މަކަރު ހަދާ މަކަރުވެރިންނަކީ މުސްލިމުންގެ ތެރެއިންވާ ބައެއް ނޫންކަން ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބަ އޮތެވެ.
މަކަރުވެރިން ޤިޔާމަތް ދުވަހު ތިބޭނީ އެމީހުންނަކީ މަކަރުވެރިންކަން އަނގައިދޭ ބޯޑެއް/ބެނާއަކާއިއެކު ކަން ވެސް އެނގެން އޮތުމުން އެފަދަ މީހުންގެ ނުބައިކަން ބޮޑުކަން އެނގިގެންދެއެވެ.
“Whoever bears arms against us is not one of us, and whoever cheats us is not one of us.” (Saheeh Muslim)
މިދުނިޔޭގައި ހޭދަކުރަން ލިބޭ މަދު ދުވަސްކޮޅު މީސްތަކުންނަށް މަކަރު ހަދައި ރައްޔިތުންގެ ހަޤުތަކަށް އަރައިގަންނަ މީހުން މިކަމަށް ބިރުވެތިވުން ކިތަންމެހައިވެސް މުހިންމެވެ. މަކަރު މަކަރަކަށް ވެގެންދަނީ ހަމައެކަނި އަމާނާތަކަށް ޚިޔާނާތްތެރިވުމަކުން ނޫނެވެ. އަދި ފައިސާއަށް ޚިޔާނާތެރިވެ ކޮރަޕްޝަނުގެ އަމަލުތައް ހިންގުމަކުން އެކަންޏެއް ވެސް ނޫނެވެ. ޢާއިލީ ދިރިއުޅުމުގައިވެސް މަކަރު ހަދާނަމަ ހަމަ އެހެދެނީ މަކަރެވެ.
އިސްލާމް ދީނަކީ ތެދުވެރިކަމުގެ ދީނެވެ. އިސްލާމް ދީނުގެ ފޮނިމީރުކަން އެމީހަކަށް ލިބޭނީ އެމީހަކު ތެދުވެރިވީ ވަރަކުންނެވެ. ދިރިިއުޅުމުގެ، ޙަޔާތުގެ ކޮންމެ ކަމެއްގައިވެސް ތެދުވެރިވުމުގެ މުހިންމުކަން ކިތަންމެހައިވެސް ބޮޑެވެ. އެކަން އިސްވެ ދިއަ ޙަދީޘްފުޅުންވެސް އެނގިގެންދެއެވެ. އަދި އަންނަނިވި ހަދީޘްފުޅަށް ބަލާށެވެ!
“Every traitor will have a banner on the Day of Resurrection and it will be said: This is the betrayer of so-and-so.” (Saheeh Al-Bukhari)
އެކަކު އަނެކަކަށް މަކަރު ހަދަމުން ގޮސް ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިވެ މަކަރުހެދުން މިވަނީ ޢާންމުވެފައެވެ. ހަމަ އެމީހުންނަކީވެސް މިފަދަ ބޯޑުތައް ހިފައިގެން ތިބެން ޖެހިދާނެ ބައަކަށް ނުވާނެކަން އެނގެނީ ކާކަށް ހެއްޔެވެ؟ މިދުނިޔޭގައި ކަންކަން ސިއްރުކުރެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރެވޭނެއެވެ. ބޯޑު އަތަށް ދެއްވަވާނެއެވެ. އަދި ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި ބޯޑުގައި ލިޔެވޭނީ ހަމަ އެކަނި މަކަރުވެރިއެއްގެ ގޮތަކުވެސް ނޫނެވެ. މިވެނި މީހަކަށް މަކަރު ހެދި މީހެއްގެ ގޮތުގައެވެ.
The Prophet of Islam said: “God said: There are three whom I will oppose on the Day of Resurrection: a man who gave his word and then betrayed it; a man who sold a free man into slavery and kept the money; and a man who hired someone, benefited from his labor, then did not pay his wages. (Saheeh Al-Bukhari)
މިއީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން މުހިންމު ކަމެކެވެ. މިޙަދީޘްފުޅަށް ނިކަން ބަލައިބަލާށެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާ އެބައަކާއި ދެކޮލޫވެރިވެވޮޑިގަންނަވާނެ 3 މީހަކު ވެއެވެ. އެއިގެ ތެރޭގައި ވައުދެއްވުމަށްފަހު ވައުދާއި ޚިލާފްވާ މީހުން އެބަހިމެނެއެވެ. އަޅުންގެ ގޮތުގައި މިނިވަނުން ވިއްކައި އެފައިސާގެ ބޭނުންކުރާ މީހުން އެބަހިމެނެއެވެ. ހަމައެއާއިއެކު މަސައްކަތް ކުރުވާފައި އުޖޫރަ ނުދޭ މީހުން އެބަ ހިމެނެއެވެ.
މިހަދީޘްފުޅުގެ މާނައިގައި އަންހެނުން އަސީރުކޮށް ހަށިވިއްކުވުން ފަދަ އަމަލުތައް ކުރާ މީހުން ނުހިމެނޭކަމަށް ބުނާކަށް ނުކެރޭނެއެވެ. އަދި އަނބިދަރިންނަށް ޚަރަދު ނުކުރާ ފިރިން ނުހިމެނޭނެ ކަމަށް ބުނާކަށްވެސް ހަމަ ނުކެރޭނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ އެވެ.
There are four characteristics, whoever has all of them is a true hypocrite, and whoever has one of them has one of the qualities of a hypocrite until he gives it up: when he is trusted, he betrays; when he speaks, he lies; when he makes a promise, he breaks it; and when he disputes, he resorts to slander.” (Saheeh Al-Bukhari, Saheeh Muslim)
ރައްޔިތުންގެ ވޯޓު ހޯދަން ވައުދުވުމަށްފަހު ވައުދު ނުފުއްދާ ވެރިންނާއި އަނބިންނަށް، ފިރިންނަށް ޚިޔާނާތްތެރިވާ މީހުން މި ބަޔާންކުރި ހަދީޘްފުޅަށް ބިރުވެތިވުން ކިތަންމެހައިވެސް މުހިންމެވެ. އަނބިމީހާއަށް ސިއްރުން އިތުރު ކައިވެނިކޮށްގެން އުޅޭ މީހުންވެސް މެއެވެ. މިފަދަ ކޮންމެ މީހަކީ މުނާފިޤުންގެތެރޭގައި ހިމެނޭ މީހަކަށްވުމުގެ ބިރު އެބަ އޮތެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން