މީހެއްގެ ގާތު ކަލޭ އެންމެ ބޭނުންވަނީ ކޮން ކަމެއްތޯ ސުވާލުކޮށްފިނަމަ އެންމެ ގިނަ ބައަކު ބުނާނީ އެމީހަކު ދުނިޔެއިން ޙާޞިލުކުރަން ބޭނުންވެ ނުކުރެވި ކަންތައްތަކެއްގެ ވާހަކައެވެ. ފައިސާ އާއި ގެދޮރާއި އަނބިދަރިންނާއި މިފަދަ ކަންކަމުގެ ވާހަކައެވެ. އެއީ އެމީހާގެ ވިސްނުން އަބަދުވެސް އެކަންކަމަށް އަމާޒުކުރެވިފައިވާތީއެވެ. އެމީހާއަށް ހަޤީޤަތުގައި އެންމެ ބޭނުންވާ ކަމުގެ ވާހަކަ ބުނާނީ ވަރަށް މަދު މީހެކެވެ. އެއީ އެކަމަށް ވިސްނާ މީހުންގެ އަދަދު ހަމަ މަދުކަމުންނެވެ.
މިކަމުން އެނގެނީ ތިމާ މިދުނިޔެއަށް ފޮނުއްވަވާފައިވާ ސަބަބާއި ޙާޞިލުކުރަން ޖެހޭ ލަނޑުދަނޑި ވެސް މިއަދު ވަރަށް ބޮޑަށް އޮޅިފައިވާ ކަމެވެ.
ކީރިތި ޤްރުއާނުގެ ޢާލްއިމްރާން ސޫރަތުގެ 185 ވަނަ އާޔަތުގައި މަރުގެ ވާހަކަ ﷲ ތަޢާލާ ބަޔާން ކުރެއްވެވި އިރު ވަޙީ ކުރައްވަވާފައިވަނީ ""ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ދެކޭނެ އެއްޗެކެވެ. އަދި، (ތިއަބައިމީހުން ކުޅަ އަމަލުތަކަށް) ތިއަބައިމީހުންނަށް ފުރިހަމައަށް ޖަޒާ ދެއްވަވާނެކަން ކަށަވަރީ ޤިޔާމަތް ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާ ކުރައްވަވައި، ސުވަރުގެއަށް ވެއްދެވި މިހާ (ދަންނާށެވެ!) ފަހެ، އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއް ކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ." މިފަދައިންނެވެ.
މިއާޔަތަށް ވިސްނައިލާށެވެ! ފުރަތަމަ ކަމަކީ ކޮންމެ މީހަކީވެސް މަރުވާނެ މީހަކުކަން ބަޔާން ކުރެއްވެވިއިރު ބޭނުންފުޅު ކުރައްވަވާފައިވާ ޢިބާރާތެވެ! އޮއޮތީ ކޮންމެ މީހަކުވެސް މަރުވާނެ ކަމަށް ނުވަތަ މަރާއި ކުރިމަތިލާން ޖެހޭނެ ކަމަކަށް ނޫނެވެ. މަރުގެ ރަހަ ދެކޭނެ ކަމަށެވެ. އެއީ މަރުގައި ރަހައެއް ހުންނާތީ އެވެ. ދުނިޔެ ހޯދަން ދުނިޔޭގައި އުޅުނު މީހުންނަށް މަރުގެ ރަހަ ވަރަށް ހިތިވާނެއެވެ. އާޚިރަތް ހޯދަން މަސައްކަތް ކުރި މީހުންނަށް މަރުގެ ރަހަ ވަރަށް ފޮނިވާނެއެވެ.
އެކަން ވެސް ހަމަ މިއާޔަތުން އެނގިގެންދެއެވެ. "ފަހެ، ނަރަކައިން އެއްކިބާ ކުރައްވަވައި، ސުވަރުގެއަށް ވެއްދެވި މިހާ (ދަންނާށެވެ!) ފަހެ، އެމީހަކު ނަޞީބު ލިބިގެންފިކަން ކަށަވަރެވެ." މި ބައިން މިއެނގެނީ މަރުގެ ރަހަ ފޮނިވެގެންދާނީ ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލިބިގަތް ނަޞީބުވެރިން ކަމެވެ. އަދި "ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއް ކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ." މިބައިން އެނގިގެންދަނީ ދުނިޔެ ޙާޞިލުކުރަން މަސައްކަތް ކުރި މީހުންގެ މަރުގެ ރަހަ ހިތިވާނެ ކަމެވެ.
މީސްތަކުންނޭވެ! ދުނިޔެއިން ކިތަންމެ ގިނަ ނިޢްމަތްތަކެއް ޙާޞިލުކުރެވުނު ނަމަވެސް އެއީ ހަމަ ވަގުތީ ކަންކަމެވެ. ވަގުތީ އުފާތަކެކެވެ. އެކަންކަމުގެ ސަބަބުން އާޚިރަތުގައި ކުރާނެ އެއްވެސް ފައިދާއެއް އޮންނާނީ ވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ނިޢްމަތްތައް ހޯދަން މަސައްކަތްކުރި މީހަކަށެވެ. ނިޢްމަތްތައް ދެއްވެވުމުން އެ ނިޢްމަތްތަކުގެ ބޭނުން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ހިފާފައިވާނަމައެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ މީހަކުވެސް ވާންޖެހޭނީ މަރުގެ ރަހަ ފޮނި މީހަކަށް ވެވޭތޯއެވެ! މަރުގެ ރަހަ ހިތިވެއްޖެނަމަ އެހިސާބުންގެ އެމީހެއްގެ ހުރިހާ ކަމެއް ހީވެސް ނުކުރެވޭނެ ފަދަ ގަދަފަދަ އަޒާބުގެ ތެރެއަށް ވެއްޓިގެން ދިއައީ އެވެ. ވީމާ މަރުގެ ރަހަ ފޮނުކުރަން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ.
މަރުގެ ރަހަ ފޮނިކުރަން އެދޭނަމަ ކޮންމެ ދުވަހަކީވެސް ﷲ ތަޢާލާ އަނގްވާފައިވާ ފަދައިން ދުވަސްފަށާ އަދި ނިންމާ މީހަކަށްވާށެވެ! އަދި ކޮންމެ މީހަކުވެސް އެންމެ މިލިމީޓަރެއް ނަމަވެސް ކޮންމެ ދުވަހަކު ވެސް ﷲ ތަޢާލާ އާއި ކައިރިއަށް ދިއުމަށް، ކުއްތަންވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ! އެނެމެ މިލިމީޓަރެއް ނަމަވެސް ކުރިއަށް ދެވޭނަމަ އެދެވެނީ ރަނގަޅަށެވެ. ނޫންނަމަ އެދެވެނީ މަރުގެ ރަހަ ހިތިވުމާއި ކައިރިއަށެވެ.
ކީރިތި ޤްރުއާނުގައި ހުރި މިފަދަ އާޔަތްތަކަށް ވިސްނައި ފިކުރުކުރާ ބައަކަށްވާށެވެ! އެ އާޔަތް ވަޙި ކުރައްވަވާފައި އެވަނީ ވިސްނައި ފިކުރު ކުރުމަށެވެ.
--މުފްތީ މެންކުގެ ދަރުސަކުން