ދިވެހި ފިލްމު އިންޑަސްޓްރީގެ އެހާރާއި މިހާރަށް ބަލާއިރު، ކުރިއަށްވުރެ އެތައް ގިނަ ރަހަތަކެއް މިހާރުގެ ފިލްމުތަކުގައި އެކުލެވޭކަމީ އެއްވެސް މީހަކު ދެބަސް ވާނެ ކަމެއްހެން ހިއެއް ނުވެއެވެ.
އެއްޒަމާނެއްގައި ދިވެހި ގިނަ ފިލްމުތައް ވެފައިވަނީ ބެލުންތެރިންނަށް ބޮޑު ޖޯކަކަށެވެ. ފިލްމުން ދައްކުވައިދޭން ބޭނުންވާ ކަންކަން ރަނގަޅަށް ހާސިލު ނުވާކަމީ އާންމުކޮށް އިވެމުންދިޔަ ޝަކުވާއެކެވެ. ނަމަވެސް މިޝަކުވާ މިހާރު މަދު ފަހަރަކު ނޫނީ ނުއިވެއެވެ.
އެފަދައިން ގިނަ ބަޔަކަށް ކަމުދިޔަ އެއް ފިލްމަކީ މިހަރު އޮލިމްޕަސް ސްކްރީނުގައި އަޅުވާފައިވާ، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް އިސްމާއިލް ޝަފީޤް ޕްރޮޑިއުސް ކޮށްފައިވާ ދިވެހި ފިލްމު "40 ޕްލަސް" އެވެ.
އޮލިމްޕަސް ސްކްރީންގައި ރޭ މިފިލްމު ޕްރިމިއާރ ކޮށްފައިވާއިރު، މިހާރުވެސް މިފިލްމުވަނީ ވަރަށް ގިނަ ބަޔަކަށް ކަމުގޮސްފައެވެ. މިއީ ރާއްޖޭގައި އުފެއްދި ފުރަތަމަ ހޮރޯ ކޮމެޑީއަށް ވާއިރު، މުޅި އޮލިމްޕަސް ރޭގައި ގުގުމާލީ ސިއްސައިގެން ގޮސްގެން މީހުން ލެވި ހަޅޭކުގެ އަޑުންނާއި އެންމެންގެ ވެސް ހުނުމުގެ އަޑުންނެވެ.
"40 ޕްލަސް" އަށް ފީޑްބެކް އެއްދޭނަމަ އަޅުގަނޑު ބުނާނީ މިއީ ހަމަ ފަސްތަރިން 4.99 ތަރީގެ ފިލްމެއް ކަމަށެވެ. ފިލްމުގެ އެކްޓަރުންނާއި ބެހޭ ގޮތުންނަމަ ވެސް ބުނެވޭނީ، މިފިލްމުގައި ފެނުނީ އެއެންމެންގެ ވެސް ވަރަށް ވެސް ތަފާތު އަދި އެހާމެ ބަލާލަން ކަމުދިޔަ އެކްޓެއް ކަމަށެވެ. އެހެންކަމުން ފިލްމުގެ ލީޑް އެކްޓަރުންނާއި ބެހޭ ގޮތުން ވަކިވަކި ރިވިއު އެއްވެސް ލިޔެލާނަމެވެ.
ޔޫސުފް ޝަފީއު (ޔޫއްޕެ): ފިލްމު ޑައިރެކްޓު ކުރަމުން ހަމަ އެފިލްމުގައި މޮޅު އެކްޓެއް ދެއްކުމަކީ އުނދަގޫ ކަމެކޭ ބައެއް މީހުން ބުނި އަޑު އެހީމެވެ. އެކަމަކު އެއީ އެއްވެސް އުނދަގޫ ކަމެއް ނޫންކަން ޔޫއްޕެ މިވަނީ ސާބިތު ކޮށްދީފައެވެ. މިފިލްމުގައި އޭނާ ކުޅެނީ "އަޝްވަނީ" ގެ ރޯލެވެ. އެހެން ތަރިންނަށްވުރެ "މައިތިރި" މީހެއްގެ އެކްޓު ވަރަށް ރަނގަޅަށް ވެސް އޭނާ މިފިލްމުގައި އަދާކޮށްފައިވެއެވެ.
އަލީ ސީޒަން: ސީޒަން އަށް ކުޅެވޭނީ ހަމައެކަނި އާވާރާ ލޯބިވެރިއެއްގެ ބައޭ އެއް އިރެއްގައި ބައެއް މީހުން ބުންޏެވެ. ނަމަވެސް އޭނާއަކީ ހުރިހާ ރޯލް އަކަށް ވެސް ފިޓު މީހެއްކަން އޭނާ އަންނަނީ އަބަދުވެސް ސާބިތު ކޮށްދެމުންނެވެ. މިފިލްމުގައި އޭނާ އަދާ ކޮށްފައިވަނީ "ޒާހިދު" ގެ ރޯލް އެވެ. ބިރުގަންނަ ކަމެއް ދިމާވުމުން ކުއްލިއަކަށް ކުރާ އަސަރު ވަރަށް ވެސް ފުރިހަމައަށް އޭނާ ދައްކުވައިދީފައިވެއެވެ.
މުޙައްމަދު މަނިކު: މަނިކު އާއި ބެހޭ ގޮތުން ކުރުކޮށް ބުނާނީ ކީކޭ ހެއްޔެވެ؟ އޭނާގެ އެކްޓިން އަބަދުވެސް އެހާމެ ފުރިހަމަކަމުން އެކެއް ދެ ބަހަކުން އޭނާއަށް ތައުރީފު ކުރުމެއް ނުހުއްޓެއެވެ. "40 ޕްލަސް" ގައި އަޖުވަދު ގެ ރޯލް އިން ފެންނައިރު، އޭނާ ހިތް އެދޭ ކަންކަން ލިބުމަށް އެދޭ ވަރާއި ކަންކަން ރަނގަޅު ކުރަން ވެސް ކުރާ މަސައްކަތް މިފިލްމުން ދައްކުވައިދެއެވެ.
އަޙުމަދު ސައީދު: އޭނާއަކީ ހަމަ ދިރިހުރި ލެޖެންޑެކެވެ. ކޮންމެ ކަހަލަ އެކްޓެއް ދައްކުވައިދޭން ޖެހުން ކަމުގައި ވިޔަސް އެއެކްޓެއް އޭގެ އެންމެ ފުރިހަމައަށް ދައްކުވައިދެއެވެ. މިފިލްމުގައި އޭނާ ކުޅެފައިވަނީ އަހުސަން ގެ ރޯލު އެކަނި ހެއްޔެވެ؟ އިތުރަށް ބުނެފިނަމަ ފިލްމުގެ ކުރިމެރޭނެތީ ބެލުންތެރިންނަށް ދޫކޮށްލަނަމެވެ.
ޝީލާ ނަޖީބު: ޝީލާއަކީ ރާއްޖޭގެ އަންހެން ފިލްމްސްޓާރުން ގެ ތެރެއިން މިހާރު ހުރި އެންމެ މޮޅު އެއް އެކްޓަރެވެ. ކިތަންމެ އުނދަގޫ ރޯލް އެއް ކުޅެން ޖެހުނަސް އެއީ ޝީލާއަށް ހާމަ6ހ ސުމެއްގެ ކަމެކެވެ. މިފިލްމުގައި ސީޒަންގެ އަންހެނުންގެ ރޯލު ވަރަށް ފުރިހަމައަށް އޭނާ އަދާކޮށްފައިވާއިރު، އޭނާގެ އެކްޓުން ބައެއް ބެލުންތެރިންވެސް ބިރުގަންނަ ގޮތް ވިއެވެ.
ފާތިމަތު އާޒިފާ (އަޒޫ): "އަޒޫ އަކީ ހާދަ ތުއި މީހެކޭ! އެކަމަކު އަބަދަކު ނޫން!" މިއީ އަޅުގަނޑު ބުނާ ވާހަކައެއް ނޫނެވެ. މިއީ މިފިލްމު ބަލާ ނިމިގެން ބެލުންތެރިއަކު ބުނި ބަހެކެވެ. މަނިކުގެ އަނބިމީހާގެ ރޯލު މީގައި އޭނަ އަދާ ކޮށްފައިވާއިރު މިފިލްމުގައި އޭނާގެ އެކްޓިން އޭނާގެ އެހެން އެކްޓިން ތަކާއި ވަރަށް ތަފާތެވެ. ނަމަވެސް އޭނާގެ ހުނަރު ވަރަށް ވެސް ފުރިހަމައެވެ.
އަލީ އާޒިމް (ދޮން އައްޔަ): ދޮން އައްޔައަކީ އޭނާ ކުޅޭ ގިނަ ފިލްމުތަކުގައި ވެސް އެކުގައި މަސައްކަތް ކުރާ އެކްޓަރުންނާއި ވެސް ގުޅޭ މިޒާޖެއްގެ ފަންނާނެކެވެ. "40 ޕްލަސް" ގައި ނަދީމްގެ ރޯލް ކުޅެފައިވާއިރު، މިފިލްމުގައި އޭނާވެސް ތަފާތު އެކި އިޙުސަަސުތަކުގެ އެކްޓިންގ ދައްކުވައިދީފައިވެއެވެ.
މުޙައްމަދު ފައިސަލް: ނުބައިބައި ރޯލު ކުޅެން ކަމުދާނެ ކަމަށް އެއްބަޔަކު ދެކެމުންދިޔަ ފައިސަލް މިފިލްމުގައި އަދާ ކޮށްފައިވަނީ އަކްރަމް ގެ ބައެވެ. ނަމަވެސް އޭނައަކީ މިފިލްމުގެ ވިލަންތޯ ނުވަތަ އެންމެ ފިނޑި މީހާތޯ، ސުވާލު އުފެދެއެވެ. ސަބަބަކީ އޭނާގެ އެކްޓިން ވެސް އެހާމެ ތަފާތުވެފައި މޮޅުވުމުންނެވެ.
އަލީ ޝާހިދް (ސްޓެޕްސް އައްޔަ): ހަގީގަތަށް ބުނަންޏާ މިއީ ސްޓެޕްސް އައްޔަ މިހާތަނަށް ކުޅުނު އެންމެ ތަފާތު އެކްޓިން އެވެ. ޒުބައިރުގެ ރޯލު އޭނާ އަދާ ކޮށްފައިވަނީ އެރޯލާއިމެދު ހަމަ އެކަކަށްވެސް ޝަކުވާއެއް ނުކުރެވޭނެހާ މޮޅަށެވެ. އޭނާ ހަގީގަތުގައި ހުންނަ ގޮތާއި މުޅިން ތަފާތު އެކްޓެއް ދައްކުވައިދީފަ ވަނީ، އެއީ ހަމަ އަސްލޭ ބެލުންތެރިންނަށް ވެސް ހީވެދާނެފަދަ ގޮތަކަށެވެ.
ދެން މިފިލްމުން ފެނިގެންދަނީ ހުސް އައު އެކްޓަރުންނެވެ. އެހުރިހާ ތަރިންގެ ވެސް އެކްޓިން އެމީހުންގެ ފުރަތަމަ ފިލްމާއި އަޅާ ބަލާފައި ކިތަންމެހާ ވެސް މޮޅެވެ.
އެހެންކަމުން މިފިލްމަކީ މުނިފޫހިފިލުވަން ބޭނުންވާ ފަރާތްތައް ވަރަށް އުފަލުން ބަލާނެ ފިލްމެއްކަން ޔަގީނެވެ.