އިމާމް މާލިކްގެފާނުގެ މަންމާފުޅު އެކަލޭގެފާނު ތުއްޕުޅު އިރު އިސްތަށިފުޅުގައި ފޮށާ (ފަގުޑި) އަޅުއްވައި ޒީނަތްތެރި ކުރުވާފަ އިމާމް ރަބީޢާ ގެ އަރިހަށް ޢިލްމު އުނގެނިވަޑައިގަތުމަށް ފޮނުއްވަމުން ވިދާޅުވީ ޢިލްމް އުނގެނިވަޑައިގަތުމުގެ ކުރިން އިމާމްގެ އަރިހުން އަދަބު އަޚްލާޤް ދަސްކުރެއްވުމަށެވެ.
ދަރިވަރުންގެ ކިބައިގައި އަދަބު، އަޚްލާޤް ނެތުމުގެ ސަބަބުން ތައުލީމަށް ހުރަސް އެޅެއެވެ.
އިމާމް މާލިކް (ރަޙިމަހުﷲ) އުންމަތުގެ ބޮޑު އިމާމަކަށް ވެގެން ދިއައީ މަންމާފުޅުގެ ބަސްފުޅު ޤަބޫލުކުރައްވައި އަދަބު އަޚްލާޤުން ޒީނަތްތެރިވެ ޢިލްމުގެ މަގުގައި ކުރިއަށް ވަޑައިގަތުމުންނެވެ.
- ޝައިޚް އަޙްމަދު ރިމާޒް
ރާއްޖެއަށް މިއަދު ބަލައިފިނަމަ ޕީއެޗްޑީ އާއި މާސްޓަރސް ފަދަ މަތީ ފާސްތަކުން މިވަނީ ފުނިޖެހިފައެވެ. ކޮންމެ އަހަރަކު އޯލެވެލް އާއި އޭލެވެލް ނިންމާއިރު ދުނިޔޭގެ ފެންވަރުގައި ރަންވަނަތައް ހޯދާ ދަރިނވަރުންގެ އަދަދު މިދަނީ އިތުރުވަމުންނެވެ. 10000 އަށްވުރެ ގިނަ ދަރިވަރުން ރާއްޖޭގައި ތިބެގެން ދަނީ މަތީ ތަޢްލީމް ޙާޞިލުކުރަމުންނެވެ. ކިޔަވައި ދެއްވާ އެދުރުންގެ ފެންވަރު ހަމަ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައެވެ.
މިހުރިހައި ކަމަކާއިއެކުވެސް މުޖުތަމައުގެ އަޚްލާޤަށް އަންނަމުން މިދާ ބަދަލަށް ވިސްނައިލުމުން އިމާމެ މާލިކްގެފާނުގެ މަންމާފުޅުގެ ނަޞޭޙަތްފުޅަކީ ހުރިހާ ދަރިންނަށް ފައިދާކުރާނެ ނަޞޭޙަތްފުޅެއްކަން އެނގިގެންދެއެވެ!
އިތުރަށް ވިސްނައިލަން ޖެހޭ ކަމަކީ އިމާމް މާލިކްގެފާނުގެ މަންމާފުޅު އެ ނަޞޭޙަތް ދެއްވައި ހަމައެކަނި އިމާމް އާއި ޙަވާލު ކުރެއްވެވީއެއް ނޫނެވެ! އިމާމް އާއި ހަވާލު ކުރެއްވީ އެ ހިސާބަށް އެކަމުގައި މައިމީހާ އަދާކުރަން ޖެހޭ ދައުރު އަދާކުރެއްވުމަށްފަހުގައެވެ. ވީމާ މުޅި މައްސަލަ އެދުރުންގެ ބޮލަށް "ކަނޑައިލުމެއް" ނެތެވެ. އެދުރުންނާއި ހަވާލުކުރަން ޖެހޭނީ މައިންބަފައިންގެ ޒިންމާ އަދާކުރުމާއިއެކުގައެވެ.