ފިނި މޫސުމެއްގައި މާލިކް ބިން ދީނާރު (ރަޙިމަހުﷲ) މަގެއް މަތިން ވަޑައިގަންނަވަނިކޮށް ވަރަށް ބައު އާދައިގެ ފޭރާމުގައި ހުރި ޒުވާނަކު މަގު އެއްކައިރީގައި ހުރެ ރޯތަން ފެނިވަޑައިގަތެވެވެ. އެހިނދު މިހައި ފިނި މޫސުމެއްގައި މަގުމަތީގައި ހުއްޓި ހުރެ ރޮނީ ކީއްވެތޯ ޒުވާނާ އާއި ސުވާލު ކުރެއްވެވިއެވެ.
ޒުވާނާ ދެންނެވިއެވެ. "މިތަނުގައި ހުރެ އަޅުގަނޑަށް ވަނީ ވަރަށް ކުރިން ފާފައެއް ކުރެވިފައެވެ. ވީމާ މިތަން ފެންނަ ކޮންމެ ފަހަރަކު އެ ހަނދާންތައް އައުވެ އެކަމާއި ދެރަވެ ރޮވެނީއެވެ."
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކުރެވިފައިވާ ފާތަކާއިމެދު އަބަދުވެސް ހިތާމަކުރަންވާނެއެވެ! މިޒަމާނުގައި މަގުމަތީގައި ހުރެ ރޯން ބުނަނީއެއް ނޫނެވެ! ޓްރެފިކާއި ހިނގާ މީހުންގެ އަދަދު މާގިނަވެއްޖެއެވެ. އަދި މުހިންމީ ކޮންމެހެން ފާފަކުރެވުނު ތަނުގައި ހުރެ ރުއިމެއް ވެސް ނޫނެވެ! ކޮންމެ ތަނެއްގައި ހުރެގެންވެސް ދެރަވެވިދާނެއެވެ! ހިތާމަކުރެވިދާނެއެވެ!
ކުރެވިފައިވާ ފާފަތައް ހިތް މައްޗަށް ގެނެސް ހިތާމަ ކުރުމަކީ އެފަދަ ފާފައެއް ދެން ނުކުރުމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދޭ ކަމެކެވެ. ކުރެވިފައިވާ ފާފަތަކަށް ތައުބާވެ ތައުބާ މަތީގައި ދެމިހުރުމަށް ހިތްވަރުލިބި، ބާރު ވެސް ލިބޭ ކަމެކެވެ. ވީމާ ކުރެވިފައިވާ ފާފަތަކާއިމެދުގައި ވިސްނައި އަބަދުވެސް ހިތާމަކުރަންވާނެއެވެ! އަދި އެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި އަބަދުވެސް ދުޢާކުރަންވާނެއެވެ! އަހަރެމެންގެ ދުޢާ ﷲ އިޖާބަ ކުރައްވަވާނެ ދުވަހެއް، ވަގުތެއް އަދި ކިތައް ފަހަރު ކުރުމުންކަން ހަމަ އެކަކަށްވެސް ނުއެނގޭނެތީއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން