ކިތަންމެ ފަޤީރު ނަމަވެސް އާޚިރަތަށްޓަކައި ގެއެއް އެޅިދާނެ އެވެ. އެއީ އެއްވެސް ފައިސާއެއް ބޭނުންވާ ކަމެއް ނޫނެވެ. ބޭނުންވަނީ ތަޤްވާވެރިކަން އެކަންޏެވެ! ތަޤްވާވެރިކަމުން އަގުބޮޑުކަން އެނގޭ ހެއްޔެވެ؟ ފާރުތައް ހުންނާނީ ރަނާއި ރިހިންނެވެ! އެގޭގެ ކޮންމެ ފެސިލިޓީއަކީ މުޅި ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗަކަށްވުރެ އެތައް ގުނައެއް އަގު ބޮޑު ނިޢްމަތްތަކެކެވެ. އާޚިރަތަށްޓަކައި ގެއް އެޅިއްޖެ މީހަކު ނަމަ މަރުވާނީވެސް އެ ގެއަށް ވަދެވޭނެކަމުގެ އުފާވެރިކަމާއިއެކުގައެވެ.
ނަމަވެސް މިއަދު ފެންނަ މަންޒަރު ވަރަށް ތަފާތެވެ. ކޮންމެ މީހަކުވެސް ދުނިޔޭގައި ބޮޑު ގެއެއް ނުއެޅިގެން ތެޅި ފޮޅެނީއެވެ! ރިބާ ހިމެނޭ ލޯނުތައް ނަގައިގެން ވެސް ބަލަނީ ބޮޑު ގެއެއް އެޅޭތޯއެވެ! ގެއަޅައި ނިމޭތަނުން މަރުވުމުން ޖެހެނީ ގެ ދޫކޮށްލާފައި ހުސްއަތާ ކަށްވަޅަށްދާށެވެ! ގެއަޅަން ބިޒީވެގެން އުޅެނަ ހަދައިގެން އިސްލާމް ދީނަށް ފުރިހަމައަށް އަމަލު ނުކުރެވުނީތީ ކައްވަޅުގައި ކުރެވޭ 3 ސުވާލަށްވެސް އޮންނާނީ ޖަވާބު ނުދެވިފައެވެ.
މިކަމުގެ ވާހަކަތައް ވަރަށް ގިނައިން އެބަ ދައްކަމެވެ. އެއީ މިކަމުގެ މުހިންމުކަން ހަމަ ބޮޑުކަމުންނެވެ. ހޭލުންތެރި ވެވޭ މިންވަރު ހަމަ ވަރަށް ކުޑަކަމަށް އިޙްޞާޞް ކުރެވޭތީއެވެ! މިސްކިތްތަކުން ފެންނަ މަންޒަރާއިމެދު ހިތާމަ ކުރެވޭތީއެވެ.
އިޚްލާޞްތެރިކަމާއިއެކު ނިކަން ބުނެބަލާށެވެ! މިތަނުގައި މިތިބަ އެތައް ސަތޭކަ މީހުންގެ ތެރެއިން ކީރިތި ޤްރުއާން މާނަ އާއިއެކު އެއްކޮޅުން އަނެއްކޮޅަށް ކިޔައިލެވުނީ ކިތައް މީހުންނަށް ހެއްޔެވެ؟ ނުވަތަ ކިތައްފަހަރު ހެއްޔެވެ؟ ނަމާދުގައި ޢާންމުކޮށް މި ކިޔަވާ ކުރު ސޫރަތްތަކުގެ މާނަ އެނގެނީ ކިތައް މީހުންނަށް ހެޔެވެ؟ އެންމެ ކުޑަމިނުން އެންމެ ގިނައިން ކިޔަވާ ކީރިތި ޤޮރުއާނުގެ އެންމެ ފަހު 3 ސޫރަތުގެ މާނަ އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟
ދެން ނިކަން ބުނެބަލާށެވެ! މިއަދު މަރުވި ނަމަވެސް ﷲ ތަޢާލާގެ ހަޟްރަތުގައި ދަންނަވާނީ ކީކޭ ހެއްޔެވެ؟ ހަމަ ގެއަޅަންވެގެން ނުވަތަ އެވެނި މިވެނި ކަންކަމުގައި ބިޒީވެގެން ކިޔައި ނުލެވުނީ ކަމަށް ހެއްޔެވެ؟ އެވަރުވެސް ދަސްކޮށްލާނެ ވަގުތެއް ނުވީ ކަމަށް ހެއްޔެވެ؟
ގެއެއް އެޅެނީވެސް ވިޔަފާރިއެއް ކުރެވެނީވެސް ވަޒީފާއެއް އަދާކުރެވެނީވެސް އަދި މަސައްތަކެއް މިކުރެވެނީވެސް ހަމަ ﷲ ތަޢާލާ އެކަމަށް މިންވަރު ކުރެއްވެވުމުންނެވެ. ތަނަވަސްކަމާއި މަގު ދެއްކެވުމުންނެވެ. ވީއިރު ޝުކުރުވެރިވުމަކީ ކޮބައިހެއްޔެވެ؟ އަމިއްލަ ނަފުސަށް ލަދުވެތިވާން ނުޖެހޭ ހެއްޔެވެ؟
މީސްތަކުންނޭވެ! ހުރިހާ ކަމަކަށްވުރެ ބޮޑަށް މަސައްކަތް ކުރަންވީ ޢާޚިރަތަށްޓަކައި ގެއެއް އެޅޭތޯއެވެ! އެވެނި މިވެނި އަޅުކަން ކުރުމުން އެމީހަކަށްޓަކައި ސުވަރުގޭގައި ޚާއްޞަ ބިނާތަކެއް ކޮށްދެއްވަވާނެ ކަމަށް ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. މަސައްކަތް ކުރަންވީ އެބިނާތައް އަޅަން ނޫން ހެއްޔެވެ؟
އިސްލާމް ދީނުގައި އޮތީ ހަމަ އެކަނި އަޅުކަން ކުރުމެއް ނޫނެވެ. ދުނިޔޭގައި އަރާމުގައި އުޅުމަށްވެސް މަސައްކަތް ކުރަން ޖެހެއެވެ. މައްސަލައަކަށް މިވަނީ ޢާޚިރަތުގެ ބައި މާބޮޑަށް ކުޑަކޮށްލެވޭތީއެވެ. އެހެން ނުހަދާށެވެ! ކިތަންމެ ބިޒީ ނަމަވެސް ޢާޚިރަތަށްޓަކައި ކުރަންޖެހެ މަސައްކަތްތަކުން ހަމަ ފުކެއްވެސް ދޫކޮށް ނުލާށެވެ! މިދުނިޔެއިން އެދޭކަންކަން ލިބުމަށްވެސް އެއިރުން ދާނީ އިތުރަށް މަގުފަހިވަމުންނެވެ!
- މުފްތީ މެންކްގެ ދަރުސަކުން