އަންނިގެ "ހިޑްން އެޖެންޑާ"ގައި އޮތީ، ރަލުގެ ވިޔަފާރިއަށް މީހުން އުޅޭ ރަށްރަށުގައި ހުއްދަ ދިނުން ކަމަށް ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް ޝަފީޢު މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މާލޭގެ ހޮޓާތަކުގައި ބަނގުރާ ވިއްކުން ހުއްދަކުރަން ޤަވާއިދެއް ހަދައި އިކޮނޮމިކް މިނިސްޓްރީން ހާމަވެސް ކުރިއެވެ.
މީހުން ދިރިއުޅޭ ރަށްތައް ދެބުރިކޮށް އެއްބުރިއަކީ ރިޒޯޓަކަށް ހަދައި ރިޒޯޓެއްގައި ކުރަން ހުއްދަ ދޭ ހުރިހާ ކަމެއް ކުރެވޭ ބައިތަކެއް ކަމަށް ހަދަންވެސް ޤަވާއިދުތައް ހަދައިން ބައެއް ރަށްރަށް ދެބުރިވެސް ކުރަން ނިންމިއެވެ. އެކަންކަން ނުކުރެވުނީ އެކަންކަމާއި ދެކޮޅަށް ރައްޔިތުން މަގުމައްޗަށް ނުކުތުމުންނެވެ.
ރައީސް ނަޝީދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރަށްރަށުގައި ގެސްޓް ހައުސް ހިންގާ މީހުންނަކީ އެމަނިކުފާނުގެ ބައިވެރިން ކަމަށް ހަދައި އެކަންކަން ކުރުމުން އެމީހުންނަށް ލިބޭނެ މުއްސަނދިކަން ހަތިޔާރަކަށް ބޭނުންކޮށް، ރައްޔިތުންގެ ތާއީދު އިތުރުކޮށްގެން މިފަދަ ހުއްދަތައް ދިން ނަމަވެސް ރައްޔިތުން ހިމޭން ކުރުވާފައި ބައިތިއްބުވަން ކަމަށް ގިނަ ބައަކު ބުނެއެވެ.
އަދި މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ކޮންމެ ގޮތަކުން ނަމަވެސް މެޖޯޜިޓީ ހޯދަން މަސައްކަތް ކުރާ ސަބަބަކީ މިފަދަ ކަންކަން ކުރެވޭނެ ބަދަލުތައް ޤާނޫނަށް ގެންނަން ކަމަށްވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ.
މިމޭރުމުން ވިދާޅުވާ ބޭފުޅުން މިހައި ޔަޤީން ކަމާއިއެކު މިމޭރުމުން ވިދާޅުވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި މިކަންކަން ކުރައްވަން ނިންމަވައި އެކަން އިއުލާނުކުރައްވާފައިވާތީކަން ވެސް ފާހަގަ ކުރެވެއެވެ.