ހެނދުނާއި ހަވީރުގެ ޛިކުރުތަކަކީ ސިހުރާ ހަސަދަ އަނބުރާ އެމީހަކަށް ފޮނުވައިލެވޭ ހަތިޔާކަށް ހެދިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ހެނދުނާއި ހަވީރުގެ ޛިކުރުތަކަކީ ސިހުރާ ހަސަދަ އަނބުރާ އެމީހަކަށް ފޮނުވައިލެވޭ ހަތިޔާކަށް ހެދިދާނެ!

"ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ މިސާލަކީ އައްޑަނައެއްގެ މިސާލެވެ. އައްޑަނަ ވަރުގަދަވި ވަރަކަށް ޖިސްމަށް ލިއްބައިދޭ ރައްކައުތެރިކަންވެސް ބޮޑުވާނެއެވެ. އަދި ބައެއް ފަހަރު އައްޑަނައިގެ ފުރިހަމަކަމުން ތީރު އުކި މީހާ އާ ދިމާއަށް އަނބުރާ ހަމަލާ އަންނަ ފަދަ އައްޑަނަ އަކަށްވެސް އެ އައްޑަނަ ވެދާނެއެވެ.!" 

- އިމާމް އިބްން ޤައްޔިމް (ރަޙިމަހުﷲ)

އިމާމްގެ މި ބަސްފުޅުން އެނގެނީ ހެނދުނާއި ހަވީރުގެ ޛިކްރްތައް ކިޔެވުން އިތުރުކުރުމަކީ، ގިނަ ކުރުމަކީ ތިމާއަށް ގެއްލުންދޭން ރާވާ، ނުވަތަ ހަސަދަވެރިވެގެން އުޅޭ މީހުން ކުރާ ނުބައި ކަންކަން، ރާވާ ނުބައި ރޭވުންތައް އަނބުރައި އެމީހުންނަށް ރައްދުކުރެވިގެން ހިނގައިދާނެ ކަމެއް ކަމެވެ. 

ޛިކްރްކުރުމަކީ ހަމައެކަނި އަމިއްލަ ހަށިގަނޑުގެ ދިފާޢުގައި ކުރަން އޮތް ކަމެއް ނޫނެވެ. ޛިކްރްކުރުމަކީ އެކަމުގެ ސަބަބުން ގިނަ ގުނަ ސަވާބާއި ދަރުމަ ދެއްވަވާނެ ކަމެކެވެ. ހެޔޮކަން އިންތިހާއަށް ބޮޑު އަމަލެކެވެ. ވީމާ ޛިކްރް ކުރުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް އެންމެ ފައިދާ ބޮޑު އެއް އަމަލެވެ. ނަމަވެސް ހިތާމައަކީ ނަމާދުކުރާ މީހުންގެ ތެރެއިންވެސް މަދު މީހަކަށް ނޫނީ ޛިކްރްކޮށްލަން 10 ވަރަކަށް މިނިޓް މަޑުކޮށް ނުލެވޭ ކަމެވެ. 

ޛިކްރް ކުރުމަށް ލޯބި ޖެހިމުން ޛިކްރްކުރުންމަތީގައި ދެމިހުރުމަކީ އެއްވެސް ބުރަކަމެއް ނޫނެވެ. އެހެނީ ޛިކްރްކުރުމަށް ކިޔަން ހުރި ކަލިމަ ތަކަކީ ވަރަށް ކުދިކުދި ދޫމައްޗަށް ވަރަށް ފަސޭހަ ބަސްތަކެކެވެ. އަބަދު ކިޔައި އުޅޭ ކަލިތަކެކެވެ. ކުރަން ޖެހޭ ހަމައެކަނި ކަމަކީ އެކަމަށް ޝައުޤްވެރިވުމެވެ. ޝައުޤްވެރިވެވިއްޖެނަމަ ކޮންމެ މަސައްކަތެއްގައި އުޅުނު ނަމަވެސް ޛިކްރްކުރުންމަތީގައި ދެމހުރުމަކީ ނުހަނު ފަސޭހަ ކަމެކެވެ. 

ޙަދީޘްފުޅުގައިވެއެވެ. "ސާފުތާހިރު ކަމަކީ އީމާންތެރިކަމުގެ ދެބައިކުޅަ އެއްބައެވެ. އަލްޙަމްދުލިﷲ ކިޔުމަކީ މީޒާން ފުރައިލެވިގެންދާނެ ކަމެކެވެ.  ސުބްހާނަﷲ އަލްހަމްދުލިﷲ ކިޔުމަކީ އުޑާއި ބިމާއި ދެމެދު ފުރިގެންދާނެ ކަމެކެވެ." (މާނަކޮށްދެއްވީ ޝައިޚް އިބްރާހީމް ފަރީދު)

وعن أبي مالك الأشعري رضي الله عنه قال‏:‏ قال رسول الله صلى الله عليه وسلم‏:‏ ‏ "‏الطهور شطر الإيمان، والحمد لله تملأ الميزان، وسبحان الله، والحمد لله تملآن -أو تملأ- ما بين السماوات والأرض‏"‏ ‏(‏‏(‏رواه مسلم‏)‏‏)‏‏.‏

 

މިއަދު އޮންލައިން