ކޮންމެ ދުވަހަކު 5 ނަމާދު ކުރަންޖެހެނީ ކީއްވެގެން ކަމާއިމެދު ވިސްނަމުތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކޮންމެ ދުވަހަކު 5 ނަމާދު ކުރަންޖެހެނީ ކީއްވެގެން ކަމާއިމެދު ވިސްނަމުތަ؟: މުފްތީ މެންކް

މުސްލިމުންނަކީ ކޮންމެ ދުވަހަކުވެސް ފަރުޟު 5 ނަމާދުކުރަން ޖެހޭ ބައެކެވެ. އެހެންވެ ކޮންމެ ދުވަހަކުވެސް 5 ނަމާދު ކުރަންޖެހޭ ނުވަތަ ފަރުޟު ކުރައްވަވާފައިވާ ސަބަބާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ. 

އަހަރެން ޤަބޫލުކުރާ ފޮތުގައި އެކަމުގެ ބޭނުމަކީ އަބަދުވެސް ތިމާ އާއި ﷲ ތަޢާލާ އާއި ގުޅިފައިވުމެވެ. ﷲ ތަޢާލާ ގެ މަތިން އަބަދުވެސް ހަނދާންކުރުނަމަތީގައި ތިބުމެވެ. 

ﷲ ތަޢާލާގެ މަތިން ހަނދާންކުރުން ގިނަކުރާ ވަރަކަށް ﷲ ތަޢާލާގެ މައްޗަށް އެމީހެއްގެ ހިތުގައި ލޯބި އިތުރުވާނެއެވެ. ﷲ ތަޢާލާގެ އެންގެވުންތަކަށް އަމަލުކުރުމުގެ ޝައުޤްވެރިކަން ވެސް އިތުރުވާނެއެވެ. ނަހީ ކުރައްވަވާފައިވާ ކަންކަމާއި ދުރުހެލިވުމަށްވެސް އިތުރު ބާރަކަށްވެގެންދާނެއެވެ. 

ދުވާލަކު 5 ފަހަރު ފެންވަރާ މީހެއްގެ ގައިގައި ކިލާ ނުހުންނާނެ ކަމަށް ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ. އެމީހަކީ ފާފަކުރުމުން ދުރުވެ، ހެޔޮ އަމަލުކުރާ މީހަކު ކަމުގައި 5 ނަމާދު ކުރުމުގެ ސަބަބުން ވެގެންދާނެތީއެވެ. 

ކީރިތި ޤްރުއާނުގެ މާނަވެސް ގިނަގިނައިން ކިޔަން ޖެހެނީ ހަމަ އެސަބަބަށްޓަކައެވެ. ކިޔާވަރަކަށް ހިތުގައި ކަންކަން ހަރުލާނެތީއެވެ. ޤްރުއާނުގެ މާނަ ހިތުގައި ހަރުލާވަރަކަށް އަމަލުކުރަން ޝައުޤްވެރިކަން އުފެދޭނެތީއެވެ. ނަހީ ކުރެއްވެވި ކަންކަމާއި ކައިރިވާން ބިރުގަންނާނެތީއެވެ. 

ވީމާ ނަމާދަކީ ތިމާ އާއި ﷲ ތަޢާލާ އާއި މަދުވެގެން 5 ފަހަރު ގުޅުވައިދޭ ވަސީލަތެކެވެ. އެކަން ކުރުން ބުރައަކަށް ނުހަދާށެވެ! ނަމާދުގެ ބޭނުން މިބުނި ގޮތްގޮތުން ހިތަށް ގެންނަ މީހާ އަބަދުވެސް ހުންނާނީ ބަންގީގެ އިންތިޒާރުގައެވެ. އެންމެ މަތިވެރި އިންތިޒާރަކީވެސް އެއީއެވެ. 

- މުފްތީ މެނކުގެ ދަރުސަކުން

މިއަދު އޮންލައިން