ކިތަންމެ ތަނަވަސް ނަމަވެސް ދަރިން ބޭނުންހައި ކަމެއް ކޮށްދިނުމަކީ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ކިތަންމެ ތަނަވަސް ނަމަވެސް ދަރިން ބޭނުންހައި ކަމެއް ކޮށްދިނުމަކީ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެ ކަމެއް!

ބައެއް މައިން ބަފައިން ދަރިންނަށް ކަންކަން ކޮށްދެނީ އެއްވެސް އިމެއް ނެތިއެވެ. އެފަދަ މައިން ބަފައިން ދެކޭ ގޮތުގައި ދަރިން ދެކެ ލޯބިވުމަކީ ދަރިންނަށް ބޭނުންވާ ހުރިހާ ކަންކަން ކޮށްދިނުމެވެ. އަދި ކޮށްދޭން ޖެހޭނީވެސް އެންމެ ރަނގަޅު ފެންވަރުގައެވެ. ނަތީޖާއަކީ އަބަދުވެސް އެންމެފަހުން ނުކުންނަ އެންމެ އަގުބޮޑު ފޯނު ގަނެދިނުމެވެ. އިންތިހާއަށް ޚަރަދުކޮށްގެން ބޮޑެތި ޕާޓީތައް ބޭއްވުމެވެ. 18 އަހަރު ފުރޭ ދުވަހު ބީއެމްޑަބްލިޔޫ ކާރެއް ގަނެދިނުމެވެ. 

ކިތަންމެ ބޮޑު ތަނަަވސްކަމެއް ލިބިފައިވީނަމަވެސް އެގޮތަށް ކަންތައްތައް ނުކުރާށެވެ! ދަރިންނަށް ބޭނުންވާ ހުރިހާ ކޮށްދީ ކުދިން ހަލާކު ނުކުރާށެވެ! އެއީ ދަރިންނަށް ހެޔޮ އެދުމެއް ނޫނެވެ. ދަރިން ހަލާކުކުރުމެވެ. ދަރިން މަގު ފުރެއްދުމެވެ. 

އެއްވެސް މީހެއްގެ ތަނަވަސްކަމަކީ އެއްވެސް ގަރަންޓީއެއް އޮތް ކަމެއް ނޫނެވެ. މާދަމާ އުޅެންޖެހޭނެ ހާލު ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ވީމާ މިއަދު ތަނަވަސްކަން ލިބިފައިވީނަމަވެސް މާދަމާގެ ޙާލު ހަމައެކަކަށްވެސް ނުއެނގޭނެއެވެ. އަދި މިކަމުގައި ހުރި ބިރުވެރިކަމުގެ ބޮޑުކަން އެނގޭ ހެއްޔެވެ؟ ދިމާވާ ސަބަބެއްގެ ސަބަބުން ނިކަމެތި ހާލެއްގައި އުޅެން ޖެހިއްޖެ ނަމަ އެކަމުގެ އަސަރު އެންމެ ފުރަތަމަ ފޯރާ އަދި އެންމެ އަވަހަށް މާޔޫސްވެ ގޮތް ހުސްވާ ބައަކީ ކުޑަކުދިންނެވެ. މިފަދަ ހާލަތްތަކުގައި ކުދިންނަށް ކެތް ނުކުރެވިގެން އަމިއްލައަށް ދަންޖެހުމުހެ މައްސަލަތައްވެސް ދަނީ ކުރިމަތިވަމުންނެވެ.

ކިތަންމެ ތަނަވަސް ޢާއިލާއެއް ނަމަވެސް ދަރިން ތަރުބިއްޔަތު ކުރަންވާނީ މެދުމިނުގައެވެ. ކަންކަން ކޮށްދޭން ޖެހޭނީ މެދުމިނަށެވެ. ކުދިން ބޮޑެތިވާވަރަކުން އެދޭ ކަންތައްތައް ގިނަވާނެއެވެ! އެއި ހަމަ އެކަންތައް މެދުވެރިވާނެ ގޮތެވެ. އެހެންކަމާއިއެކުވެސް ކޮށްދޭން ޖެހޭނީ އެދޭ ކަންކަމުގެ ތެރެއިން ކިރިޔަ ފުދޭވަރަށެވެ. 

އަހަރެންނަށް ރަނގަޅަށް ދަންނަ ޢާއިލާއަކަށް މެދުވެރިވި ކަމެކެވެ. އެކަނި ބޭރަށް ގޮސް އުޅެވޭވަރު ވީންސުރެ ބޭނުންތާކަށް ފޮނުވައެވެ. ޚަރަދުކުރާނެ ފައިސާދެއެވެ. ދަރިފުޅަށް 18 އަހަރު ފުރުމާއިއެކު ކާރެއް ގަނެދިނެވެ. ބޭނުން ވަރަކަށް ޚަރަދުކުރާނެ ފައިސާ ހުރި ކޭޝްގާދެއް ދީފައި އޮވެއެވެ.

ނަތީޖާ އެނގޭ ހެއްޔެވެ؟ އާދީއްތަ ދުވަހަކު ޑެއިލީ މިރަރ ބަލައިލިއިރު ބޭރުގަނޑުގައި އިނީ ދަރިފުޅުގެ ފޮޓޯއެކެވެ. ގަދަކަމުން އަންހެން ކުއްޖަކަށް ޖިންސީނީ ގޯނާކުރި ބައަކާއިއެކުގައެވެ. ޚަބަރުގައި އޮތީ ޖަލުގައި ބަންދުކޮށްފައިވާ ކަމަށެވެ. 

ދެން ނިކަން ބުނެބަލާށެވެ! ކުށްވެރިއަކީ ދަރިފުޅު ހެއްޔެވެ؟ މައިންބަފައިން ހެއްޔެވެ؟ ޝަކުވާ ކުރަންވީ ދަރިފުޅާއި ހެއްޔެވެ؟ އަމިއްލަ ނަފުސަށް ހެއްޔެވެ؟ ދަރިންނަށް ވެސް ދެވޭނެ އެންމެ އަގު ބޮޑު ހަދިޔާއަކީ ނަރކައިން ސަލާމަތް ވެވޭނެ ގޮތަށް ތަރުބިއްޔަތުކުރުން ކަމުގައި ބުނެވެނި މިފަދަ ސަބަބުތައް ފެންމަތިވަމުން އަނާތީއެވެ. 

މިފަދަ މައްސަލަތައް ކުރިމަތިވަނީ ހަމަ އެކަނި ތަނަވަސް މީހުންގެ ދަރިންނަކަށް ނޫނެވެ. އެންމެ އާދައިގެ ފެންވަރުގެ މީހުންގެ ދަރިންނަށްވެސް މިފަދަ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. އެކުދިން ގުޅިގެން އުޅޭ މީހުންގެ ސަބަބުންވެސް މިފަދަ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. ތަނަވަސްކަން ލިބިގެން ތިބޭ އެކުވެރިންގެ ސަބަބުންނެވެ. އަދި ރަނގަޅު ނޫން މަގުތަކުން ކުރިއަށްދާ މީހުންނާއި ގުޅިގެން އުޅޭތީއެވެ. 

ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަކީ ކޮންމެ ބެލެނިވެރިއެއްގެ ވެސް އެންމެ ބޮޑު ޒިންމާ އެވެ. އެ ޒިންމާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހަމަ ޖަވާބުދާރީވާންޖެހޭނެ ޒިންމާއެކެވެ. ވީމާ ހުރިހާ މައިން ބަފައިން ވެސް މިފަދަ މައްސަލަތަކަށް ސަމާލުވާން ޖެހޭނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން