އީމާންކަން ފުރިހަމަވާނީ ކިތަންމެ ގަދައަށް ރުޅި އައިނަމަވެސް އެމީހަކާއިމެދު ދޮގު ނުހެދުމުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
އީމާންކަން ފުރިހަމަވާނީ ކިތަންމެ ގަދައަށް ރުޅި އައިނަމަވެސް އެމީހަކާއިމެދު ދޮގު ނުހެދުމުން!: މުފްތީ މެންކް

 

އެއްވެސް ސަބަބެއް މެދުވެރިވެގެން މީހަކު ދެކެ ރުޅި އަތުވެއްޖެ ނަމަ އެމީހަކާއިމެދު ދޮގު ބަސްތައް ބުނުމަކީ ގިނަ ބައަކު ކުރާ ކަމެކެވެ. ކިތަންމެ އެކުގައި އުޅެފައިވީ ނަމަވެސް އެވެ. އެފަދަ ހާލަތުގައި އަނެކާގެ ކިބައިގައި ހުންނަ ކުދިކުދި އުނިކަންތައް ވެސް މާބޮޑުކޮށްގެން ހާމަކުރެއެވެ.

 

މިއީ ވަރަށް ނުބައި ކަމެކެވެ. އެކަމުގެ ނުބައިކަން ބޮޑުކަމުން އެފަދަ ކަންކަން ނުކުރުމަށް ﷲ ތަޢާލާ ވަނީ ކީރިތި ޤްރްއާނުގައި އަމުރުފުޅު ކުރައްވަވައިފައެވެ. މީހަކު ދެކެ ކިތަންމެ ގަދައަށް ރުޅި އައި ނަމަވެސް އެމީހަކާއިމެދު އިންޞާފުން ނޫނީ އެއްވެސް ކަމެއް ނުކުރުމަށް ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ.  

 

އަނހެނުންގެ މެދުގައި މި މައްސަލަ ބޮޑުކަން ފާހަގަ ކުރެވެއެވެ. ކިތަންމެ އެކުގައި އުޅުމަށްފަހުވެސް ރުޅި އަންނަން މެދުވެރިވެއްޖެނަމަ އަނެކާ ފަޟީޙަތްކޮށްލުމަށްޓަކައި ދޮގުތައް ހަދައިގެންވެސް ވާހަކަ ދެއްކެއެވެ. އެހާލަތުގައި ބަލަނީ ވީހައި ބޮޑަށް އަނެކާ ފަޟީޙަތްކޮށްލެވޭތޯއެވެ.  

 

ކުރީގެ ދަރުސްތަކުގައިވެސް ބުނެފައިވާނެ ފަދައިން ކިތަންމެ ރުޅި އައި ނަމަވެސް ސިއްރު ހަމަ އެއްގޮތަކަށްވެސް ބޭޒާރުކޮށްގެން ނުވާނެއެވެ. މީހެއްގެ ސިއްރު، ސިއްރެއްގެ ގޮތުގައި ހިފަހައްޓައިދީފިނަމަ އެމީހަކަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ހަމަ އެފަދަ ނިޢްމަތެއް މިންވަރުކުރައްވަވާނެއެވެ. 

 

މީހަކު ދެކެ ރުޅި އައިނަމަވެސް އެމީހެއްގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް ފާހަގަކުރަންވާނެއެވެ. ހެޔޮކަމެއް ކޮށްދީފައިވާނަމަ އެކަމަށް ޝުކުރުވެރިވާންވާނެއެވެ.  

 

މީގެ މާނައަކީ މީހެއްގެ ސަބަބުން އެހެން ބައަކަށް ގެއްލުން ލިބެމުންދާނަމަ އެކަން ސިއްރުކުރުމެއް ނޫނެވެ. ބައެއްގެ ޙައްޤުތަކަކަށް މީހަކު އަރައިގަންނަމުންދާނަމަ އެކަން ސިއްރުކުރުމެއް ވެސް ނޫނެވެ. އެކަންކަން ހުޓުވަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެއެވެ. އަނގަން ޖެހޭ ފަރާތްތަކަށް އަންގަންވެސް ޖެހޭނެއެވެ.

 

އަސްލު މައްސަލައަށް ބަލައިފިނަމަ ފެށިގެން މިއަންނަނީ ދޮގުހެދުމުންނެވެ. އީމާންކަން ކުޑަވުމުގެ ސަބަބުން ދޮގުހެދުން މިއަދު ޢާންމުވެފައިވީނަމަވެސް ދޮގު ހެދުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. ބިރުވެތިވާންޖެހޭ ބޮޑު ފާފައެކެވެ.  

 

ތިމާގެ އީމާންކަން ފުރިހަމަވާނީވެސް ކިތަންމެ ވަރަކަށް ރުޅި އައި ނަމަވެސް އެމީހަކާއިމެދު ދޮގު ނުހަދައި ތެދުބަހުން ވާހަކަ ދެއްކުމުންނެވެ! ޙަޤީޤަތާއި އެއްގޮތަށް ވާހަކަ ދެއްކުމުންނެވެ. ދޮގާއި މުނާފިޤުންނާއި ހުރި ގުޅުން އެންމެންނަށްވެސް އނގޭނެއެވެ. އެހެނީ ދޮގު ހެދުމަކީ މުނާފިޤުންގެ އެންމެ ޢާންމު އެއް ސިފައެވެ. އެ ސަބަބަށްޓަކައިވެސް ދޮގާއި ކައިރިނުވާށެވެ! އެއީ ބިރުބޮޑު ކަމެކެވެ! 

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން