ރާއްޖެ އެތެރެ ކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ރާއްޖެ އެތެރެ ކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއެތެރެ ކުރަން އުޅުނު 3 ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ. 

2019 މާރިޗް 04 ދުވަހު އިންޑިއާއިން ރާއްޖެއައި 26 އަހަރުގެ އިންޑިޔާ ރައްޔިތެއްގެ ފޮށިތަންމަތި ބަލައި ފާސްކުރުމުގެ ތެރޭގައި ވަނީ މަސްތުވާތަކެތި ފެނިފައެވެ. މި ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއަށްޕޮޒިޓިވް ވެފައިވާއިރު، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 998 ގްރާމް ހުއްޓެވެ.

ހަމަ މިދުވަހު ސްރީލަންކާއިން ރާއްޖެއައި 29 އަހަރުގެ ދިވެއްސެއްގެ ފޮށިތަންމަތި ބަލައި ފާސްކުރެވުނުއިރު، މަސްތުވާތަކެތީގެ 2 ބާވަތެއް ވަނީފެނިފައެވެ.މި ތަކެތީގެ ތެރޭގައި ހިމެނެނީ 1491 ގްރާމް ހަޝިޝް އޮއިލް އަދި 529 ގްރާމް ހިރޮއިންއެވެ.މިމައްސަލާގައި ޝާމިލްވާ މީހުން ވަނީ ފުލުހުންނާއި ގުޅިގެން ހިންގުނު އޮޕަރޭޝަނެއްގައި އަތުލައި ގަނެވިފައެވެ.

މިދެކޭސްގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 3 ކިލޯ ހުރިއިރު، މިމައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ. 

މިއަދު އޮންލައިން