުވެރިކަމުގެ މިހާރުގެ ޙާލަތަށް ބެލި ނަމަވެސް ފަތުރުވެރިކަމުން ދައުލަތަށް އެންމެ ގިނަ އަދަދަކަށް ޢާންދަނީ ލިބެމުން އަންނަ އެއް އަތޮޅަކީ ވ. އަތޮޅު ކަމަށާއި ގެސްޓް ހައުސް ފަތުރުވެރިކަން އެންމެ ކުރިއަރަފައިވާ އަތޮޅަކީ ވ. އަތޮޅު ކަމަށެވެ. އަދި އެކުރިއެރުން ހޯދާފައިވަނީ ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ނެތި ރައްޔިތުންގެ މަސައްކަތުން ކަމަށެވެ. އަދި މިހާރުވެސް ދަނީ ގެސްޓް ހައުސްތައް އިތުރުކުރަމުން ކަމަށެވެ.

ޝައިޚް މޫސާ ނިޒާރު ވިދާޅުވީ ވ. އަތޮޅަކީ މިހާރުވެސް ޑައިވްކުރަން އެންމެ މަޤްބޫލު ޕޮއިންޓްތައް ހުރި އަތޮޅު ކަމަށާއި ޑައިވް ކުރަން ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކުހެން ވ. އަތޮޅުގައި ޑައިވްކުރާ ކަމަށެވެ. އެކަމުގެ ސަބަބުން ހަމައެކަނި ވ. އަތޮޅަށް މިހާރު ޑައިވްކުރާ ޑައިވަރުންގެ އަތުން އެކަނިވެސް އަހަރަކު 2 މިލިއަން ރުފިޔާ ދައުލަތަށް ލިބޭ ކަމަށެވެ.

ޝައިޚް މޫސާ ނިޒާރު ވިދާޅުވީ ރާއްޖޭގެ އެންމެ ރީތި އެންމެ ބޮޑެތި ފަޅުތައް ހުރީ ވ. އަތޮޅުގައި ކަމަށާއި އެއިގެ ތެރޭގައި 58 ކިލޯ މީޓަރު ދިގު ފޮއްތެޔޮފަޅު ހިމެނޭ ކަމަށެވެ. އަދި އެފަޅަކީ ދުނިޔޭގެ ފެންވަރުގައި މޫދު ކުޅިވަރުތައް ކުޅެ، މުބާރާތްތައް ބޭއްވޭނެ ޕާކެއް ތަރައްޤީ ކުރެވިދާނެ ފަޅެއް ކަމަށާއި އެފަދަ ކަމެއް ކުރެވިއްޖެނަމަ ދައުލަތަށް ލިބޭ ޢާމްދަނީ އިތުރުވުމުގެ އިތުރުން ރާއްޖޭގެ ޤްދްރަތީ ރީތި ކަމާއި ފަތުރުވެރިކަން އެތައް ގުނައެއް އިތުރަށް ދުނިޔެއަށް އިޝްތިހާރުވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެ ކަމަށެވެ.

މި މަޝްރޫއުގެ ތެރެއިން ވ. އަތޮޅަށާއި މުޅި ރާއްޖެއަށް ފައިދާ ކުރާނެ ގިނަ ކަންތައްތަކެއް ޝައިޚް މޫސާ ނިޒާރު ވަނީ ހުށަހަޅުއްވައިފައެވެ.

ޝައިޚް މޫސާ ނިޒާރު ވިދާޅުވީ ވ. އަތޮޅު ތަރައްޤީކޮށް މިބޮޑު ފައިދާ ދައުލަތަށް ހޯދެން އޮތް އިރުވެސް އެކަމަށް ފާއިތުވީ ސަރުކާރުތަކުން އެއްވެސް ސަމާލުކަމެއް ނުދިނުމުގެ ސަބަބުން ވ. އަތޮޅުގެ ރައްޔތުން ވެފައިވަނީ އަމިއްލަ ގެދޮރުގައި ދިރިއުޅޭ ރިފިޔުޖީންނަށް ކަމަށެވެ. އެކަމުގެ ސަބަބުން އަތޮޅުގެ އެއް ރަށް މިހާރުވެސް ފަޅުވެފައިވާ ކަމަށާއި ދެންހުރި ރަށްތައްވެސް ފަޅުވުމުގެ ބިރު ދަނީ ބޮޑުވަމުން ކަމަށެވެ.

އަދި ރަށްތައް ފަޅުވާ އެންމެ ބޮޑު ސަބަބަކީ ރަށުގައި ތިބެ ދަރިންނަށް ކިޔަވައި ނުދެވުމާއި ޞިއްހީ ޚިދުމަތްތައް ލިބުމުގައި ހުރި ދަތިތައް ކަމަށެވެ.

ޝައިޚް މޫސާ ނިޒާރު ވިދާޅުވީ "ވާއުފާ- ފެލިދެ އަތޮޅުގެ މުސްތަޤްބަލުގެ ތަޞައްވުރު" މިހާރު ވާނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ސަރުކާރުގެ ކަމާއިބެހޭ މިނިސްޓްރީތަކަށް ހުށަހަޅުއްވާފައި ކަމަށެވެ. އަދި ލިބިވަޑައިގެންފައިވާ ކޮމެންޓްތަކަށް ބައްލަވާއިރު ހުރިހާ އިދާރާތަކުން ވެސް މަޝްރޫޢަށް އެހީތެރިކަމާއި އެއްބާރުލުން ލިބި މަޝްރޫޢް ކާމިޔާބު ކުރެއްވޭނެކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.

މިއަދު އޮންލައިން