އާޚިރަތް ދުވަހު ސަލާމަތްވުމަށް އެދޭނަމަ ކޮންމެ ގޮތަކުން ނަމަވެސް ސުންނަތް ނަމާދު އިތުރުކުރަން ޖެހޭ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އާޚިރަތް ދުވަހު ސަލާމަތްވުމަށް އެދޭނަމަ ކޮންމެ ގޮތަކުން ނަމަވެސް ސުންނަތް ނަމާދު އިތުރުކުރަން ޖެހޭ ސަބަބު!

"ޤިޔާމަތް ދުވަހު ފަރުޟު ނަމާދުގެ ހިސާބު ބެއްލެވޭ ހިނދު އެ ނަމާދުގެ ހިސާބު ފުރިހަމަ ނުވެއްޖެ ނަމަ، އެމީހަކު ސުންނަތް ނަމާދުތަކެއް ކޮށްފައިވާނަމަ، ސުންނަތް ނަމާދުން ފަރުޟު ނަމާދުގެ ހިސާބު ފުރިހަމަކުރެވިގެންދާނެއެވެ."

އަލްތިރްމިޒީ 413 

ކޮންމެ މީހަކީވެސް އެތައް ބައިވަރު ފަރުޟު ނަމާދުތަކެއް ނުކުރެވި ދޫކޮށްލެވިފައިވާ މީހެކެވެ. ހަމަ އެއާއިއެކު ކުރެވޭ ފަރުޟު ނަމާދުތަކުގެ ތެރެއިންވެސް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި ކުރެވެނީ ކިތައް ނަމާދުކަމެއް އެނގެނީއެއް ނޫނެވެ. ވީމާ ނަމާދުގެ ހިސާބު ބައްލަވާއިރު މައްސަލަތައް ކުރިމަތިވާނެކަން ޤަބޫލުކުރަންޖެހެއެވެ. 

މި ޙަދީޘްފުޅުންވެސް އެނގިގެންދަނީ ސުންނަތް ނަމާދަށް ރައްކައުތެރިވުމުގެ މުހިންމުކަން ބޮޑުކަމެވެ. ވީހައި ގިނައިން ސުންނަތް ނަމާދު ކުރަން ޖެހޭކަމެވެ. ހަމައެކަނި ފަރުޟު 5 ނަމާދު ކޮށްލައިގެން ސަލާމަތް ވެވެން ނެތް ކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސުންނަތް ނަމާދަކީ އެމީހަކު ބޭނުންވާ ވަރަކަށް ދިގު ކުރެވިދާނެ ނަމާދެކެވެ. ނަމަވެސް ވަގުތު ނެތިގެން ކުރުކުރަން ބޭނުންނަމަ އެކަން ވެސް ކުރެވެން އޮތް ނަމާދެކެވެ. ޢާންމުކޮށް ސުންނަތް ނަމާދުކުރާ މީހަކަށް ސުންނަތް ނަމާދެއް 3، 4 މިނިޓް އިރުނެ ކުރެވޭނެއެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް އެންމެ މަދުމިނުން ރަވާތިބު ސުންނަތާއި ވިތްރި ކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ. ވިތުރިއަކީ އެންމެ ރަކްޢަތަކުންވެސް ކުރެވިދާނެ ނަމާދެކެވެ!

ބައެއް ޢިލްމުވެރިން ސުންނަތް ނަމާދުތައް ސިފަ ކުރައްވަވަނީ ސުވަރުގެ ލިބިގަތުމަށްޓަކައި ޤިޔާމަތް ދުވަހު އެމީހާ އާއިއެކު ގެންދަން އެއްކުރާ ރިޒަރވް މުދަލުގެ ގޮތުގައެވެ. ވީމާ މި ރިޒަރވް މުދައު ވީހައި ގިނައިން އެއްކޮށް ޖަމާކުރަން ގަދައަޅައި މަސައްކަތް ކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން