ބަދަވީންގެ މީހަކު ބަލިމީހަކަށް ޒިޔާރަތްކުރިއެވެ. އެމީހާއަކީ ހަށިގަނޑު ވާގި ނެތިފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ މީހެކެވެ. އަމިއްލަ ހާލަށް ފުރޮޅިވެސް ނުލެވޭ މީހެކެވެ. މީހަކު ދީފިނަމް ނޫނީ ކައި ބޮއި ވެސް ނުހެދޭ މީހެކެވެ.
ބަދަވީންގެ މީހާ ބުންޏެވެ! "ރަހްމަތްތެރިޔާ ތިއަ ހާލުގައި އޮންނަތާ ހާދަހާ ގިނަ ދުވަހެއް ވެއްޖެއެވެ. ތިހެން އޮންނަން ޖެހުމުން ހާދަ ފޫއްސެއްވެސް ވާނެތާއެވެ! ހީވަނީ މިހާރު ﷲ ރަޙްމަތްތެރިޔާގެ މަތިން ހަނދުފުޅުވެސް ނެތިއްޖެ ހެންނެވެ."
ޖަވާބުގައި ބަލި މީހާ ބުންޏެވެ! "ކަލެއަށް ތިއަ އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ އަހަރެންނަށް މިހެން އޮންނަން ޖެހިފައި މިވަނީ އަހަރެން ވީއްލި ހުރިނަމަ ކުރެވިދާނެ ކިހައި ގިނަ، ބޮޑެތި ފާފަތަކުން ސަލާމަތްކޮށް ދެއްވެވުމުގެ ގޮތުން ނޫންކަން ކަލެއަށް އެނގެނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ވިސްނުން ރަނގަޅެވެ. އެހެންވީމާ ﷲ ތަޢާލާގެ މަތިން ހަނދުމަ ކުރެވެއެވެ. ދޫ ސަލާމަތުން އެބަ އޮތެވެ. ޛިކްރު ކުރެވެއެވެ. ހިތް މައްޗަށް ގެނެސް ނަމާދު ކުރެވެއެވެ. ދެން އަހަރެންނަސް މަދީ ކޮން ކަމެއް ހެއްޔެވެ؟ އިބިލީހުގެ އެޖެންޓަކަށް ހެދިގެން ތިއަބާވަތުގެ ވާހަކަތައް ދައްކަން ދެން މިގެއަށް ނާންނާށެވެ!"
ބަދަވީންގެ މީހާއަށް ޖެހުނީ ބަސް ހުސްވެ، ބުނާނެ އެއްޗެއް ނުއެނގިގެން މަޑުމަޑުން ހުންނާށެވެ! ކުޑަ އިރުކޮޅަކު މަޑުން ހުރުމަށްފަހު އެންމެފަހުން އޭނާ ވަނީ ބަލިމީހާގެ ކިބައިން މަޢާފަށް އެދިފައެވެ.
ނިކަން ބުނެބަލާށެވެ! އެ ބަލިމީހާގެ ވިސްނުން އަހަރެމެން ގަދަވެ ސަލާމަތުން ތިބި މީހުންގެ ކިބައިގައި އެބަހުރިހެއްޔެވެ؟ ރަޙްމަތެެއްގެ ގޮތުން ނޫނީ މުޞީބާތެއް ކުރިމަތި ނުކުރައްވަވާނެކަން ޤަބޫލުކުރެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އަހަރެމެން މިއަދު ބަލިކަށިވެ ނިކަމެތިވަމުން މިދަނީ އެ ބަލި މީހާގެ ކިބައިގައި ހުރި ފަދަ އީމާންކަމެއް ނެތުމުންނެވެ. އެފަދަ ބަލިހާލުގައިވެސް ބަދަވީގެ މައްޗަށް ބަލިމީހާއަށް ގަދަވެ ގަނެވުނީ ހަމަ އީމާންކަން ވަރުގަދަވުމުންނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން