ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ތިމަންނާ މިހުރީ ﷲ ތަޢާލާއަށް އީމާނެވެގެންކަމަށް ބުނުމުން ހުރިހައި ކަމެއް ނިމުނީ ކަމަށެވެ. އެހެރީ ފުރިހަމަ މުސްލިމަކަށްވެވިފައި ކަމަށެވެ. ނަމަވެސް އެއީ ހަމަ މުޅިން ކުށްހީއެވެ. ނަމާދާއި ނުލައި އީމާންކަން ފުރިހަމައެއް ނުވާނެއެވެ. އެކަން ކީރިތި ޤްރުއާނުގެ ގިނަ އާޔަތްތަކަކުން އެނގެން އެބައޮތެވެ.
ޒަކާތް ދައްކަން ޖެހޭނީ އެވަރުގެ ތަނަވަސްކަން ހުރިނަމައެވެ. ނަމަވެސް ނަމާދަކީ ހަމަ އެއްވެސް މީހަކަށް ނުކޮށް ދޫކޮށްލެވެން އޮތް ކަމެއް ނޫނެވެ. ކިތަންމެ ތަނަވަސް މީހަކު ނަމަވެސް އަދި ކިތަންމެ ނިކަމެތި މީހަކު ނަމަވެސް މެއެވެ. ބުއްދި ސަލާމަތުން ހުރިނަމަ ކޮންމެ ޙާލެއްގައި ނަމަވެސް ޖެހޭނީ ނަމާދުކުރާށެވެ. ފަރުޟް 5 ނަމާދު ނުކޮށް ހުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އަދި ﷲ ތަޢާލާ އަށް އީމާންވެގެން ހުރި މީހަކު ނަމަ ކޮންމެ ޙާލެއްގައި ނަމަވެސް ފަރުޟު 5 ނަމާދު ކުރާނެއެވެ. ކުރާނީ އެއިގެ ތެރެއިން ބައެއް ނުވަތަ އެމީހަކަށް ކުރަން ފަސޭހަ ނަމާދެއް ނޫނެވެ. އަދި ވަގުތުވާ ވަރަކުންވެސް ނޫނެވެ.
ތިމާ މިހުރީ އީމާންވެގެން ކަމަށް ބުނި ނަމަވެސް ނަމާދުކޮށް ޒަކާތް ނުދޭ މީހުންނަކީ މިސްލިމުންގެ ތެރެއިންވާ ބައެއް ނޫނެވެ. މިއީ އިތުރު އެއްވެސް ބަހަނާއެއް އޮތް ކަމެއް ނޫނެވެ. އެކަން ވެސް ކީރިތި ޤްޜުއާނުގެ ވަރަށް ގިނަ އާޔަތްތަކުން އެނގެން އެބައޮތެވެ. ކީރިތި ޤްރުއާން ކިޔަވާ މީހަކަށް އެކަންކަން އެނގޭނެއެވެ.
ވީމާ ތިމާ މިހުރީ އީމާންވެގެން ކަމަށް ބުނެ ނަމާދު ނުކޮށް ޒަކާތް ނުދީ ހުރުމަކުން އެމީހަކީ ފުރިހަމަ މުސްލިމަކަށް ނުވާނެއެވެ. ތިމާ މިހުރީ އީމާންވެގެންނޭ، ތިމާ ކުރާ އަމަލުތައް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއޭ ބުނުމަކުންވެސް ނުފުދޭނެއެވެ. އެހެނީ އީމާންކަމާއި ނަމާދުކުރުމަކީ ގުޅި ލާމެހިފައިވާ 2 ކަމެވެ. އީމާންވެގެން ހުރި ނަމަ ނަމާދުކުރާނެއެވެ. ނަމާދު ކުރެވޭނީ އީމާންވެގެން ހުރެއެވެ. ވީމާ މި ދެ ކަންތައް ވަކި ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
ނަމަވެސް މިއަދު ހަމަ ވަރަށް ގިނަ ބައަކަށް މިކަންކަން ޤަބޫލުކުރެވިފައި އޮންނަނީ ތަފާތު ގޮތަކަށެވެ. ތިމާ މިހިރީ ﷲ ތަޢާލާއަށް އީމާންވެގެން ކަމަށް ބުނުމުން އެހުރެވެނީ ފުރިހަމަ މުސްލިމަކަށްވެފައި ކަމަށެވެ. މި ޤަބޫލުކުރުމަކީ މުޅިން ނުބައި ޤަބޫލުކުރުމެކެވެ. އެކަން އަބަހަށް ދޫކޮށްލާށެވެ! އީމާންކަން ފުރިހަމަ ކުރާށެވެ! އީމާންކަން ފުރިހަމަ ކުރެވޭނީ ނަމާދު ފުރިހަމައަށް ކޮށްގެންނެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާއިމެދުގައިކަން އެނގެން އޮތުމުން މިކަން މިއޮތީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން