ދ. އަތޮޅުގައި ހިންގާ ކަނޑިންމަ މޯލްޑިވްސް ރިސޯޓުގެ މުވައްޒިފުންތަކެއް، ކާނާ ވިހަވެގެން ފަރުވާ ދޭން ފަށައިފިއެވެ.
އެރިސޯޓުގައި މަސައްކަތް ކުރާ މުވައްޒިފަކު އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ބުނީ ރޭގަނޑުގެ ނާސްތާއަށް ރޭގައި ކެއި އެއްޗެއްގެ ސަބަބުން އެރިސޯޓުން ގާތްގަނޑަކަށް 15 ވަރަކަށް މުވައްޒަފުން ކާނާ ވިހަވެފައިވާ ކަމަށެވެ.
އޭނާ ބުނިގޮތުގައި މައްސަލައެއް އުޅޭކަން ފާހަގަ ކުރެވުނީ މިއަދު ހެނދުނެވެ. ކާނާ ވިހަވެގެން ފަރުވާ ދިން މީހުންގެ ތެރޭގައި ބިދޭސީން ވެސް ހިމެނޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ކާނާ ވިހަވި މުވައްޒިފުންގެ ކިބައިން ބޭރަށް ހިންގުމާއި، ހޮޑުލުމުގެ އިތުރުން އެމީހުންގެ ގައިގައި ވަރެއް ނެތި ތުރުތުރު އަޅައަޅާ ތިބި ކަން ފެންނަމުން ދިޔަ ކަމަށްވެސް އޭނާ ބުންޏެވެ.
"އެމީހުންނަށް ފަރުވާ ދެމުން ދަނީ ރިސޯޓުގައި ހަދާފަ ހުންނަ ކްލިނިކުގަ. އެއީ ފެންވަރު ރަނގަޅުކޮށް ހަދާފަ ހުރި ކްލިނިކެއް ކަމުގައި ވިޔަސް މިހާރު އެތަން އަންނަނީ ފުރެމުން. ވިހަވުމުގެ އަލާމާތްތައް ފެންނަ މުވައްޒިފުންގެ އަދަދު އަންނަނީ އިތުރުވަމުން" އެމީހާ ކިޔައިދީފައި ވެއެވެ.