"މީހުންގެ މައިންބަފައިންނަށް ބަދުބަސް ބުނެ ހެދުމުން އެއިގެ ރައްދުގައި އެމީހަކު ތިބާގެ މައިންބަފައިންނަށް ބަދުބަސް ބުނެފިނަމަ އެއީ ނަބިއްޔާ (ޞޢވ) ސިފަކުރައްވަވާ ގޮތުގައި އަމިއްލައަށް އަމިއްލަ މައިން ބަފައިންނަށް ލަޢްނަތް ދިނުމުގެ ބޮޑު ފާފައަށް އަރައިގެންފި މީހެކެވެ."
ޞަޙީޙް ބުޚާރީ: 5973 ޝައިޚް އަޙްމަދު ރިމާޒް
ދީނީ ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި މިޙަދީޘްފުޅުން އެނގިގެންދަނީ މީހުންގެ މައިން ބަފައިންނާއި ބެހި، ބަދު ބަސް ބުނުމުގެ ހުރި ނުބައިކަން ބޮޑުކަމެވެ. މިފަދަ ކަންކަމަށް ނުވިސްނައި ގިނަ ބައަކަށް މިފަދަ އަމަލުތައް ކުރެވޭކަން އެއީ ހިތާމަހުރި ކަމެކެވެ. އެފަދަ ކަންކަން ކުރާ މީހުން 2 ފާފަ އެބަ ލިބިގަނެއެވެ.\
އެއީ އެހެން މީހެއްގެ މައިން ބަފައިންނާއި ބެހި ބަދު ބަސް ބުނުމުގެ ފާފަ އާއި ރައްދުގައި އަނެކާ ތިމާގެ އަމިއްލަ ބަފައިންނަށް އެފަދަ ބަސްތައް ބުނުމުގެ ފާފައެވެ. އެކަމަށް ފުރުޞަތު ދިނީ ތިމާ އަމިއްލައަށް ކަމަށްވާތީއެވެ.
މީހަކު ކިތަންމެ ބޮޑު ނުބައި ކަމެއް ކުރި ނަމަވެސް އެކަން އެކުރަނީ އެމީހެކެވެ. އެމީހާގެ މައިން ބަފައިންނެއް ނޫނެވެ. ހަމައެއާއިއެކު މީހަކު ތިމާގެ އަމިއްލަ މައިން ބަފައިންނަށް ބަދު ބަސް ބުނެފިނަމަ ތިމާ ރުޅި އަންނާނެ މިންވަރަށާއި ދެރަވާނެ މިންވަރަށް ވެސް ވިސްނަން ވާނެއެވެ.