އާޚީރަތް ދުވަހު އެންމެ ހިތާމަ ކުރާނެ އެއްބައަކީ އެމީހުން ހިތް ފުރަން ދުނިޔޭގައި ގަދައަޅައި މަސައްކަތްކުރި މީހުންނެވެ. އެފަދަ މީހުންނަށް ދުނިޔޭގައި އެމީހުން އެދޭ އެދުންތައް ޙާޞިލު ކުރެވެމުން ގޮސް ދުނިޔެ ފުރުނު ނަމަވެސް އެމީހުންގެ ހިތެއް ނުފުރޭނެއެވެ. ދުނިޔެ ފުރުމުން ދެން ބޭނުންވާނީ ދުނިޔޭގެ ސައިޒު ބޮޑުކޮށްލާށެވެ! އިތުރަށް އަޅައި ފުރުމަށެވެ. ދުނިޔެ އެކުގައި ލިބުނު ނަމަވެސް އެފަދަ މީހުންގެ ހިތެއް ނުފުރޭނެ ކަމަށް ބުނެނެވެނީ ހަމަ އެ ސަބަބަށްޓަކައެވެ.
އެހެންކަމުން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ "ތިބާގެ ހިތާ ފިކުރު ތިމަންކަލޭގެފާނަށް ދޭށެވެ!" މިއީ ވަރަށް ރިވެތި އަދި މާނަ ފުން ޙަދީޘްފުޅެކެވެ. ނަބިއްޔާ (ޞޢވ) އެ އެދިވަޑައިގަންވަނީ ހިތާއި ފިކުރު ކީރިތި ޤްރްއާނަށާއި ނަބިއްޔާ (ޞޢވ)ގެ ސުންނަތަށް ދިނުމަށެވެ. ހިތާއި ވިސްނުން ﷲ ވަޙީ (ކީރިތި ޤްރުއާން) އާއި ނަބިއްޔާ (ޞޢވ)ގެ ސުންނަތުން ފުރައިލުމަށެވެ.
އެހެނީ ކީރިތި ޤްރުއާނުން މީހެއްގެ ހިތް ފުރައިލެވިއްޖެ ނަމަ އެއްވެސް ކަމެއް މަދުވެގެން އެމީހަކު ނުއުޅޭނެއެވެ. ހުރިހާ ކަމެއް އޮންނާނީ ފުރިހަމަވެ ނިމިފައެވެ. މިސާލަކަށް ބަނޑު ފުރައި ކާން ލިބިއްޖެ ނަމަ ހިތްހަމަޖެހުން އިތުރުވެދާނެއެވެ! ނުލިބުނު ނަމަވެސް ހިތުގައި އެއްވެސް ޝަކުވާއެއް ނުއޮންނާނެއެވެ! ދުނިޔެއިން އެއްވެސް ކަމެއް ނުލިބިގެން ކަންބޮޑެއް ނުވާނެއެވެ!
އެފަދަ މީހުން ގަދައަޅައި މަސައްކަތް ކުރާނީ އާޚިރަތް ހޯދުމަށެވެ. އެމީހުން ކަންބޮޑުވާނީ ނަމާދުގެ ކުރީ ސަފު ނުލިއްޖެ ނަމައެވެ. އެ ހާލަތުގައިވެސް ފިކުރު ބޮޑުވެ ހާސްވެގެނެއް ނުއުޅޭނެއެވެ. ބަލާނީ ޖާގަ ހުރި ސަފަކުން އަވަހަށް ޖާގަ ހޯދުމަށެވެ. އެފަދަ މީހުން ނަމާދަށް ހުންނައިރު، ނަމާދު ނިމިގެން ކާނެ އަގުބޮޑު ކެއުމާއިމެދަކު ނުވިސްނާނެއެވެ. ވިސްނާނީ ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ގޮތަށް ނަމާދުފުރިހަމަ ކުރެވޭތޯއެވެ! ޚުޝޫޢަތްތެރިކަން އިތުރުކުރެވޭތޯއެވެ!
މިހާރަކަށް އައިސް ނަމާދު ކުރާ ގިނަ ބައަކަށް ނަމާދު ފުރިހަމަ ނުކުރެވެނީ އެމީހުންގެ ހިތް ނުފުރޭތީއެވެ! އަބަދުވެސް ގިނަ ކަންތައްތަކަކަށް ބޭނުންވެގެން ހުންނާތީއެވެ. އެކަންކަމުގެ ފިކުރުން މީހާގެ ސިކުނޑި ފުރިފައި ހުންނާތީއެވެ! ނަމާދު ނިންމައި ސަލާމް ދިނުމަށްފަހު ފައިބައިގެން ގޮސް ކުރާނެ މަސައްކަތްތަކުން ހިތާއި ސިކުނޑި ފުރިފައިވާތީއެވެ!
މީސްތަކުންނޭވެ! އެގޮތުގައި ކުރާ ނަމާދަކުން އާޚިރަތް ދުވަހު ކުރާނެ އެއްވެސް މަންފާއެއް ނެތެވެ! އެކަން އަހަރެން ނުބުނި ނަމަވެސް އެންމެންނަށްވެސް އެނގޭނެއެވެ. ނަމަވެސް އަމަލު ނުކުރެވެނީއެވެ. ދުނިޔެ ބޭނުންވާވަރު ބޮޑުކަމުންނެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފައިސާއިން ޖީބުތައް ފުރާލެވިދާނެއެވެ! ނަމަވެސް އެކަމުން ކުރާނީ ވަރަށް ކުޑަ މަންފާއެކެވެ! ކީރިތި ޤްރްއާނުން ފުރައިލެވޭނީ ހިތެވެ. ޙަޤީޤީ މުއްސަނދިންނަކީ ކީރިތި ޤްރްއާނުން ހިތް ފުރާލާ މީހުންނެވެ! އެފަދަ މީހުން އެދޭ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ! ވީމާ އެފަދަ މީހުންނަށް ޖީބު ނުފުރިގެން އުޅޭކަށް ނުޖެހޭނެ އެވެ.
ކޮންމެ މީހަކަށްވެސް މައްސަލަތަކެއް ހުންނާނެއެވެ. ކީރިތި ޤްރްއާނުން ހިތް ފުރައިގެން ހުންނަ މީހާއަށް ކުރިމަތިވާ ކޮންމެ ކަމެއްގެ ކޮންޓްރޯލް، ހުރިހާ މައްސަލަތަކެއްގެ ކޮންޓްރޯލް ﷲ ތާޢާލާ އެމީހަކަށް ދެއްވަވާނެތެވެ. ނަމަވެސް ދުނިޔޭގެ އެދުންތަކުން ހިތް ނުފުރިގެން އުޅޭ މީހާގެ މައްޗަށް ބާރު ހިންގާނީ އެމީހެއްގެ މައްސަލަތަކެވެ. ނިކަން ބުނެބަލާށެވެ! މިކަންކަން މިހެންނަކުން ނޫން ހެއްޔެވެ؟
މީސްތަކުންނޭވެ! ދުނިޔެއަށް ދަހިވެތިނުވެ އާޚިރަތް ހޯދަން މަސައްކަތްކުރާ މީހާއަށް ދުނިޔެ ހޯދަން ތެޅިފޮޅޭކަށްވެސް ނުޖެހޭނެއެވެ. ދުނިޔެ އެމީހެއްގެ ފަހަތުން ދުވާނެއެވެ. އެމީހަކު ބޭނުންވާ ކަންކަން ދާނީ ފުދެމުންނެވެ. ހަމައެއާއިއެކު އެމީހަކަށް އާޚިރަތް ދެއްވަވާނެތެވެ. މިއީ އެއްވެސް މިންވަރަކަށް ޝައްކުކުރަން ޖެހެންވީ ކަމެއް ނޫނެވެ!
ދުނިޔެ އަށް ދަހިވެތިވެގެން އުޅޭ މީހާއަށް ތަނަވަސްކަން ލިބޭވަރަކަށް ދާނީ ފަޤީރުވަމުންނެވެ. ފުކުރުތައް ގިނަވެ ކަންބޮޑުވުން އިތުރުވަމުންނެވެ. އަމިއްލަ އަނބިދަރިންނާއިއެކު ހޭދަކޮށްލާނެ ވަގުތުކޮޅެއްވެސް ނުލިބޭނެއެވެ. އަރާމުގައި ކައިލަން މަޑުކޮށްލާނެ ވަގުތުކޮޅެއްވެސް ނުލިބޭނެއެވެ. އަދި އަމިއްލަ ހަށިގަނޑަށް އަރާމުކޮޅެއް ހޯދައިލަން ވެސް ވަގުތުކޮޅެއް އޮންނާނީ ނުހޯދިފައެވެ! ނިކަން ބުނެބަލާށެވެ! އެފަދަ މީހަކަށްވުރެ ބޮޑު ފަޤީރަކީ ކާކުހެއްޔެވެ؟
މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ އެމީހުންގެ ލޯތަކަށް ފަޤީރުކަން ނޫން ކަމެއް، ދުނިޔޭގެ އެދުން ނޫން ކަމެއް ނުފެންނާނެ ގޮތަށް ﷲ ތަޢާލާ މެދުވެރިކުރައްވަވާތީއެވެ! އެގޮތަށް މިނަވަރު ކުރެއްވެވުމުން ދުނިޔޭގައި ހުރި ހުރިހާ ފައިސާއެއް ލިބުނު ނަމަވެސް އިޙްޞާޞް ކުރެވޭނީ ތިމާއަކީ ފަޤީރެއް ކަމަށެވެ. ދުނިޔޭގައި ހުރި ހުރިހާ ފައިސާއެއް ލިބުނު ނަމަވެސް ހުންނާނީ ފިކުރު ބޮޑުވެ ހާސްވެފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން